Roadha Mihaaru
ޖަޕާނުން 112،000 ވެކްސިން ޑޯޒް ހަދިޔާކޮށްފި

ޖަޕާނުން 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި

22 އޯގަސްޓް 2021

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޖަޕާނު ސަރުކާރުން ރާއްޖެ އަށް 112،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން މިއަދު ހަދިޔާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޖަޕާނު ސަރުކާރުން ރާއްޖެ އަށް 112،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން މިއަދު ހަދިޔާކޮށްފި އެވެ.

ޖަޕާނުގެ "ލާސްޓް ވަން މައިލް ސަޕޯޓް" ގެ ދަށުން ރާއްޖެ އަށް މި ވެކްސިން ހަދިޔާކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ކޮވިޑްގެ ބަލިމަޑުކަމުން ދިފާއުވުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް ޖަޕާނުން ވަމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެ ގައުމުން ވަނީ އެމްބިއުލާންސް އާއި ޕީޕީއީގެ އިތުރުން ސިއްހީ އެކި ސާމާނު ރާއްޖެ އަށް ފޯރުކޮށްދީފަ އެވެ.

އެ ރަސްމިއްޔާތުގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ ކޮވިޑު ދަސްކޮށްދިން ފިލާވަޅަކީ ދުނިޔެ އަށް ކުރިމަތިވާ ބޮޑު ކާރިސާއެއްގައި އެއް ގައުމަކަށް އަމިއްލައަށް އޮވެ ކަންކަން ނުކުރެވޭނެކަން ކަމަށެވެ. އެގޮތުން ކޮންމެ ގައުމަކުން ވެސް އެ ގައުމަކަށް ވީ ވަރަކުން ކޮވިޑުން ދިފާއުވުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް ދަތިތައް ކުރިމަތިވިކަން ފާހަގަކުރެއްވި އެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި ސަފީރު ވަނީ ރާއްޖެ އަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ވަގުތެއްގައި ވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޖަޕާނުން މި ފޯރުކޮށްދިން ވެކްސިންއާ އެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވެކްސިންގެ އެހީގައި ނިއު ނޯމަލްއަކަށް ދެވި ސްކޫލުތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޖަޕާން ސަރުކާރުން ރާއްޖެ އަށް 112،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާން ސަރުކާރުން ރާއްޖެ އަށް 112،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފޮރިން މިނިސްޓްރީ

މިދިޔަ ޖުލައި މަހު ޖަޕާނުން ވަނީ އެ ގައުމުގައި އުފައްދާ ވެކްސިންގެ 30 މިލިއަން ޑޯޒް އެހެން ގައުމުތަކަށް ހަދިޔާކުރަން ނިންމިކަން އިއުލާންކޮށްފަ އެވެ. ރާއްޖެ އަށް ވެސް ވެކްސިން ފޯރުކޮށްދީފައި މިވަނީ އެ އެހީގެ ދަށުންނެވެ.

މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެ އަށް ލިބުނު ވެކްސިންގެ ހަތަރު ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި މަހުގެ ކުރީކޮޅު އެމެރިކާ އިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައިވާއިރު މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.