Roadha Mihaaru
އިންޑިއާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

26 މާޗް 2022

ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުންތަކަކީ ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އެއްގައުމުން އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމާއި، ރާއްޖޭގެ ހަޔަ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެވެ.

ފޮރިން މިނިސްޓްރީން ބުނީ ހެލްތު މިނިސްޓްރީ އާއި އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާއާ ދެމެދު ސޮއިކުރި ވެކްސިން ސެޓްފިކެޓާ ގުޅޭ އެއްބަސްވުމާ އެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ގިނަ ފަސޭހަތައް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން ފެށީ ވެސް އިންޑިއާގެ އެހީގައި ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންގަ އެވެ.

އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރެއްވިއިރު އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮވިޑް ސޭފް ވެބްސައިޓް މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް ދެ ގައުމުގެ މެދުގައި ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ދެން ސޮއިކުރީ ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓަރާ (އެން.އައި.ސީ) ދެމެދު ސޮއިކުރި ޕިއަރިން އެގްރިމެންޓެއްގަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ އެ ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ހަޔަ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް އާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމުކުރައްވައިފަ އެވެ. އޭގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ޖައިޝަންކަރު ރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރެއް ކުރައްވަނީ ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކެށެވެ. އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ މި ދަތުރުގައި ހުޅުވަން ހަމަޖެހިފައިވެ އެވެ.