Roadha Mihaaru
ހުރާ އިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 90އަށް އަރައިފި

ހުރާ އިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 90 އަށް އަރައިފި

29 މާޗް 2021

މާލެ ފިޔަވައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ކ. ހުރައިން އެ ބަލި ޖެހުނު މީހުންގެ އަދަދު 90 އަށް އަރައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލެ ފިޔަވައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ކ. ހުރައިން އެ ބަލި ޖެހުނު މީހުންގެ އަދަދު 90 އަށް އަރައިފި އެވެ.

އެ ރަށުން އެންމެ ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ބަލިވެ ހާލު ބޮޑުވެގެން މާލެ ގެނައި އުމުރުން ދުވަސްވީ މީހެކެވެ. އޭގެ ފަހުން އޭނާއާ ގުޅުން ހުރި މީހުންނާއި ގުޅުން ނެތް މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

ހުރާ ސިއްހީ މަރުކަޒުން ބުނިގޮތުގައި މިއަދު ވެސް އެ ރަށުން ވަނީ 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ވޭތުވެ ދިޔަ ހަފުތާއެއްގެ ތެރޭގައި އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 90 އަށް އެރީ އެވެ.

މިހާތަނަށް އެރަށުން 449 ސާމްޕަލް ނަގާފައިވާއިރު، 289 މީހެއްގެ ސާމްޕަލް ނެގެޓިވް އެވެ. ނަތީޖާ ނުލިބޭ އަދި 70 ސާމްޕަލް އުޅެ އެވެ.

"އެންމެ ފުރަތަމަ މީހާ އަށް ބަލި ޖެހުނީ ކިހިނެއް ކަމެއް އަދިވެސް ނުހޯދޭ. އެކަމަކު މިހާތަނަށް ވަކި ރަށެއްގެ ކްލަސްޓާއަކާ ގުޅުން ހުރި ކަމަކަށް ނުބެލެވޭ،" ސިއްހީ މަރުކަޒުުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހުރާގެ އިތުރުން ޅ. ނައިފަރުން ވެސް ގިނަ ބަޔަކަށް މިއަދު ވަނީ ކޮވިޑް ޖެހިފަ އެވެ.

ނައިފަރަށް ކޮވިޑް ދިޔައީ، އެ ރަށް ކައިރީގައި އޮންނަ ޅ. ފެލިވަރުންނެވެ. ފެލިވަރުން ކޮވިޑް ޖެހުނު މުވައްޒަފުންގެ ތެރޭގައި ނައިފަރުގެ މީހުން ގިނަ އެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި އެ މީހުންނާ ގުޅުން ހުރި އިތުރު 17 މީހަކަށް މިއަދު ބަލި ޖެހިފައިވާ ކަމަށެވެ. އެހެންވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމުލަ މިހާރު 31އަށް އެރީ އެވެ.

އެ ރަށުން ވަނީ ރެންޑަމް ސާމްޕަލްގެ ގޮތުގައި 1022 ސާމްޕަލް ނަގާފަ އެވެ. އެކަމަކު އޭގެ ނަތީޖާއެއް އަދި ނުލިބެ އެވެ.

ކޮވިޑްގެ ހާލަތު މިހާރު ރަށްރަށުގައި ގޯހެވެ. މީގެ ކުރިން ބަލި ނުފެތުރޭ ވަރަށް މިހާރު ރަށްރަށުގައި ބަލި ފެތުރިފައިވާއިރު ކޮވިޑްގެ ބިރުވެރިކަން އޮތުމުން 13 ރަށަކަށް ވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ.