Roadha Mihaaru
މިއީ ކޮވިޑްގައި ނައިފަރުގެ ތިން ވަނަ މަރު

މިއީ ކޮވިޑްގައި ނައިފަރުގެ ތިން ވަނަ މަރު، އިތުރު މީހެއްގެ ހާލު ވެސް ވަރަށް ސީރިއަސް

06 މެއި 2021

ކޮވިޑް-19ގައި މިއަދު ޅ. ނައިފަރުން މީހަކު މަރުވި އިރު، މިއީ އެ ބަލީގައި އެ ރަށުން މަރުވި ތިން ވަނަ މީހާ ކަމަށް، ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގައި މިއަދު ޅ. ނައިފަރުން މީހަކު މަރުވި އިރު، މިއީ އެ ބަލީގައި އެ ރަށުން މަރުވި ތިން ވަނަ މީހާ ކަމަށް، ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ކޮވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ ނައިފަރުގައި އެންމެ ފުރަތަމަ މީހަކު މަރުވީ، އެ އަތޮޅު ހިންނަވަރުގެ ބަލި މީހެކެވެ. އޭގެ ފަހުން، އެ ރަށުގެ މީހަކު ވެސް ކޮވިޑްގައި ވަނީ މަރުވެފަ އެވެ. މި ދެ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.

ނައިފަރުގައި މިއަދު މަރުވީ، ކޮވިޑް ބަލީގައި ހާލު ދެރަވެގެން ހަފުތާއެއް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހެކެވެ. މިހާރު ވެސް، އެ ހޮސްޕިޓަލުގައި ހާލު ބޮޑު ބަލި މީހަކު އެބަ އޮތެވެ. ހޮސްޕިޓަލުން ބުނާ ގޮތުން، އުމުރުން ދުވަސްވީ އެ އަންހެން މީހާގެ ހާލު ވެސް ވަރަށް ސީރިއަސް އެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އަރައިފޭބުން މަނާކޮށްފައިވާތާ ދޮޅުމަސް ވެފައިވާ ނައިފަރުގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެ ބަލި ޖެހިފަ އެވެ. ކޮވިޑް ބަލީގެ 328 މީހުން މިހާރު ވެސް ނައިފަރުގައި އެބަތިއްބެވެ. ރަށުން އެންމެ ފުރަތަމަ ކޮވިޑް ފެނުނުތާ ދޮޅުމަސް ވެފައިވާއިރު އަދިވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކަށް ބަލި ޖެހެ އެވެ. އިއްޔެ ވެސް 38 މީހަކަށް ބަލި ޖެހުނެވެ.

ރާއްޖޭގައި މާލެ ފިޔަވައި އެންމެ ހާލަތު ގޯހީ ނައިފަރުގަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް، މުޅި ގައުމު އެލާޓަށް އައިސްފަ އެވެ. ކޮންމެ ދުވަހަކު ވެސް އެ ބަލި ޖެހެނީ ރެކޯޑް އަދަދަކަށެވެ.