Roadha Mihaaru
ޓްރެފިކް ޖޫރިމަނާތަކަށް ލުޔެއް ހޯދައިދޭން ހުށައަޅައިފި

18 އަހަރު ނުވަނީސް ކޮށްފައިވާ ޖޫރިމަނާތަކަށް ލުޔެއް ހޯދައިދޭން މަޖިލީހަށް މައްސަލައެއް

30 މާޗް 2021

އުމުރުން 18 އަހަރު ވުމުގެ ކުރިން ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާވެފައިވާ ޒުވާނުންނާއި ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދޭން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުމުރުން 18 އަހަރު ވުމުގެ ކުރިން ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާވެފައިވާ ޒުވާނުންނާއި ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދޭން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ހަސަން ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ގޮވައިލެއްވީ ޖޫރިމަނާވެފައިވާ ފަރާތްތަކަށް ލުއި ހޯދައިދޭން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ ގަވައިދުތައް ހެދުމަށެވެ. އެ ގާނޫނު ފާސްކުރީ މިދިޔަ އަހަރު އެވެ.

ޓްރެފިކް ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާއަށް ލުއިދެވޭނެ ގޮތްތައް އެ ގާނޫނުގައި އޮވެ އެވެ.

ހަސަން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ޖޫރިމަނާތަކުގެ ސަބަބުން ޑްރައިވިން ލައިސަންސް ނުނެގި ތިބި އެތައް ޒުވާނުންނަކާއި ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ނުދެއްކިގެން ފުލުހުން ލައިސަންސްް ހިފަހައްޓާފައިވާ ގިނަ ފަރާތްތަކެއް ވެސް އެބަ ތިބި ކަމަށެވެ.

"...އެ ފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަަމުންދާ ދިއުމަކީ އޭގެ ސަބަބުން އެ ފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެކެވެ،" މައްސަލައިގައި ބުނެފައިވެ އެވެ.

އޭގައި ހިމަނާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު 2،365 ފަރާތް އަދި މިދިޔަ އަހަރު 2،658 މީހުން ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާކުރި އެވެ. އޭގެ ތެރެއިން އެތައް ބަޔަކީ، ހަސަން ވިދާޅުވި ގޮތުގައި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޖޫރިމަނާއާ ކުރިމަތިވި މީހުންނެވެ. އެގޮތަށް ޖޫރިމަނާވުމުގެ ސަބަބުން ދައްކަން ޖެހޭ ފައިސާގެ އަދަދު އެތައް ހާހަކަށް އަރަ އެވެ.

ހުށަހެޅި ހައްލު

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ ފަރާތްތަކަށް ލުޔެއް ދޭން އޭނާ ހުށަހެޅުއްވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބުނެފައިވާ ފިޔަވަޅެވެ. އެއީ ޖޫރިމަނާގެ ބަދަލުގައި މުޖުތަމައަށް ހިދުމަތެއް ކުރުވުމެވެ. އެފަދަ މަސައްކަތެއް ކުރުވާ ގޮތަށް ޖޫރިމަނާ މައާފްކުރެވޭނީ އެ ގާނޫނުގައިވާ ގޮތުން، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 10،000 އަށް ވުރެ މަތިވެފައިވާ މީހުންނަށެވެ. އެމީހުންގެ ޖޫރިމަނާ ކޮމިއުނިޓީ ސާވިސްއަށް ބަދަލުކުރަން ކޯޓަށް ހުށަހަޅަން ޖެހޭނީ މޯލްޑިވްސްް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިންނެވެ.

ގާނޫނުގައިވާ އެ ލުއި، އެއްވެސް މީހަކަށް އަދި ނުދީ އޮތީ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ނުހަދާ އޮތުމުންނެވެ. އެ ގަވައިދު ހެދުމަށާއި، ގަވައިދު ހަދާ އިރު ވަކި ކަންތައްތަކެއް ހިމަނަން ވެސް ހަސަން ހުށަހެޅުއްވި އެވެ.

އެގޮތުން ކޮމިއުނިޓީ ސާވިސްއަށް ޖޫރިމަނާ ބަދަލުކުރެވޭނެ ހާލަތްތަކާއި އެގޮތުން މަަސައްކަތް ކުރުވޭނެ ތަންތަނާއި ކުރުވޭނެ މަސައްކަތްތައް ހިމެނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޔުނިޓީ ސާވިސްގައި ކުރާ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާއަށް ފައިސާ ނެގޭނެ އުސޫލުތައް ވެސް ގަވައިދުގައި ހިމެނިދާނެ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ ގާނޫނު ތަސްދީގުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދު ހަދަން ޖެހޭ ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް އަދިވެސް ލުޔެއް ލިބިފައި ނުވަނީ އެ ގަވައިދު ނުހަދައި އޮތުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން އަދި މިތިބީ އެ ހިސާބުން ވެސް އަދި ދޫކޮށްލާ ގޮތަަކަށް ނޫން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ލައްވައި އެ ގަވައިދު ވެސް ހައްދުވާނީ އެމްޑީޕީން ކަމަށެވެ.

ހަސަން ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު ކުރި ބަހުސްގައި ވާހަކަދެއްކެވި ގިނަ މެމްބަރުން އެކަމަށް ތާއީދުކުރެއްވި އެވެ.