Roadha Mihaaru
ދިވެހިންނާ ކައިވެނި ކުރުމުން ދާއިމީ ލައިސަންސް

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދާއިމީ ލައިސަންސް ލިބޭ ގޮތް ހަދައިފި

05 ޖޫން 2022

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިމީ ލައިސަންސް ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ލިބޭ ގޮތަށް މިއަދު ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިމީ ލައިސަންސް ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ލިބޭ ގޮތަށް މިއަދު ހަދައިފި އެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިންސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރި އިރު، އެ ގަވާއިދުގެ މައިގަނޑު ތިން މާއްދާއަކަށް ބަދަލު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނަށް ލައިންސަންސް ދޫކުރުމާ ގުޅޭ ގޮތުން ހުރި ކަންކަމެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ބިދޭސީންނަށް ދެނީ އެއް އަހަރު ދުވަހުގެ ވަގުތީ ލައިސަންސެކެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ޖެހެނީ ލައިސަންސް އާކުރާށެވެ.

ނަމަވެސް، ގަވާއިދަށް ގެނައި އިސްލާހާ އެކު، ބިދޭސީންގެ ތެރެއިން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ދާއިމީ ލައިސަންސް ލިބޭނެ އެވެ. ދިވެހިންނާ އެއްގޮތަށް އެ މީހުންނަށް ވެސް ދާއިމީ ލައިސަންސް ދޫކުރާނީ 10 އަހަރަށެވެ.

އެ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ އެވެ.

މި އިސްލާހަށް އަމަލުކުރަން ފެށިއިރު، ދިވެހިންނާ ކައިވެނިކޮށް އުޅޭ ބިދޭސީންގެ ތެރެއިން ލައިސަންސް އޮތް މީހުންނަށް ފޯމު ހުށަހަޅައިގެން އެ ލައިސަންސް ދާއިމީ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.