Roadha Mihaaru
ޑްރައިވިން ސްކޫލްގެ ގަވައިދަށް އިސްލާހުތަކެއް ގެންނަނީ

ޑްރައިވިން ސްކޫލްގެ ގަވައިދަށް އިސްލާހުތަކެއް ގެންނަނީ

14 ޖެނުއަރީ 2022

ޑްރައިވިން ސްކޫލްތައް ހިންގުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި އާއްމުކުރި ގަވައިދަށް އިސްލާހު ގެންނަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑްރައިވިން ސްކޫލްތައް ހިންގުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި އާއްމުކުރި ގަވައިދަށް އިސްލާހު ގެންނަން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އާއްމުކުރި ގަވައިދުގައިވާ ގޮތުން ލައިސަންސް ހޯދަން ދުއްވަން ދަސްކުރާއިރު ޑްރައިވިން ސްކޫލްގައި ވަކި މުއްދަތެއް ވަންދެން ދުއްވަން ޖެހެ އެވެ. އަދި ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަކީ ވެސް ޑްރައިވިން ސްކޫލެއްގައި މަސައްކަތްކުރާ، ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު، އެކަމުގެ ލައިސަންސް ލިބިފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކުރެ އެވެ.

ނަމަވެސް ހުއްދަ ލިބިފައިވާ ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރުމަށް ފަހު، ލައިސެންސް ހޯދުމަށް އެދެވޭ ގޮތަށް އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެއް ބައެއްގެ ކަންބޮޑުވުމަކީ ޑްރައިވިން ސްކޫލް ނެތް ރަށްރަށުން ލައިސެންސް ނަގާ ނަމަ ބޮޑު ހަރަދެއް ކޮށްގެން މާލެއަށް އަންނަން ޖެހުމެވެ.

އެނގިފައިވާ ގޮތުގައި، އެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޑްރައިވިން ސްކޫލް ހިންގުމުގެ ގަވައިދަށް އިސްލާހުތަކެއް ގެންނަން ނިންމައިފަ އެވެ. މައިގަނޑު ގޮތެއްގައި ގެންނަން ނިންމާފައިވަނީ ޑްރައިވިން ސްކޫލެއްގައި ނޫނަސް އިންސްޓްރަކްޓަރުން ތިބެވޭ ގޮތަށްކަން "މިހާރު" އަށް އެނގިފައިވެ އެވެ. އަދި އެކަމަށް ކަނޑައަޅާ ޝަރުތުތައް ވެސް ފަސޭހަކުރަން ހަމަޖައްސާފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސާކިއުލާއެއްގައި ބުނީ ޑްރައިވިން ސްކޫލާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގަވައިދާ ގުޅޭ ކަންކަން ފުރިހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭ ކަމަށެވެ. އެހެންވެ، އެކަންކަން ފުރިހަމަކުރުމަށް ފަހު، އެ ގަވައިދަށް އަމަލުކުރަން ޖެހޭނީ އޭޕްރީލް 11، 2022 ގަ އެވެ.

އެ ގަވާއިދުގައިވާ ގޮތުން، ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރާއިރު، އެކި ބާވަތުގެ އުޅަނދުތައް ދުއްވަންޖެހޭ މުއްދަތު ތަފާތެވެ. ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެ އެވެ. އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް ގަވައިދުގައިވެ އެވެ.

ދުއްވަން ދަސްކޮށްދޭން ޑްރައިވިން ސްކޫލްތަކަށް ވެސް އެންމެ ގިނަވެގެން ނެގޭނެ ފީގެ އަދަދުތައް ވެސް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

ސައިކަލާއި ކާރު ފަދަ އުޅަނދުތައް ދުއްވަން ދަސްކޮށް ދޭން އެންމެ ގިނަވެގެން ނެގޭނީ ކޮންމެ ކެޓަގަރީއަކަށް 1،500ރ. އެވެ. އެ އުސޫލާ ހިލާފުވާ ޑްރައިވިން ސްކޫލްތަކުގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށާއި އެފަދަ ތަންތަނުގެ ލައިސަންސް ބާތިލް ކުރާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.