Roadha Mihaaru
ކަރަންގެ އެސިސްޓަންޓަކަށް ސައިފްގެ ދަރިފުޅު އިބްރާހީމް

ކަރަން ޖޯހަރްގެ އެސިސްޓަންޓަކަށް ސައިފްގެ ދަރިފުޅު އިބްރާހީމް އަލީ ޚާން

01 އެޕްރީލް 2021

ސައިފް އަލީ ޚާންގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމު ކުޅެން ފެށުމުގެ ކުރިން ފިލްމު މޭކިން ޕްރޮސެސް ދަސްކުރަން ޑައިރެކްޓަރު ކަރަން ޖޯހަރާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިފް އަލީ ޚާންގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމު ކުޅެން ފެށުމުގެ ކުރިން ފިލްމު މޭކިން ޕްރޮސެސް ދަސްކުރަން ޑައިރެކްޓަރު ކަރަން ޖޯހަރާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕިންކްވިލާ އިން ބުނީ ދާދި ފަހުން ރާއްޖޭގައި އާއިލާއާ އެކު ޗުއްޓީ ވެސް ހޭދަކުރި އިބްރާހީމް، 20، މަސައްކަތްކުރާނީ ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކު ކަރަން ހަދަން ނިންމާފައިވާ ލޯބީގެ ފިލްމުގައި ކަމަށެވެ. މީގެ ޝޫޓިން މި އަހަރުގެ ޖޫން/ޖުލައި ހިސާބުގައި ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ކަރަން މިހާތަނަކަށް ނުދައްކަ އެވެ.

މިދިޔަ އަހަރުން ފެށިގެން މި ފިލްމެއްގެ ވާހަކަ ދެކެވެނީ ކަރަން ބޮޑު ކާސްޓަކާ އެކު ހަދަން ނިންމާފައި އޮތް ބޮޑު ބަޖެޓް ފިލްމު "ތަޚުތު" ގެ މަސައްކަތް އެކިއެކި ސަބަބުތަކާ ހެދި ކުރިއަށް ނުގެންދެވި އޮތުމާ ގުޅިގެންނެވެ.

އެ ފިލްމަކީ އާލިއާ އާއި ރަންވީރާއި ކަރީނާ ކަޕޫރާއި ވިކީ ކޯޝަލާއި ޖާންވީ ކަޕޫރާއި އަނިލް ކަޕޫރާއި ބޫމީ ޕިޑްނޭކަރާ އެކު ހަދަން 2018 ގައި އިއުލާންކުރި ފިލްމެކެވެ. އެކަމަކު އެ ފިލްމުގެ މަސައްކަތް "ވާނުވާގައި" އޮތުމުން އޭގެ ކުރިން އާލިއާ އާއި ރަންވީރާ އެކު ޒުވާން ލޯބީގެ ފިލްމެއް ގެނެސްދޭން ކަރަން ނިންމީ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ތަޚުތު" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ޝާހްރުކް ޚާންގެ ދަރިފުޅު އަރިޔަން ޚާން މަސައްކަތްކުރާނެ ކަމަށް ވެސް ކުރިން އަޑު އެރި އެވެ.

ކަރަންގެ އާ ފިލްމުގެ އެސިސްޓަންޓެއްގެ ގޮތުގައި އިބްރާހީމް މަސައްކަތްކުރަން ހަމަޖެހިފައިވާ އިރު، ފިލްމުގެ މަންޒަރުތައް ނަގާނީ އިންޑިއާގެ އެކި ހިސާބުތަކުގައި އަސްލު ލޮކޭޝަންތަކުގަ އެވެ.

ބަތަލާ ސާރާ އަކީ ޚާންގެ ކޮއްކޮ އިބްރާހީމަކީ އަދި ކިޔަވަމުން އަންނަ ޒުވާނެކެވެ. އެ ދެ މީހުންގެ މަންމަ އަކީ ބަތަލާ އަމްރިތާ ސިންގް އެވެ.

ކަރަންއާ އެކު އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކޮށް ކުރުމަށް ފަހު، ފިލްމު ކުޅެން ފެށި އެކްޓަރުންގެ ތެރޭގައި އޭނާގެ 2012 ގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ލޯންޗްކުރި ވަރުން ދަވަނާއި ސިދާތު މަލްއުތުރާ ހިމެނެ އެވެ. އެ ދެ ތަރިން އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރީ ޝާހްރުކް ޚާނާއި ކާޖޮލްއާ އެކު ކަރަން 2010 ގައި ގެނެސްދިން "މައި ނޭމް އިޒް ޚާން" ގަ އެވެ.

ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ ޒުވާން ތަރިންގެ ތެރެއިން ބައެއް ތަރިންނަކީ ފިލްމު ކުޅެން ފެށުމުގެ އެކިއެކި ޑައިރެކްޓަރުންނާ އެކު އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހުންނެވެ. އޭގެ ތެރޭގައި ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި މީޒާން ޖެފްރީ ފަދަ ބައެއް ތަރިން ހިމެނެ އެވެ.