Roadha Mihaaru
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދަނީ

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުުތީ މިސްކިިތެއް ހަދާނެ ބަޔަކު ހޯދަނީ

31 މާޗް 2021

ޒިކުރާ މިސްކިިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޒިކުރާ މިސްކިިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މަޖީދީ މަގުގައި، އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ކުރީ ސަރުކާރުން ވެސް ހަވާލުކުރި އެވެ. އެކަމަކު އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ އެގްރިމެންޓް ފަހުން ބާތިލްކުރި އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ރޭވި 130 މިލިއަން ރުފިޔާގެ މަޝްރޫއުގައި އެޑްވާންސް ފައިސާގެ ގޮތުގައި ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާ އެސްޖޭ އަށް ދިނެވެ.

އެ މަސައްކަތް ފެށުން ލަސްވާތީ އިމާރާތް ހުންނަ ތަނަށް ކުނި އަޅައި، އެތަން ހަޑިކުރާތީ، އެތަން ތަޅާލައި، ސާފުކުރަން ވެސް މިދިޔަ އަހަރު ފެށި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ތަނުގައި ވަގުތީ މިސްކިތެއް ހަދަން ޝައުގުވެރިވާ ފަރާތްތަކުން، މާދަމާ ހަވީރު 4:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ވާން [email protected] އަށް އީމެއިލް ކުރާ އިރު، އީމެއިލްގެ ސަބްޖެކްޓް ލައިންގެ ގޮތުގައި އިއުލާން ނަންބަރު ލިޔަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވި ނަމަވެސް އަންދާސީހިސާބު ހުށަހަޅަން ދާން ޖެހޭނީ މިނިސްޓްރީ އަށެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ކަމަށާއި ރަޖިސްޓްރީވެވުނު ކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:30 ގައި، މިނިސްޓްރީގަ އެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރަން އެސްޖޭ އަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތާ އެކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުންނެވި އިބްރާހިމް އަބްދުﷲ ސައީދު، މ. މުހައްމަދީއާބާދުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.