Roadha Mihaaru
ތަރައްގީކުރަން އެނގޭނީ އައްޑޫ ރައްޔިތުންނަށް: ނިޒާރު

އައްޑޫ ތަރައްގީކުރާނެ ގޮތް އެނގޭނީ އައްޑޫ ރައްޔިތުންނަށް: ނިޒާރު

01 ފެބުރުއަރީ 2020

އައްޑޫ ތަރައްގީކުރާނެ ގޮތް އައްޑޫ ރައްޔިތުންނަށް ނޫން އެހެން ބަޔަކަށް ނޭނގޭނޭ ކަމަށާއި ތަރައްގީގެ ޕްލޭންތައް އެބަހުރި ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރެއްވި އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ތަރައްގީކުރާނެ ގޮތް އައްޑޫ ރައްޔިތުންނަށް ނޫން އެހެން ބަޔަކަށް ނޭނގޭނޭ ކަމަށާއި ތަރައްގީގެ ޕްލޭންތައް އެބަހުރި ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރެއްވި އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ މައްޗަށް، އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވި ނިޒާރު ހުޅުދޫ-މީދޫ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ އެންމެން ގުޅިގެން އައްޑޫ ތަރައްގީކުރެވޭނެ ކަމަށެވެ.

"އެކަން ކުރާނެ ގޮތް އެހެން ބަޔަކަށް ނޭގޭނެ. އައްޑޫ ތަރައްގީކުރާނެ ގޮތް އެނގޭނީ އައްޑޫ ރައްޔިތުންނަށް. އަޅުގަނޑުގެ ޕްލޭންތަކެއް އެބަހުރި. އެހެންވީމާ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ އެ މަސައްކަތްކުރާނަން،" ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުތަކެއް އައިސް ގޮސްފައިވާ އިރު، ރައްޔިތުން ބޭނުންވާ ވަރުގެ ތަރައްގީއެއް ކުރިއެރުމެއް މިހާތަނަށް އައްޑުއަކަށް ލިބިފައެއް ނެތެވެ. ނަމަވެސް ރައްޔިތުން މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ފުރުސަތުދޭ އާ ލީޑަޝިޕާ އެކު، އައްޑު އަށް ބޮޑެތި ކުރިއެރުންތަކެއް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

"މި ޕްރައިމަރީން އެނގިގެން ދިޔަ އެއް ކަމަކީ ރައްޔިތުންގެ އިތުބާރު އަޅުގަނޑަށް އޮތްކަން. އެމްޑީޕީގެ މެމްބަރުންގެ އިތުބާރު އަޅުގަނޑަށް އޮތްކަން،" ނިޒާރު ވިދާޅުވި އެވެ. "އެހެންވީމާ ޕާޓީގެ ރޫހާއި ވިސްނުމާ އެއްގޮތަށް ކުރިއަށް ދާންވާނީ. ބައެއް ފަހަރު ފެއިލް ވިޔަސް އެއީ ޕާޓީގެ ރޫހާއި ޕާޓީގެ ކެންޑިޑޭޓާ އެކު ކުރިއަށް ދާންވާނީ."

"މި ޕްރައިމަރީން އެނގިގެން ދިޔަ އެއް ކަމަކީ ރައްޔިތުންގެ އިތުބާރު އަޅުގަނޑަށް އޮތްކަން. އެމްޑީޕީގެ މެމްބަރުންގެ އިތުބާރު އަޅުގަނޑަށް އޮތްކަން."

ނިޒާރު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި އައްޑޫގެ މެޖޯރިޓީ ވެސް އެމްޑީޕީ އަށް ލިބުމަކީ ވަރަށް އެދޭ އަދި އެހާމެ މުހިއްމު ކަމަކަށް ވާނެ އެވެ. އެއީ އެއް ފިކުރެއްގައި މަސައްކަތްކުރާ ބަޔަކު ކައުންސިލްގައި ތިބޭ ނަމަ ކަންކަން ކުރަން ފަސޭހަވާނެތީ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުން އެ ފުރުސަތު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށާއި އެމްޑީޕީގެ މެމްބަރުން އެކައްޗެއް ކިޔައިގެން އިންތިހާބާ ކުރިމަތިލައިފި ނަމަ ކާމިޔާބުވާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ މިހާރުގެ މޭޔަރު ސޯބެ ވެސް ހުންނެވީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދެއްވަން ކުރައްވަން ޖެހުނު ކޮންމެ މަސައްކަތްތަތެއް ކުރައްވަން ތައްޔާރަށް ކަމަށާއި އެމްޑީޕީގެ އައްޑޫގެ ހުރިހާ ސަޕޯޓަރުން ވެސް ތިބެން ވާނީ އެ ރޫހުގައި ކަމަށެވެ.

"މިކަހަލަ ކަންކަމާ ކުރިމަތިލާ އިރު އަބަދު ވެސް އޮންނާނީ ކާމިޔާބީ އާއި ނާކާމިޔާބީ. އަދި ކުރިއަށް ދާން ވާނި އެކަންކަމުން ފިލާވަޅު ލިބިގެން. ނާކާމީޔާބީ އަކީ ވެސް ކުރިއަށްދާން ލިބޭ ހިތްވަރެއްގެ ގޮތުގައި ބަލައިގަންނަންވާނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު އަބަދު ވެސް ހުންނާނީ އެންމެންނާ ގުޅިގެން އެކީގައި މަސައްކަތްކުރަން."

ނިޒާރު ވަނީ އައްޑޫ ސިޓީ ކައުންސިލް ހިންގުމުގައި ވަކިން އޮންނަ ހުޅުދު އާއި މީދު އަށް އިދާރީ ގޮތުން ހުރި ދަތިތައް ވެސް ހައްލުކޮށް ދެއްވައި، ފުރިހަމަ ސިޓީ ކައުންސިލެއްގެ ގޮތުގައި އައްޑޫ ކައުންސިލް ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.