Roadha Mihaaru
ގްރީންހައުސް ފާމިން ޕްރޮޖެކްޓެއް އައްޑޫގައި

ގްރީންހައުސް ފާމިން ޕްރޮޖެކްޓެއް އައްޑޫގައި

03 އެޕްރީލް 2021

ގްރީންހައުސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ހާއްސަ ޕްރޮޖެކްޓެއް "އައްޑޫ ކޮމިއުނިޓީ ފާމިން ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމައި އޭގެ އަމަލީ މަސައްކަތްތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގްރީންހައުސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ހާއްސަ ޕްރޮޖެކްޓެއް "އައްޑޫ ކޮމިއުނިޓީ ފާމިން ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމައި އޭގެ އަމަލީ މަސައްކަތްތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ގައުމީ ޔުނިވަސިޓީ އާއި އައްޑޫ ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އޭޕީސީ އާއި ގައުމީ ޔުނިވަސިޓީން ބުރާސްފަތި ދުވަހު ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ވެސް ކޮށްފައިވެ އެވެ. އޭޕީސީން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ގްރީންހައުސްތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އައްޑު އަށް ގެނެވޭނެ ކަމަށެވެ. އެގޮތުން ކޮންމެ ގްރީންހައުސް އަކީ 1،000 އަކަފޫޓްގެ އެއްޗެހި ކަމަށާއި، މަޝްރޫޢުގެ ދަށުން އުފައްދާ ތަކެތި ވިއްކާނެ ސޭލްސް އައުޓްލެޓެއް ވެސް ގާއިމުކުރާނެ ކަމަށް ބުންޏެވެ.

އޭޕީސީން ބުނީ މި ޕްރޮޖެކްޓްގެ އެންމެ މައިގަނޑު ބޭނުމަކީ މުޖުތަމައަށް ފައިދާހުރި ކަމެއް ކުރުމެވެ. މިގޮތުން ދަނޑުވެރިކަމުގެ އިތުރުން ވެސް މި މަޝްރޫއުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން އެ ބުންޏެވެ.

އެގޮތުން ދެ އަހަރުގެ ތެރޭގައި ޕްރޮޖެކްޓްގެ ދަށުން ހިންގާ ހާއްސަ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 40 ދަނޑުވެރިންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން 40 ދަރިވަރުން ތަމްރީނުކޮށް، އަންހެންނުނާއި ޒުވާނުން ދަނޑުވެރިކަމުގ ތެރެއަށް ވަނުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުންޏެވެ.

އޭޕީސީން ބުނީ "ކޮމިއުނިޓީ ފާމިން ޕްރޮޖެކްޓް" އިން ޕްރޮމޯޓްކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ ގްރީންހައުސް ފާމިން ތައާރަފުކޮށް، އެ މަސައްކަތް ފުޅާކޮށް ދަނޑުވެރިކަން ކުރިއެރުވުމެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ކޮމިއުނިޓީ ފާމިން ޕްރޮޖެކްޓަކީ އެކުވެރި ދައުލަތްތަކުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ އެހީގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ.

އެގޮތުން ޕްރޮޖެކްޓަށް ޖެފް އިން 697،284 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ އިރު، އޭޕީސީން 1.2 މިލިއަން ރުފިޔާ، ގައުމީ ޔުނިވަސިޓީން 1.4 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި ކައުންސިލުން 100،000 ދިވެހި އައްޑޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން 244،000 ރުފިޔާ ހަރަދުކުރާނެ އެވެ.