Roadha Mihaaru
ދަނޑުވެރިކަމަށް އައްޑޫން ބިން ދޫކުރަން ހުޅުވާލައިފި

ދަނޑުވެރިކަމަށް އައްޑޫން ބިން ދޫކުރަން ހުޅުވާލައިފި

04 އެޕްރީލް 2020

އައްޑޫގައި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ބިން ދޫކުރަން ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ބިން ދޫކުރަން ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނިގޮތުގައި ދަނޑުހެއްދުމަށާއި އަލަ އޮޅުހެއްދުމަށް ބޭނުންވާ މީހުން އެކަމަށް އެދި އަވަށްތަކުގެ އޮފީސްތަކަށް މިހާރު މެއިލުން އެޕްލައިކުރޭނެވެ.

އައްޑޫގައި ދަނޑިވެރިކަން ކުރިއަރުވައި އެ މަސައްކަތް ފުޅާކުރަން މި ވަގުތު ކައުންސިލުން ނިންމީ ކޮރޯނާވައިރަހާ ވެސް ދިމާކޮށް މުޅި ދުނިޔޭގެ އިގުތިސާދަށް ލޮޅުން އަރައި، ދަތުރުފަތުރުގެ ހިދުމަތަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެވެ. އަދި ރާއްޖޭން ބޭރުން ކާބޯތަކެތި އެތެރެކޮށްގެން ބޭނުންކުރުމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް ސަރުކާރުން ދަނޑުވެރިކަން ފުޅާކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރު ހިއްސާވާ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ، އެ ތަކެތި މާކެޓްކޮށްދޭނެ ކަމަށް ބުނެފަ އެވެ.

އައްޑޫ ކައުންސިލުން ބުނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަން ކުރިއަށް އޮތް ތަނުގައި ފުޅާކުރުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން މިހާރު ވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން އެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދަން އިލްތިމާސްކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައި ދިނުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.

އައްޑު އަށް ބަލާ އިރު އެއީ ވިޔަފާރި އުސޫލުން އެހާ ފުޅާކޮށް ދަނޑުވެރިކަން ކުރާ ތަނެއް ނޫނެވެ. އެކަމަކު އައްޑޫގެ އަވަށްތަކުގެ ތެރެއިން ހުޅުދު އާއި މީދޫގެ އިތުރުން ހިތަދޫން ބިން ހޯދައިގެން ބައެއް މީހުން ދަނޑުވެރިކަންކޮށްގެން ކޮންމެވެސް ވަރެއްގެ ނަފައެއް ހޯދަ އެވެ.