ޅ. ނައިފަރުގައި ކޮވިޑް-19ގެ ބަލި މީހެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހު 22ގަ އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަން އޮތް ރ. އުނގޫފާރުން އެ ރަށަށް ދަތުރުކުރި މީހެއްގެ ގައިންނެވެ. އެ ކޭހަށް ފަހު މޮނިޓަރިންގައި އޮތް ނައިފަރުން ދެ ވަނަ ފަހަރަށް ކޮވިޑް ފެނުނީ، އެ އަތޮޅު ފެލިވަރުން ނައިފަރަށް ގެންދިޔަ މީހެއްގެ ގައިން، މިދިޔަ މަހު 25ގަ އެވެ.
04 އެޕްރީލް 2021
ޅ. ނައިފަރުގައި ކޮވިޑް-19ގެ ބަލި މީހެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހު 22ގަ އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަން އޮތް ރ. އުނގޫފާރުން އެ ރަށަށް ދަތުރުކުރި މީހެއްގެ ގައިންނެވެ. އެ ކޭހަށް ފަހު މޮނިޓަރިންގައި އޮތް ނައިފަރުން ދެ ވަނަ ފަހަރަށް ކޮވިޑް ފެނުނީ، އެ އަތޮޅު ފެލިވަރުން ނައިފަރަށް ގެންދިޔަ މީހެއްގެ ގައިން، މިދިޔަ މަހު 25ގަ އެވެ.
އޭގެ ފަހުން ޓެސްޓުކުރި އެންމެންހެން ދިޔައީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. ކުރިން ބަލިވި މީހުންނާ ގުޅުން ހުރި މީހުންނާއި ގުޅުމެއް ނެތް މީހުން ވެސް ހިމެނެ އެވެ. އޭގެ ފަހުން ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ނައިފަރުން ބަލިވި މީހުން 125 އަށް ވުރެ ވަނީ އިތުރުވެފަ އެވެ. މާލެ ފިޔަވައި ކޮވިޑް މި ވަގުތު އެންމެ ބޮޑަށް ފެތުރިފައި ވަނީ ވެސް އެ ރަށުގަ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނައިފަރުން އެހާ ގިނަ ބަޔަކު ބަލިވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ވިދާދު އަބްދުﷲ ވިދާޅުވި ގޮތުގައި ނައިފަރުގައި ކޮވިޑް ފެތުރިފައި އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. އަލާމާތް ހުރި ބަލި މީހުން ކުރިއްސުރެ ދިޔައީ ފެންނަމުންނެވެ. އެކަމަކު މިއޮތް ހުރިހާ ދުވަހު އެއްވެސް މީހަކު ކޮވިޑަށް ޓެސްޓުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ގޯހެއް. އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދިޔަ މީހަކު ވެސް ޓެސްޓުކޮށްފައެއް ނެތް،" ވިދާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބަލި ދެނެގަނެވުނުލެއް ލަސްވީ."
ޓެސްޓު ނުކުރާތީ، ކޮވިޑްކަން ނޭނގި ތިބި ކިތަންމެ ބައެއްގެ ގައިން، އިތުރު ބަޔަކަށް އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ރަށުން އެހާ ގިނަ ބަޔަކު ބަލިވި އެއް ސަބަބު ކަމަށް ވިދާދު ވިދާޅުވި އެވެ.
ފަސް ހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރަކީ، ރާއްޖޭގެ ގިނަ ރަށްތަކާ ހިލާފަށް، އާއްމުން މަގުމައްޗަށާއި އަތިރިމަތި ފަދަ ތަންތަނަށް އެއްވެ އުޅޭ ރަށެކެވެ. ރަށުން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނުނު އިރު ވެސް، އަތިރިމައްޗާއި ތަންތަނުގައި ހުންނަ ޖޯލިފައްޗާއި ފިނި މައިޒާންތަކަށް މީހުން އެއްވެ އެވެ. ދެ ވަނަ ފަހަރަށް ކޮވިޑްގެ ކޭޙެއް ފެނުނު އިރު ވެސް މީހުންގެ މެދުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ.
"ހަމަ އެއްވެސް މީހަކު ހިޔެއް ނުވޭ ބިރުން އުޅުނުހެން. ކަމެއް ވީހެން ވެސް ހީނުވޭ. މަގުމައްޗާއި ތަންތަނުން މީހުން އެއްވެސް ވަަރަކަށް މަދެއް ނުވޭ،" ނައިފަރުގައި ކޮވިޑްގެ ކޭސްތައް ގިނަވި ވަގުތު، އެ ރަށުގެ ހާލަތު މީހަކު ކިޔައިދިނެވެ.
ވިދާދު ވެސް ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅޭގޮތުން މީހުންގެ ހޭލުންތެރިކަން ވަރަށް ދަށެވެ. ރަށު ތެރޭގައި އޮންނަންވާ ބިރުވެރިކަމެއް އަދިވެސް ނެތެވެ. ކޮވިޑް ޖެހިގެން މީހަކު ތަނެއްގައި އެކަހެރި ކުރީމައި، ދެން ތިބޭ މީހުން އަމަލުކުރަންވާ ގޮތް، ގިނަ ބަޔަކަށް ނޭނގޭ ކަމަށް ވިދާދު ވިދާޅުވި އެވެ.
ކޮވިޑްގެ ބަލި މީހުންގެ އަދަދު އިތުރުވުމާއެކު، މީގެ ތިން ދުވަސްކުރިން އެ ރަށުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މީހުން ބޭރަށް ނުކުމެ އުޅުން މަދުކުރުމާއި ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލަން ވަނީ އަންގާފަ އެވެ.
ނައިފަރު ކައުންސިލުން ދެކޭގޮތުގައި ބަލި ފެތުރުން އިތުރުވާ އަނެއް ސަބަބަކީ ޓެސްޓުކުރާ ސާމްޕަލްތަކުގެ ނަތީޖާ ލިބޭލެއް ލަސްވުމެވެ. ކޮންމެ ދުވަހަކު ވެސް ރެންޑަމްކޮށް ގިނަ ބަޔަކު ޓެސްޓު ކުރާއިރު، ސާމްޕަލްތައް މާލެ ފޮނުވައިގެން އޭގެ ނަތީޖާ ލިބޭލެއް ވަރަށް ލަހެވެ. އެހެންވެ، ބަލި ޖެހިފައި ހުރިކަން ނޭނގޭތީ، އެކަހެރި ނުވެވި އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތެވެ.
ވިދާދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 125އަށް ވުރެ އިތުރުވެފައިވީ ނަމަވެސް، އޭގެން ރަށުގެ އަސްލު ހާލަތުކަން ވަޒަން ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ޓެސްޓު ކުރާ މީހުންގެ އަދަދު މަދުވުމެވެ. ކޮންމެ ދުވަހަކު ވެސް ރެންޑަމްކޮށް 40 މީހުން ޓެސްޓު ކުރާއިރުު، އެއީ ރަށުގެ ހާލަތު ދެނެގަންނަން މަދު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދުވާލަކު 100 ސާމްޕަލް ނަގައި، އޭގެ ނަތީޖާ އަވަހަށް ލިބޭ ނަމަ، ރަށުގެ ހާލަތު ބަދަލުކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ވިދާދު ވިދާޅުވި އެވެ.
''ރަށުގެ ހާލަތު ދެނެގަތުމަށް އަޅުގަނޑުމެން އެބަ ބޭނުންވޭ ވަސީލަތްތައް. ޓެސްޓު ކުރެވޭނެ ގޮތް ރަށުގައި ހުންނަން،" އޭނާ ވިދާޅުވި އެވެ.
ނައިފަރުން ގިނަ ބަޔަކު ބަލިވި ނަމަވެސް، އެ މީހުންގެ އާއްމު ހާލަތު ރަނގަޅެވެ. އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.
ފޫޅުމާ ސަންފައަށް ފަހު ނައިފަރުން އެހެން ސަންފައެއް
އޭދަފުއްޓާއި ނައިފަރުގައި އަންނަމަހު ޑައިލިސިސް ފަށަނީ
ހޮސްޕިޓަލްގެ "އިހުމާލުން" މީހަކު މަރުވި މައްސަލައެއް!
ކޮވިޑް:19- ހަތަރު މަސް ފަހުން ނައިފަރު ހުޅުވާލައިފި
ހަތަރު މަސް ފަހުން ނައިފަރު އާންމު ހާލަތަށް ގެންނަނީ
ނައިފަރުން މިހާތަނަށް 879 މީހުންނަށް ކޮވިޑް ޖެހިއްޖެ
މިއީ ކޮވިޑްގައި ނައިފަރުގެ ތިން ވަނަ މަރު
24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގެ ދެ ވަނަ މަރު
ނައިފަރު: ކޮންމެ ދުވަހަކު އެތައް ބަޔަކު ޕޮޒިޓިވްވޭ
ރަށްރަށުގައި ކޮވިޑް ކޭސްތައް އަދިވެސް ވަނީ އިތުރު