Roadha Mihaaru
އާސެނަލްގެ ސަޕޯޓަރުންގެ ކިބައިން އާޓެޓާ މާފަށްއެދިއްޖެ

އާސެނަލްގެ ސަޕޯޓަރުންގެ ކިބައިން އާޓެޓާ މާފަށްއެދިއްޖެ

04 އެޕްރީލް 2021

ލަންޑަން (4 އޭޕްރީލް) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 3-0 އިން އަމިއްލަ ދަނޑުގައި އާސެނަލް ބަލިވި މެޗުގައި އާސެނަލްގެ ފަރާތުން ފެނުނު ކުޅުމާ ގުޅިގެން އެ ޓީމުގެ ސަޕޯޓަރުންގެ ކިބައިން ކޯޗު މިކޭލް އާޓޭޓާ މާފަށް އެދިއްޖެ އެވެ.

މުޅި މެޗުގައި ވެސް އާސެނަލް އަށް ވުރެ ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ޕޯޗުގަލް ވިންގާ ޑިއޯގޯ ޔޮޓާ ދެ ލަނޑު ޖެހިއިރު، މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މި މެޗުން މޮޅުވެ، ލިވަޕޫލް ވަނީ ތާވަލްގެ ފަސް ވަނަ އަށް ޖެހިލައި، ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފަ އެވެ. ލިވަޕޫލް ފަސް ވަނައިގައި އޮތީ 49 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތީ 51 ޕޮއިންޓް ލިބިގެންނެވެ.

އާސެނަލް ނުވަ ވަނައިގައި އޮތީ 42 ޕޮއިންޓާ އެކު އެވެ. ލީގުގައި ބާކީ އަށް މެޗު އޮތްއިރު، ގަދަ ހަތަރަކަށް އަރަން އާސެނަލްއަށް އޮތް ފުރުސަތު ވަނީ ހަނިވެފަ އެވެ.

"ހުރިހާ ޑިޕާޓްމަންޓަކަށް ބެލިޔަސް، މި މެޗުގައި އަހަރަމެންނަށް ވުރެ ލިވަޕޫލް ފެނުނީ ވަރުގަދަކޮށް. އެކަމަކު ޒިންމާ ނަގާނީ އަހަރެން،" މެޗަށް ފަހު އާޓެޓާ ބުންޏެވެ.

"އާސެނަލްގެ ސަޕޯޓަރުންނާއި ޓީމުގައި ޝާމިލްވާ ފަރާތްތަކުގެ ކިބައިން މާފަށް އެދެން."

އާޓެޓާ ބުނީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު އޭނާ ވެސް ހައިރާންވި ކަމަށެވެ.

"މި މެޗުގައި ދެއްކި ކުޅުމަކީ ގަބޫލްކުރެވޭ ފެންވަރުގެ ކުޅުމެއް ނޫން. މިއަށް ވުރެ ރަނގަޅަށް މި ޓީމު ޕާފޯމްކުރަން ޖެހޭނެ، މިކަން ރަނގަޅުކުރުމަކީ އަހަރެންގެ ޒިންމާ،" އާޓެޓާ ބުންޏެވެ.