Roadha Mihaaru
ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ:؛ ކޯޓު

ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

04 އެޕްރީލް 2021

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ކުރާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހުގެ މައްޗަށް ކުރާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސޯލިހުގެ މައްޗަށް ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީ އިން ތަހުގީގު ކުރަމުންދާ ރަށްތަކަކާއި ފަޅުތަކަކާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ. އެ ދައުވާ ކުރަނީ އެ ތަންތަނުގެ ހެޑްލީސް ބަދަލު ނުކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައި ވަނިކޮށް، އެ ތަންތަނާ ގުޅިގެން އެއްވެސް މައްސަލައެއް ނުބަލާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހު ސިޓީ ފޮނުއްވި ކަމަށް ބުނެ އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ސޯލިހުގެ ފަރާތުން ތިން ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ކުށް ސާބިތު ކުރުމުގެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަކާއި ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެންގުމުގެ ބާރު އެސެޓް ރިކަވަރީ ކޮމިޝަނަށް ނޯންނާނެ ކަމަށާއި އެހެންވެ، އެ ކޮމިޝަންގެ އެންގުމަކާ ޚިލާފްވެގެން ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ. އަދި ހެޑްލީސް ބަދަލު ނުކުރަން އެންގި އެންގުން ކޮމިޝަނުން ފަހުން ބަދަލު ކޮށްފައިވާތީ އެ ދައުވާ ބިނާކުރާ އަސާސް ރަނގަޅު ނޫން ކަމަށް ވެސް ހުށަހެޅުމެއް ހުށަހެޅި އެވެ.

އެ ހުށަހެޅުންތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެންގުމުގެ ބާރު ރިޔާސީ ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިގެންވާ ކަމަށެވެ. އަދިި ހެޑްލީސް ބަދަލު ނުކުރަން އެ ކޮމިޝަނަށް އެންގި އެންގުމަށް ޓޫރިޒަމް މިނިސްޓްރީން ތަބާވެފައިވާ ކަމަށާއި އެ ކޮމިޝަންގެ ގާނޫނީ ހައިސިއްޔަތާ މެދު އެ މިނިސްޓްރީން ސުވާލު އުފައްދާފައި ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

މީގެ އިތުރުން އެ ދައުވާގެ އުންސުރުތައް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އެ ހުށަހެޅުންތަކަށް ބަލާއިރު މައުލޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމީ ކަމަށް ގާޒީ އަލީ އާދަމް ނިންމެވި އެ ނިންމުމުގައިވެ އެވެ.