Roadha Mihaaru
ދެވަނަ ޑޯޒް ލަސްވާ ނަމަ ބައްޔަށް ފުރުސަތު ބޮޑުވާނެ

ކޮވިޑް-19: ދެވަނަ ޑޯޒް ލަސްވާ ނަމަ ބައްޔަށް ފުރުސަތު ބޮޑުވާނެ: ޑރ. ނަޒްލާ

05 އެޕްރީލް 2021

ކޮވިޑުން ރައްކާތެރިވާން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން އަށް ހަފުތާ ވި މީހުން ވީ އެންމެ އަވަހަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށާއި ލަސްވާ ނަމަ ހަށިގަނޑުގެ ދިފާއުގެ މިންވަރު ދަށަށް ދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން، ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑުން ރައްކާތެރިވާން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން އަށް ހަފުތާ ވި މީހުން ވީ އެންމެ އަވަހަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށާއި ލަސްވާ ނަމަ ހަށިގަނޑުގެ ދިފާއުގެ މިންވަރު ދަށަށް ދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން، ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ ޑޯޒް ޖެހިތާ ގިނަ ދުވަސް ވާ ވަރަކަށް މީހާގެ އެންޓިބޮޑީ ރެސްޕޮންސް ދަށްވާނެ ކަމަށެވެ. އޭގެ މާނައަކީ ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިނުން އުފައްދައިދޭ އެންޓިބޮޑީސް ނުވަތަ ދިފާއީ ބާރު ދަށްވުމެވެ.

ތަހުލީލުތަކުން ދައްކާ ގޮތުގައި، އޮކްސްފަޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި އެއް ކުންފުނި އެސްޓްރަޒަނެކާއިން ތައްޔާރުކުރި ކޮވިޝީލްޑްގެ ދެ ޑޯޒް ޖެހުމުން ކޮވިޑާ ދެކޮޅަށް އުފެދޭ ދިފާއުގެ މިންވަރު ވަރަށް ބޮޑަށް މައްޗަށްދެ އެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ޖަހަން ފެށީ ފުރަތަމަ ޑޯޒް ދިންތާ އަށް ހަފުތާ ނުވަތަ ދެ މަސް ފަހުންނެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ދެ ޑޯޒުގެ ދެމެދު މާ ގިނަ ދުވަސް ވާ ނަމަ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ.

ރާއްޖޭގައި މިދިޔަ ފެބްރުއަރީ މަހު ޖަހަން ފެށި ކޮވިޝީލްޑް ވެކްސިނާ އެކު، ވެކްސިން ޕްރޮގްރާމު ފަށާފައިވާއިރު މިހާތަނަށް 246،896 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.

ޑރ. ނަޒްލާ އެދިވަޑައިގަތީ އަށް ހަފުތާ ވުމުން އިތުރަށް މަޑުނުކޮށް ވެކްސިން ޖެހުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ ޑޯޒު ޖަހާ ފަހުން، ކޮވިޑް-19 ޖެހިއްޖެ ނަމަ، ދެން ވެސް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒުތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެ ހާލަތުގައި ވެސް ޖަހަން ޖެހޭނީ ދެވަނަ ޑޯޒް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ އެއީ ކޮވިޑް ޖެހުނު ފަހުން 28 ދުވަސް ވެފައިވާ މީހުންނަށް ވާން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މިހާރު އަންނަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ޗައިނާގެ ސިނަފޯމް ވެކްސިން ވެސް ދެމުންނެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒު ޖަހަނީ ފުރަތަމަ ޑޯޒު ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.