Roadha Mihaaru
އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ދެނީ

އެސްޓްރަޒެނިކާ ވެކްސިން ޖަހައިދޭން އެޕޮއިންޓްމެންޓް ދޫކުރަން ފަށައިފި

29 ޖުލައި 2021

ކޮވިޑް-19 އިން ދިފާއުވުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމެންޓް ދޫކުރަން މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އިން ދިފާއުވުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމެންޓް ދޫކުރަން މިއަދު ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އެ ވެކްސިން ޖަހައިދޭން ނިންމާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ މީހުން ޖެހޭނީ އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގާށެވެ.

ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އާއި ތާރީހު އިހުތިޔާރު ކުރުމުން، އެ މީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުން ކަމުގެ މެސެޖެއް ލިބޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް މިގޮތަށް އެޕޮއިންމެންޓް ހެއްދުމުގައި އުނދަގޫތަކެއް އުޅޭ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

Vaccine Appointments • HPA

Vaccine Appointments • HPA

Get yourself signed up for an online appointment.

ވެކްސިން އެޕޮއިންޓްމެންޓް ދޫކުރަމުން އަންނަ ޕޯޓަލް--

ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ގަޑިއަށް ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން އެދެ އެވެ. އަދި ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެ މީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑުން ދިފާއުވާން ދޭ ވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހަ ސެންޓަރަކުންނެވެ. އެއީ، ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް ފިޔަވައި ބާކީ ހުރި ފަސް ސެންޓަރުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖެއިން އެންމެ ފުރަތަމަ ޖަހަން ފެށި، ކޮވިޝީލްޑް ވެކްސިން ހުސްވާން ގާތްވުމާ އެކު އެ ވެކްސިން ޖެހުން މެދުކަނޑައިލީ މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭރު ދެވަނަ ޑޯޒް ޖަހާފައި ތިބީ މަދު ބަޔަކަށެވެ. ކޮވިޝީލްޑް ވެކްސިން ހޯދުމުގައި ދަތިވެފައިވާތީ އެޗްއީއޯސީން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ދެ ވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ދޭށެވެ. މި ދެ ވެކްސިނަކީ ވެސް އެއް ފޯމިއުލާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދެ ވެކްސިނެވެ.

ރާއްޖޭގައި ފަސް ލައްކައެއްހާ މީހުން ދިރިއުޅޭއިރު، ވެކްސިން ޖެހޭ އާބާދީގެ 262،128 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އަދި 321،523 މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ތިބި މީހުންނެވެ.

ސަރުކާރުން ނިންމާފައި ވަނީ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ މަހު ފަށައި އެ މަހުގެ ތެރޭގައި 90 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމަށެވެ.