Roadha Mihaaru
ގަން އެއާޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި

ގަން އިންޓަނޭޝަން އެއާޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި

05 އެޕްރީލް 2021

ސ. ގަން އިންޓަނޭޝަން އެއާޕޯޓު ތަރައްގީ ކުރުމަށް ކޮންސަލްޓެންސީގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސ. ގަން އިންޓަނޭޝަން އެއާޕޯޓު ތަރައްގީ ކުރުމަށް ކޮންސަލްޓެންސީގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގަ އެވެ. މި މަޝްރޫއުގެ ކޮންސަލްޓެންސީގެ މަސައްކަތް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ޓީމެއް މިހާރު ވަނީ ގަމަށް ގޮސްފަ އެވެ.

މި މަޝްރޫއުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޑޮމެސްޓިކް ޓާމިނަލަކާއި ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް އިމާރާތް ކުރާނެ އެވެ. މިހާރު ބޭނުންކުރާ ޓާމިނަލް، އިންޓަނޭޝަން ޓާމިނަލަކަށް ބަދަލުކޮށް، އެ ތަނުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ލައުންޖުތައް ހަދާނެ އެވެ.

އިންޑިއާގެ ޓީމް އެއާޕޯޓުގެ ޓާމިނަލްތެރެ ބަލާލަނީ- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިންޑިއާގެ ޓީމް އެއާޕޯޓުގެ ޓާމިނަލްތެރެ ބަލާލަނީ- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ގަން އެއާޕޯޓަށް ދިއުމަށް އިތުރު މަގެއް ހެދުމާއި ކާގޯ ވަސީލަތްތައް ތަރައްގީކޮށް، އެއާޕޯޓުގައި ސޯލާ ޕެނަލް ހަރުކުރުމާއި އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގަން އިންޓަނޭޝަން އެއާޕޯޓަކީ ދެކުނުގެ މައި ދޮރޯށި ކަމަށް ވާއިރު، އެތަން ތަރައްގީ ކުރުމަކީ ދެކުނުގެ ތަރައްގީ އަށް މުހިންމު ކަމެއް ކަމަށެެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ޓޫރިޒަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީވެ، ދެކުނު އިގްތިސާދު ފުޅާކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި ގަން އެއާޕޯޓުގެ ކޮންސަލްޓެންސީގެ މަސައްކަތް ނިމި އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށޭނެ އެވެ.