Roadha Mihaaru
އަކްޝޭ ކުމާރުގެ ރިހޭފައިމައްޗަށް ފޮއި

އަކްޝޭ ކުމާރުގެ ރިހޭފައިމައްޗަށް ފޮއި

07 އެޕްރީލް 2021

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރު އަކްޝޭ ކުމާރު މި ވަގުތު އޮތީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ހޮސްޕިޓަލްގަ އެވެ. އޭނާ އަށް އެ ބަލި ޖެހުނީ ފިލްމު "ރާމް ސެތޫ"ގެ ޝޫޓިންގައި އުޅެނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން މިކަމާ ހެދި ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުމަކަށް ގެންނަން ޖެހުނު އިރު، "ރާމް ސެތޫ" ގެ ޓީމްގައި ހިމެނޭ 45 ޖޫނިއާ އާޓިސްޓަކަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރު އަކްޝޭ ކުމާރު މި ވަގުތު އޮތީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ހޮސްޕިޓަލްގަ އެވެ. އޭނާ އަށް އެ ބަލި ޖެހުނީ ފިލްމު "ރާމް ސެތޫ"ގެ ޝޫޓިންގައި އުޅެނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން މިކަމާ ހެދި ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުމަކަށް ގެންނަން ޖެހުނު އިރު، "ރާމް ސެތޫ" ގެ ޓީމްގައި ހިމެނޭ 45 ޖޫނިއާ އާޓިސްޓަކަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ.

ބައްޔާ ހެދި މަސައްކަތް ހުއްޓާލައި ހޮސްޕިޓަލްގައި އޮންނަން ޖެހުނު އިރު އަކްޝޭ، 53، އަށް އޮތް އަނެއް ހިތްދަތި ކަމަކީ މި މަހުގެ 30 އަށް ތާވަލުކޮށްފައި އޭނާގެ ފިލްމު "ސޫރިޔާވަންޝީ" އެ ދުވަހު ނޭޅުވޭނެތީ އެވެ. ސަބަބަކީ އިންޑިއާގެ ވިޔަފާރީގެ މައިމަރުކަޒު ގޮތުގައި ސިފަަކުރާ އަދި ބޮލީވުޑް ވެސް އޮތް މުމްބާއީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގައި ވަރަށް ބާރަށް މިހާރު ކޮވިޑް ފެތުރެމުން ދިއުމެވެ.

މިކަމާ ގުޅިގެން އެ ސްޓޭޓް ލޮކްޑައުންއަކަށް ދާން ނިންމާފައިވާ އިރު ޗީފް މިނިސްޓަރު އުދަވް ތާކްރީ މި ހަފުތާގައި ވަނީ މިކަމާ ބެހޭ ގޮތުން ފިލްމީ ދާއިރާ މީހުންނާ ބައްދަލުކޮށް އެކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރައްވައިފަ އެވެ. މަހާރަޝްތުރާ ސްޓޭޓް އަލުން ލޮކްޑައުންއަކަށް ދިއުމުގެ މާނަ އަކީ އަނެއްކާ ވެސް ގިނަ އަދަދެއްގެ ސިނަމާތައް ބަންދުކޮށް ފިލްމީ މަސައްކަތްތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމެވެ.

މި ދުވަސްވަރު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ވާހަކަ ތަރިން އަންނަނީ އެ މީހުންނާ ފޭނުންނާ ވެސް ހިއްސާކުރަމުންނެވެ. މީގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި މަޝްހޫރު ޓީވީ ތަރިން ވެސް ހިމެނެ އެވެ.

"ސޫރިޔާވަންޝީ" އަކީ މިދިޔަ އަހަރުގެ މާޗް 24 ގައި ރިލީޒްކުރަން އުޅެނިކޮށް ކޮވިޑާ ހެދި ސިނަމާތަކަށް ނުގެނެވި އޮތް ފިލްމެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިނަމާތައް ބަންދުކުރަން ޖެހުމުން މިދިޔަ އަހަރު ގިނަ ފިލްމުތަކެއް އެކިއެކި ސްޓްރީމިން ޕްލެޓްފޯމްތަކުން ޕްރިމިއާ ވެސް ކުރި އެވެ. އޭގެ ތެރޭގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން އަކްޝޭގެ "ލަކްޝްމީ" ވެސް ހިމެނެ އެވެ.

ނަމަވެސް "ސޫރިޔާވަންޝީ" އަކީ ބޮޑު ފިލްމަކަށްވާތީ އޭގެ ޓީމުން ނިންމާފައި އޮތީ ސިނަމާތަކުގައި ނޫނީ ބެލުންތެރިންނަށް އެ ތަޖުރިބާކޮށްލަން ދޫކޮށްނުލާށެވެ. އެހެންވެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މި މަހުގެ 30 ގައި ފިލްމު ސިނަމާތަކަށް ގެންނަން ނިންމިކަން އިއުލާންކުރީ މިދިޔަ މަހު އެވެ.

ނަމަވެސް އަނެއްކާ ވެސް މިއޮތީ ކޮވިޑްގެ ހިޔަނި ""ސޫރިޔާވަންޝީ" އަށް އެޅިފަ އެވެ. ކަރަން ޖޯހަރް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އެ ފިލްމަކީ ރޯހިތު ޝެޓީގެ ޑައިރެކްޝަނެކެވެ. ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކައިފެވެ.

އަކްޝޭ އަށް ކޮވިޑް ޖެހި "ރާމް ސެތޫ" ހުއްޓަމަކަށް އައި އިރު ކޮވިޑްގެ ތެރޭގައި އޭނާ ހަތަރު ފިލްމެއްގެ ޝޫޓިން ނިންމާފައިވެ އެވެ. އެއީ "ބެލް ބޮޓަމް" އާއި "ޕްރިތުވީ ރާޖް" އާއި "އަތުރަންގީ ރޭ" ގެ އިތުރުން "ބައްޗަން ޕާންޑޭ" އެވެ.

"ބައްޗަން ޕާންޑޭ" ފިޔަވައި ދެން ހުރި ފިލްމުތަކަކީ މި އަހަރު ރިލީޒްކުރަން ތާވަލު ވެސް ކޮށްފައި ހުރި ފިލްމުތަކެވެ. "ބެލް ބޮޓަމް" އޮތީ އަންނަ މަހުގެ 28 އަށެވެ. ޖޫން 6 ގައި "އަތުރަންގީ ރޭ" އެވެ. އަދި ނޮވެމްބަރު 5 ގައި "ޕްރިތުވީރާޖް" އެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ސިނަމާތައް ބަންދުކުރަން ޖެހުމުން ގިނަ ފިލްމުތަކެއް ތާރީހުތައް އަނެއްކާ ވެސް މި އަހަރު އޮޅުބޮޅުން ވާނެ އެވެ. މިހާރު ވެސް ބައެއް ފިލްމުތައް ތާވަލުކުރި ތާރީހުތަކުގައި ނާޅުވަން ވަނީ ނިންމައިފަ އެވެ.