Roadha Mihaaru
ކަރަންޓީނު މީހުން ވޯޓުލާންދާން ޓެެކްސީއަކަށް ނޭރޭނެ

ކަރަންޓީނު މީހުން ވޯޓުލާން ދާން، ޓެކްސީ/ ބަހަށް ނޭރޭނެ

08 އެޕްރީލް 2021

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް، ކޮވިޑް-19ގެ ސަބަބުން އެކަހެރި ނުވަތަ ކަރަންޓީނުކޮށްފައި ތިބޭ މީހުން ދިޔުމަށް ޓެކްސީ އާއި ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް، ކޮވިޑް-19ގެ ސަބަބުން އެކަހެރި ނުވަތަ ކަރަންޓީނުކޮށްފައި ތިބޭ މީހުން ދިޔުމަށް ޓެކްސީ އާއި ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައިފި އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު، އެ މީހުންނަށް ވޯޓުލެވޭނެ ގަޑިއަކީ ހޮނިހިރު ދުވަހުގެ ހަވީރު 5 އިން 6 އަށެވެ. އެކަހެރިކޮށްފައި އަދި ކަރަންޓީނުގައި ތިބޭ މީހުންނަށް ވެސް ވޯޓުލެވޭނީ، އެހެން މީހުން ދިޔުމުންނެވެ.

ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމާ ގުޅޭގޮތުން ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި ވިދާޅުވީ އެ ފަދަ މީހުން ވޯޓުލާން ދިޔުމުގެ ހުއްދަ ދިން ނަމަވެސް، ގިނަ ކަންތައްތަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ކަރަންޓީނުގައި ނުވަތަ އެކަހެރިކޮށްފައި ތިބޭ މީހުން، ޓެކްސީ އާއި ބަހާއި ފެރީ ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރުން ހިމެނެ އެވެ. އެއީ އާއްމުން ބޭނުން ކުރާ އެ ފަދަ އެއްޗެހިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.

ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރިކޮށްފައިވާ މީހުންގެ ސަމާލުކަމަށް

- އިލެކްޝަންސް އިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ވޯޓުލާ މަރުކަޒުތަކަށް ދިޔުން، އެއީ ކަނޑައަޅާފައިވާ ވަގުތުގައި، އެހެން މީހުން ވޯޓުލާ ނިމުމުން ދިޔުން

- ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބުމާއި ތިން ފޫޓުގެ ދުރުމިން ބެހެއްޓުން

- ވޯޓުލާން ދާއިރު އަދި ވޯޓުލައި ނިމިގެން އަންނައިރު މީހުންނާ ބައްދަލު ނުކުރުން

- ވޯޓަށް ފަހު، ކަރަންޓީނުވެފައި ހުރި ތަނަކަށް އަވަހަށް އަނބުރާ ދިޔުން

އެޗްޕީއޭން މިއަދު ވަނީ، އިންތިހާބުގައި ވޯޓުލާން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ކަރަންޓީނު ނުވެ، އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. ކަރަންޓީން ވުމެއް ނެތި ވޯޓުލާން ރަށްރަށަށް ދެވޭނެ ފުރުސަތު އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.