Roadha Mihaaru
އެންމެ ދުވަސްވީ އޮފީސް މެނޭޖަރުގެ އުމުރުން 90 އަހަރު

އެންމެ ދުވަސްވީ އޮފީސް މެނޭޖަރުގެ އުމުރުން 90 އަހަރު

10 އެޕްރީލް 2021

ކުންފުންޏެއްގެ އޮފީސް މެނޭޖަރުކަމުގައި ހުރި 90 އަހަރުގެ އަންހެނަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުންފުންޏެއްގެ އޮފީސް މެނޭޖަރުކަމުގައި ހުރި 90 އަހަރުގެ އަންހެނަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބިއްޖެ އެވެ.

އިސްކުރު އުފެއްދުމުގެ ވިޔަފާރިކުރާ ޖަޕާންގެ ކުންފުނި ސަންކޯ އިންޑަސްޓްރީގައި 1956 އިން ފެށިގެން މެދުކެނޑުމެއް ނެތި ވަޒީފާ އަދާކުރަމުން އަންނަ ޔަސޫކޯ ޓަމާކީގެ ނަން ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ ކުންފުންޏެއްގެ އޮފީސް މެނޭޖަރުގެ މަގާމުގައި ހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގަ އެެވެ.

އަންނަ މަހުގެ 15 ގައި 91 އަހަރު ފުރޭ ޔަސޫކޯ ބުނި ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުމަކީ ބޮޑު ޝަރަފެކެވެ.

"އެކަމަކު މިއީ އެއްވެސް އިރެއްގައި އުންމީދުކުރި ކަމެއް ނޫން. އަހަރެން ކުރިހާ ވެސް ކަމަކީ ދެގޮތެއް ނުވެ ކުންފުނީގެ އިހުލާސްތެރިކަމާ އެކު ހިދުމަތްކުރުން،" އޭބާ ބުންޏެވެ. "އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެގޮތުގައި ސާބިތުވެ ހުންނާނަން. ރިޓަޔާކުރުމަކީ އަހަރެން ދަންނަ ކަމެއް ނޫން."

ސަންކޯ އިންޑަސްޓްރީގައި އޮފީސް މެނޭޖަރެއްގެ މަގާމު ފުރަމުން އަންނަ ދުވަސްވީ އަންހެން މީހާގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ އޮފީހުގެ ހަރަދުބަރަދާ ގުޅޭ ލިޔުންތައް ތަރުތީބުކުރުމާއި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްގެ ކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި ޓެކްހާ ގުޅޭ ލިޔެކިޔުންތަކުގެ ޒިންމާތައް ނެގުމެވެ.

މި މަސައްކަތް ޔަސޫކޯ ކުރަނީ މައިކްރޮސޮފް އެކްސެލްގަ އެވެ. އެހެންވެ އެކަމުން ވެސް ދައްކުވައި ދެނީ އުމުރުން ގަރުނަކާ ގާތް ކުރިޔަސް، އޭނާ އަކީ އަދިވެސް ކޮމްޕިއުޓަރުގެ މަސައްކަތްތަކަށް ވެސް ވަރަށް އަހުލުވެރި މީހެއްކަމެވެ.

ޔަސޫކޯ ކިޔައިދިން ގޮތުގައި އޭނާ އަކީ ޓެކްނޮލޮޖީ އަށް އަބަދު ވެސް ދޯޅު މީހެކެވެ. އެގޮތުން ސްމާޓްފޯނާ އެކު ފޭސްބުކް ވެސް ބޭނުންކުރާ ކަމަށް ބުންޏެވެ.

މަސައްކަތުގެ ދާއިރާގައި ރިޓަޔާވުމެއް ނެތި ހިތްވަރު ދައްކަމުން އަންނަ އިރު ޔަސޫކޯ އަކީ ސަންކޯ އިންޑަސްޓްރީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް ހަފުތާ އަކު ފަސް ދުވަހު އޮފީހަށް ނުކުންނަ މުވައްޒަފެކެވެ. އެގޮތުން ޝިފްޓްތަކަށް އޭނާ ކޮންމެ ދުވަހަކު ވެސް ވަޒީފާގައި 7.5 ގަޑިއިރު ހޭދަކުރެ އެވެ.

"އަހަންނަކީ އަބަދު ވެސް މަސައްކަތަށް ވަރަށް ލޯބިކުރާ މީހެއް. އެއީ ހަގީގަތުގައި މިހާ ގިނަ ޒަމާންވަންދެން ހިފަހައްޓާލެވުނު ސަބަބަކީ. ކުރަން ޖެހޭ ކަމަކަށް ލޯބި ޖެހިއްޖެ ނަމަ އެކަމެއް ދޫކޮށްލާ މީހެއް ނޫން އަހަންނަކީ އެއް އިރެއްގައި ވެސް،" ޔަސޫކޯ ބުންޏެވެ.

ޔަސޫކޯ ގަބޫލުކުރަނީ ވެސް އޭނާ އުފަންވީ އެހެން މީހުންގެ މަސައްކަތް ލުއިކޮށް،. ފަސޭހަކޮށް ދިނުމަށެވެ.

"ކުންފުނީފެ ޗެއާމަނާއި އެކި ލެވެލްތަކުގެ މެނޭޖަރުންނާއި ދެން ވެސް އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި ހިއްސާވެ ލުއިކޮށް ދިނުމަލީ އަހަރެން އެންމެ ގަޔާވާ ކަންތައް،" އޭނާ ބުންޏެވެ. "އަބަދު ވެސް ހަޔާތުގެ މަގުސަދެއްގެ ގޮތުގައި ދެކެނީ އެކަން."

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބުމުން ޔަސޫކޯ ދޭން އޮތީ އެންމެ މެސެޖެކެވެ؛ އެއީ ލިބިފައިވާ ވަގުތު ބޭކާރު ގޮތުގައި ދުއްވައި ނުލާށޭ އެވެ. ސަބަބަކީ މާދަމާ އަންނާނެކަން ކަށަވަރުނުވުމެވެ.