Roadha Mihaaru
އެންމެ ކުރު އެއްމާބަނޑު ދެބެއިން އުފަލުން

އެންމެ ކުރު އެއްމާބަނޑު ދެބެއިން އުފަލުން

21 ސެޕްޓެމްބަރ 2021

އިސްކޮޅުން އެންމެ ކުރު އެެއްމާބަނޑު އަންހެން ދެބެއިންގެ ރެކޯޑް ޖަރުމަން ބަޔަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްކޮޅުން އެންމެ ކުރު އެެއްމާބަނޑު އަންހެން ދެބެއިންގެ ރެކޯޑް ޖަރުމަން ބަޔަކަށް ލިބިއްޖެ އެވެ.

އުމުރުން 27 އަހަރުގެ މި ދެބެއިންގެ އިސްކޮޅަކީ 4 ފޫޓް 2 އިންޗި (128 ސެންޓިމީޓަރު) އެވެ. ކެތަރީނާ އާއި އެލިޒަބަތު ލިންޑިންޖާ ބުނީ އެ މީހުންގެ އިސްކޮޅު ދުނިޔޭގެ ރެކޯޑަކަށްވޭތޯ ގިނިސް އަށް ހުށަހެޅީ އެ މީހުންގެ ފަރާތުން ބަޔަކަށް އުފާވެރި ކަމެެއް ހޯދައިދޭން ކަމަށެވެ. އަދި އެކަން ކާމިޔާބުވުމުން ވަރަށް އުފާވި ކަަމަށް ދެބެއިން ވެސް ބުންޏެވެ.

"މިކަމަށް އާއިލާގެ ސަޕޯޓް ވެސް ވަރަށް ބޮޑަށް ލިބުނު. އެކަމަކު ރެކޯޑް ކަށަވަރުވިކަން އެންގި ދުވަހަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް،" ކެތަރީނާ އާއި އެލިޒަބަތު ބުންޏެވެ.

ދެބެއިން ބުނި ގޮތުގައި މި ރެކޯޑާ އެކު ސާބިތުކޮށްދޭން ބޭނުންވީ އިސްކޮޅުން ކުރުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމެވެ.

"ކުރު އިސްކޮޅާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުކޮށް، އެކަން އުންމީދީ ނަޒަރަކުން ދެކެން ހިތްވަރުދިނުން އަހަރެމެންގެ މަގުސަދަކަށްވީ،" އެ މީހުން ބުންޏެވެ. "އަހަރެމެން ދެ މީހުން ބޭނުންވޭ އިސްކޮޅުން ކުރުވުމަކީ މައްސަލައެއް ނޫންކަން އަހަރެމެންގެ ހަޔާތުން ވެސް ދައްކުވައިދޭން. އެހެންވެ ކުރިއަށް ވުރެ ބޮޑަށް ދެން އެކި ކަންކަމުގައި އަހަރެމެންގެ ބައިވެރިވުން އޮންނާނެ. ދުނިޔެ އަކީ ހުރިހާ ސައިޒެއްގެ ބަޔަކަށް ވެސް ހެޔޮވަރު ތަނަކަށްވާން ޖެހޭނެ."

ކެތަރީނާ އާއި އެލިޒަބަތު ބުނި ގޮތުގައި ހާލަތު ނިޔާކުރާ ގޮތުން ބައެއްގެ ކިބައިގައި ހުރި ބަލިފަޔަކީ އެ ބައެއްގެ އެންމެ އަގުހުރި "ޓްރޭޑްމާކް" އަށް ވެސް ވެދާނެ އެވެ. އެ މީހުންނަށް ލިބުނު ރެކޯޑުން ވެސް ސާބިތުކޮށްދިނީ އެކަން ކަމަށް ބުންޏެވެ.

"އިސްކޮޅާ ބެހޭ ގޮތުން ބަހުސްކުރުމަކީ ދެން އަހަރެމެން ވަރަށް ބޮޑަށް ކުރާނެ ކަމެއް،" ސަރުކާރުގެ ވަޒީފާތަކެއް އަދާކުރަމުން އަންނަ ދެބޭން ބުންޏެވެ.

އެލިޒަބަތު ބުނި ގޮތުގައި އޭނާ އަކީ އަބަދު ވެސް އުމުރުން ދުވަސްވީ މީހުން ދެކެ ވަރަށް ލޯބިވާ މީހެކެވެ. އެހެންވެ ހޮބީއަކަށް ކުރާ ކަމަކީ އެފަދަ މީހުން ތިބޭ ތަންތަނަށް ޒިޔާރަތްކޮށް، އެ މީހުންގެ ވާހަކަތައް އަޑުއެހުން ކަމަށް ބުންޏެވެ. އަދި އެލިޒަބަތަކީ ފެތުމާއި ބައިސްކަލް ދުއްވަން ވެސް ވަރަށް ގަޔާވާ މީހެކެވެ. ކެތަރީނާ ހޮބީއަކަށްކުރާ ކަންކަމުގެ ތެރޭގައި ކުރެހުމާއި ކްރާފްޓްގެ އެކި ކަހަލަ ކަންކަން ހިމެނެ އެވެ.

މި ދެބެއިންގެ އިތުރުން އެ އާއިލާގައި ހަގަށް ފިރިހެން ކުއްޖަކު ވެސް ހުރެ އެވެ.

ދުނިޔޭގެ އެންމެ ކުރު އަންހެނަކީ އިންޑިއާގެ ޖިއޯތީ އަމްގީ، 27، އެވެ. އޭނާގެ އިސްކޮޅަކީ 2 ފޫޓް 0.6 އިންޗި (6.8 ސެންޓިމީޓަރު) އެވެ.