Roadha Mihaaru
އިންގިލާބީ ބަދަލަށް ރައްޔިތުން ވޯޓުފޮށިތައް ކުރިމައްޗަށް

އިންގިލާބީ ބަދަލަކަށް ރައްޔިތުން ވޯޓު ފޮށިތައް ކުރިމައްޗަށް

10 އެޕްރީލް 2021

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ، ރަށްރަށާއި އަތޮޅާއި ސިޓީތަކަށް ކައުންސިލަރުން އައްޔަންކުރާތާ މިއީ ހަތަރު ވަނަ އިންތިހާބެވެ. އަދި އެ ގާނޫނުގެ ދަށުން ކައުންސިލަރުން އައްޔަންކުރާތާ 10 ވަނަ އަހަރެވެ. އެކަމަކު މިއަދު މި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ހުރިހާ ގޮތަކުން ތަފާތެވެ. އެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުން ބޮޑެތި ބާރުތަކެއް ދީފައިވާއިރު، މިއީ އާ ބާރުތައް ތަންފީޒުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ، ރަށްރަށާއި އަތޮޅާއި ސިޓީތަކަށް ކައުންސިލަރުން އައްޔަންކުރާތާ މިއީ ހަތަރު ވަނަ އިންތިހާބެވެ. އަދި އެ ގާނޫނުގެ ދަށުން ކައުންސިލަރުން އައްޔަންކުރާތާ 10 ވަނަ އަހަރެވެ. އެކަމަކު މިއަދު މި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ހުރިހާ ގޮތަކުން ތަފާތެވެ. އެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުން ބޮޑެތި ބާރުތަކެއް ދީފައިވާއިރު، މިއީ އާ ބާރުތައް ތަންފީޒުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވި ގޮތުގައި ތަރައްގީ އަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކެވެ. އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ އެކު، ދިވެހި ރައްޔިތުން މިއަދު ވޯޓު ލާން ނުކުންނާނެ އެވެ.

ގާނޫނަށް ބޮޑެތި އަދި މުހިއްމު އިސްލާހުތަކެއް ގެނައިރު އެންމެ ފާހަގަކޮށްލެވެނީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމެވެ. އޭގެ އިތުރުން ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރިކުރުމުގެ ބާރުތައް ވެސް ދީފައި ވެ އެވެ. އެއާއެކު އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ކައުންސިލްގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައި ވެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މޭޔަރުން އިންތިހާބު ކުރާނީ ވެސް މި އިންތިހާބުގަ އެވެ.

ކައުންސިލްތައް ބެހިގެންވާ ގޮތް

ރަށުގެ އާބާދީ 3،000 މީހުންނަށް ވުރެ މަދު ނަމަ ކޮންމެ ރަށު ކައުންސިލެއްގައި އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލް މެމްބަރުންނެވެ. އަދި 3،000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ތިއްބަވާނީ ހަތް ކައުންސިލަރުންނެވެ. މިއީ، ގާނޫނަށް މީގެ ކުރިން ގެނައި އިސްލާހެއްގައި ވެސް އޮތް ގޮތެވެ. އެކަމަކު މި ފަހަރުގެ ތަފާތަކީ ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުވުމެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް މާލެތެރޭގައި ބެނާތައް ހަރުކޮށްފައި، ބޮޑު ދެ ޕާޓީން ވަނީ ވަރުގަދަ ކެމްޕޭންތަކެއް ކޮށްފައި--.ފޮޓޯ: ނިޝާން އަލީ/މިހާރު

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް މާލެތެރޭގައި ބެނާތައް ހަރުކޮށްފައި، ބޮޑު ދެ ޕާޓީން ވަނީ ވަރުގަދަ ކެމްޕޭންތަކެއް ކޮށްފައި--.ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ ކުރިން ކައުންސިލްތަކުގައި ވާދަކުރުމަށް އަންހެނުންނަށް ހާއްސަ ކޯޓާއެއް ނެތެވެ. ނަމަވެސް ޑިސެމްބަރު 5، 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ވަކި ވަރެއް އަންހެނުންނަށް ހާއްސަކުރަންޖެހެ އެވެ.

ފަސް މެމްބަރުން ހިމެނޭ ކައުންސިލެއްގައި ދެ ކައުންސިލަރުން ވާންޖެހޭނީ އަންހެނުންނަށެވެ. އަދި ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި އަންހެން ތިން ބޭފުޅުން ހިމަނަންޖެހެ އެވެ.

އަތޮޅު ކައުންސިލްގައި މިހާތަނަށް ތިއްބެވީ އިންތިހާބީ ދާއިރާތަކުން ހޮވޭ ކައުންސިލަރުންނެވެ. ލާމަރުކަޒީ އުސޫލަށް އެންމެ ފުރަތަމަ އަމަލުކުރިއިރު، އެ ކައުންސިލަށް އިންތިހާބީ ދާއިރާއަކުން ދެ ކައުންސިލަރުން ހޮވި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހުގެ ދަށުން އެ އަދަދު ވަނީ އެކަކަށް މަދުކޮށްފަ އެވެ. އެހެންވެ، އަތޮޅު ކައުންސިލްތަކުގައި މި ވަގުތު ތިއްބެވީ ކޮންމެ އިދާރީ ދާއިރާއަކުން ހޮވިވަޑައިގެންނެވި އެއް މެމްބަރެވެ.

އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހޮވަމުން ދިޔައީ އަތޮޅު ކައުންސިލްގެ މެމްބަރުންގެ ވޯޓުންނެވެ. އެކަމަކު، އަލަށް ގެނައި އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްގެ ރައީސް ހޮވުމުގެ ބާރު ލިބިފައިވަނީ ސީދާ އެ އަތޮޅުގެ ރައްޔިތުންނަށެވެ. އަތޮޅު ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސެވެ.

އަތޮޅު ކައުންސިލްގެ ނައިބުރައީސް އިންތިހާބުކުރާނީ އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިބި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ ބައެއްގެ ގޮތުގައި ކަނޑައަޅައި ގާނޫނަށް ވަނީ މެމްބަރުންގެ ތެރެއިން ނަގާ ވޯޓަކުން އެންމެ އިސް ކައުންސިލަރު ވަކިނުކުރެވޭ ގޮތަށް އިސްލާހު ގެނެސްފަ އެވެ.

ސިޓީއެއްގައި ނަމަ، އެތަނެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އަދަދަކީ 10،000 މީހުންނާއި 30،000 މީހުން މީހުންނާ ދެމެދުގެ އަދަދެއް ނަމަ ހަ މެމްބަރުން އިންތިހާބު ކުރަން ވާނެ އެވެ. އަދި ސިޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އަދަދަކީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، 10 މެމްބަރުން، ސިޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އާބާދީއަކީ 60،000 އަށް ވުރެ މަތި ނަމަ، އަދަދަކީ 18 މެމްބަރުންނެވެ.

މާލީ ފުދުންތެރިކަން: އާ ބާރު

އާމްދަނީ ހޯދުމަށް ކައުންސިލްތަކުން އެކި ތަންތަން ކުއްޔަށް ދިނުމާއި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ވިޔަފާރި ކުރެވޭނެ އެއްވެސް ގޮތެއް މީގެ ކުރިން ފަހިވެފައި ނުވެ އެވެ. އެކަމަކު، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލަށް ވެސް ވިޔަފާރިކުރެވޭ ގޮތަށެވެ.

ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅޭނީ އެ ކައުންސިލެއްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުންނެވެ.

އީސީގެ މެމްބަރުން އިންތިހާބުގެ ތައްޔާރީތަކުގައި: މިއަދު ވޯޓު މި ދެނީ ތާރީހީ އިންތިހާބަކަށް -- ފައިލް ފޮޓޯ: މިހާރު

އީސީގެ މެމްބަރުން އިންތިހާބުގެ ތައްޔާރީތަކުގައި: މިއަދު ވޯޓު މި ދެނީ ތާރީހީ އިންތިހާބަކަށް -- ފައިލް ފޮޓޯ: މިހާރު

އެ ގާނޫނުގެ ދަށުން "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" ހަދައި މިދިޔަ ހަފުތާގައި ވަނީ ގެޒެޓުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ހިއްސާ ބަދަލުކުރެވޭނީ ހަމައެކަނި ކައުންސިލްތަކުގެ މެދުގަ އެވެ. ހިއްސާ ބަދަލުކުރަން ހުށަހަޅާއިރު، ލޯކަލް އޮތޯރިޓީ ކުންފުނީގައި ހިއްސާވާން އެދި ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން، އެ ކައުންސިލުގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރު ހުށަހަޅަންވާނެ އެވެ.

އެހެން ކައުންސިލްތަކާ ގުޅިގެން ވިޔަފާރިކުރުމުގެ އިތުރުން އަމިއްލަ ފަރާތްތަކާ އެކު ވެސް ވިޔަފާރިކުރެވޭނެ މަގު ފަހިކޮށްދީފައި ވެ އެވެ.

އެ ކަންކަމުގެ އިތުރުން، ރަށެއް ނުވަތަ އަތޮޅެއްގައި ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތަށް ހިންގުމުގެ ބާރު އެ ކައުންސިލްތައް ދީފައި ވެ އެވެ. ސިޓީއެއްގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން 15 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން މަޝްރޫއުތައް ވެސް ސިޓީ ކައުންސިލް މެދުވެރިކޮށް ހިންގޭނެ އެވެ.

ރަށުގެ އިހުތިސާސް

ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސަން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ އަހަރެއްގެ ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން ފަސް ޕަސެންޓް ދޭންޖެހޭނެ ކަމަށް ވެސް އެންމެ ފަހުން ގެނައި އިސްލާހުގައި ބުންޏެވެ.

މި އިންތިހާބުގައި 982 ގޮނޑިއަށް ޖުމްލަ 2،234 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 30 މެމްބަރުން ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ.