Roadha Mihaaru
ވޭމަންޑުއަށް ދަތުރުކުރި މީހުން އަންގަން އެދެފި

މިދިޔަ މަހު 15 ގެ ފަހުން ވޭމަންޑުއަށް ދަތުރުކުރި މީހުން އަންގަން އެދެފި

11 އެޕްރީލް 2021

މިދިޔަ މަހު 15 ގެ ފަހުން، ތ. ވޭމަންޑުއަށް ގޮސް އެހެން ރަށަކަށް ގޮސްފައިވާ މީހުން އެ ރަށެއްގެ ސިއްހީ އިދާރާއަކަށް އެންގުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ މަހު 15 ގެ ފަހުން، ތ. ވޭމަންޑުއަށް ގޮސް އެހެން ރަށަކަށް ގޮސްފައިވާ މީހުން އެ ރަށެއްގެ ސިއްހީ އިދާރާއަކަށް އެންގުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މީގެ ދެ ދުވަސް ކުރިން، ވޭމަންޑޫން މާލެ ގެނައި ބަލި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ފަހުން އެ މީހާއާ ގުޅުން ހުރި ބަޔަކު ވެސް އެ ރަށުން ވަނީ ބަލި ޖެހިފަ އެވެ.

މިއަދު ވަނީ ވޭމަންޑޫ ކައިރީގައި އޮންނަ އެ އަތޮޅު ކިނބިދޫން ވެސް ކޮވިޑް ފެނިފަ އެވެ. އެ ދެ ރަށުގެ މީހުން ވަރަށް ގިނައިން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެ އެވެ. ކިނބިދޫން މިއަދު ބަލިވި ފަސް މީހުންގެ ތެރޭގައި ވެސް، ވޭމަންޑުއަށް ދަތުރު ކުރި މީހުން ހިމެނެ އެވެ.

އެ ދެ ރަށް މިހާރު އޮތީ މޮނިޓަރިންއަށް ލައިފަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ވޭމަންޑޫން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން، ދިހަ ދުވަސް ވާންދެން ކަރަންޓީނުގައި ތިބުމަށެވެ. އަދި ދިހަ ދުވަސް ހަމަވުމަށް ފަހު، ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް އެދެ އެވެ. އެ މުއްދަތުގައި މާލެ ސަރަހައްދަށް އައި މީހުން ވެސް، އެންމެ ކައިރީގައި ހުރި ފްލޫ ކްލިނިކުން ޓެސްޓު ހެދުމަށް އެންގި އެވެ.

އެޗްޕީއޭއިން ބުނީ، އެ ނަތީޖާ ނެގެޓިވްވީ ނަމަވެސް، ވޭމަންޑޫން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން ދިހަ ދުވަސް ވާންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށެވެ. އަދި ދަތުރުގެ މައުލޫމާތު، 1676އަށް ދިނުމަށް ވެސް އެތަނުން އެދެ އެވެ.