Roadha Mihaaru
އޮމަދޫން ކޮވިޑް ފެނި، ރަށް ބަންދުކޮށްފި

ކޮވިޑަށް މީހަކު ޕޮޒިޓިވްވެ، ތ. އޮމަދު އަށް އަރައިފޭބުން މަނާކޮށްފި

14 އެޕްރީލް 2021

ތ. އޮމަދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން މިއަދު މަނާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތ. އޮމަދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން މިއަދު މަނާކޮށްފި އެވެ.

އޮމަދޫ ކައުންސިލްގެ ރައީސް ހާރޫންް މުހައްމަދު "މިހާރު" އަށް ވިދާޅުވީ ރަށަށް އަރައިފޭބުން މަނާކުރީ ކޮވިޑް ފެނިފައިވާ އެ އަތޮޅު ވޭމަންޑު އަށް ދިޔަ މީހުންގެ ތެރެއިން ކަރަންޓީންގައި ހުރި މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގެ މުއްދަތުގައި ބަލީގެ އަލާމާތް ފެނިގެން އިއްޔެ ނެގި ސާމްޕަލުންނެވެ.

އާބާދީގައި 1،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޮމަދޫގެ 150-160 އާ ދެމެދުގެ މީހުން ކަރަންޓީނުގައި މިވަގުތު އެބަ ތިއްބެވެ. މި އެންމެނަކީ ވެސް މިދިޔަ މަހުގެ 15 ގެ ފަހުން ވޭމަންޑު އަށް ދަތުރުކޮށްފައިވާ މީހުންނެވެ.

ހާރޫން ވިދާޅުވިގޮތުގައި، ވޭމަންޑު އަކީ އަތޮޅުގެ މައި ރަށްކަމުން، ބޭންކާއި ހޮސްޕިޓަލުގެ އިތުރުން ރޯދަ އަށް ވިޔަފާރި ކުރަން ކޮންމެ ފަހަރު ވެސް މީހުން އެ ރަށަށް ދެ އެވެ.

ވޭމަންޑޫން މާލެ ގެނައި ބަލި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އެ މީހާއާ ގުޅުން ހުރި ބަޔަކު ވެސް އެ ރަށުން ވަނީ ބަލި ޖެހިފަ އެވެ. އެހެންވެ، އެ ރަށަށް އަރައިފޭބުން މަނާކޮށް، އެޗްޕީއޭ އިން ވަނީ މިދިޔަ މަހުގެ 15 ގެ ފަހުން، ވޭމަންޑޫން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން، 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް އަންގައިފަ އެވެ. އަދި 10 ދުވަސް ހަމަވުމަށް ފަހު، ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް އެދެ އެވެ. އެ މުއްދަތުގައި މާލެ ސަރަހައްދަށް އައި މީހުން ވެސް، އެންމެ ކައިރީގައި ހުރި ފްލޫ ކްލިނިކުން ޓެސްޓު ހެދުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

އޮމަދު އާއި ވޭމަންޑޫގެ އިތުރުން އެ އަތޮޅު ކިނބިދު އަށް ވެސް އަރައިފޭބުން އޮތީ މަނާކޮށްފަ އެވެ.