Roadha Mihaaru
ވެލެންސިއާ އަށް އަދިވެސް ހަމަނޭވައެއް ނުލެވޭ: އާތީ

ވެލެންސިއާ އަށް އަދިވެސް ހަމަނޭވައެއް ނުލެވޭ: އާތީ

17 އެޕްރީލް 2021

މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނައިގައި އޮތް ނަމަވެސް ވެލެންސިއާ އަށް އަދިވެސް ހަމަ ނޭވާއެއް ނުލެވޭ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނައިގައި އޮތް ނަމަވެސް ވެލެންސިއާ އަށް އަދިވެސް ހަމަ ނޭވާއެއް ނުލެވޭ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ސީޒަން ފެށުމުގެ ކުރިން އާތީ ބުނެފައި ވަނީ، ވެލެންސިއާ ކޯޗިން ޓީމުން ބޭނުންވާ ވަރުގެ ޓީމެއްގެ ގޮތުގައި ފެނިގެންދާނީ ލީގްގެ މެދެއްހާ ހިސާބުން ކަމަށެވެ. މާދަމާ ރޭ ދަ ގުރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އާތީ ބުނީ ވެލެންސިއާ މަގާމު ހިފަހައްޓަން ބޭނުން ނަމަ ކުރިއަށް އޮތް ހަތަރު މެޗުން މޮޅުވާން މަޖުބޫރު ކަމަށެވެ.

"ލީގްގެ މެދަށް ވުރެ ކުޑަތަންކޮޅެއް ކަންނޭންގެ މިދިޔަ އެކަމަކު އަދި އަޅުގަނޑުމެންނަށް ހަމަ ނޭވާ ލައިގެން މަޑުކޮށްލައިގެން ތިބޭވޭކަށް ނެތް،" އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އާތީ ބުންޏެވެ. "އަޅުގަނޑުމެން އެބަޖެހޭ ވަރަށް މަސައްކަތް ކުރަން. އެންމެ މަދުވެގެން ކުރިއަށް އޮތް ހަތަރު މެޗު ވެލެންސިއާ އެބަޖެހޭ ނަގަން މަގާމު ދިފާއު ކުރާ ކަމަށް ވަންޏާ."

މާޒިޔާ އާއި އީގަލްސް ޓީމެއްގެ ގޮތުގައި ބިނާ ކުރަން ފަސް ވަރަކަށް އަހަރު ހޭދަވި ކަން ފާހަގަކޮށް އާތީ ބުނީ ވެލެންސިއާ ވެސް ޓީމެއްގެ ގޮތުގައި ބިނާ ކުރަން ތިން ވަރަކަށް އަހަރު ހޭދަވާނެ ކަމަށެވެ. އަދި މިހާރު ވެލެންސިއާގެ ޓީމު މަޑުމަޑުން ބިލްޑްވާން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ޓްރާންސްފާ ޕީރިއަޑްގައި ޓީމަށް އިތުރުވި ކުޅުންތެރިންނާ އެކު ކުޅުންތެރިޔަކު ރިޕްލޭސް ކުރަން މިހާރު "އޮޕްޝަން"ތައް އެބަހުރި ކަމަށެވެ. އެގޮތުން ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން މާދަމާ ރޭ ގެ މެޗުގައި ނުކުޅެވޭނެ ޑިފެންޑަރު އަކްރަމް އަބްދުލް ގަނީގެ މަގާމު ފޫބެއްދުމަށް ވެސް އެ މަގާމަށް ރަނގަޅު ކުޅުންތެރިޔަކު މެޗަށް ނެރޭނެ ކަމަށް އާތީ ބުންޏެވެ.

ދަ ގުރާންޑޭ އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 4-1 އިން ވަނީ ބަލިވެފަ އެވެ. މި ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވި ހަމައެކަނި ޓީމަކީ ގުރާންޑޭ އެވެ. ވެލެންސިއާގެ މެޗަށް ނުކުންނަ އިރު، ގުރާންޑޭއިން އާ ހިތްވަރެއް ނެރެގެން ކުޅޭނެ ކަން އާތީ ފާހަގަ ކުރި އެވެ. އެހެންވެ އެކަމަށް ވެލެންސިއާގެ ކުޅުންތެރިން ސަމާލުވާނެ ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅުނު މެޗު ގުރާންޑޭ ކާމިޔާބު ކުރީ 2-1 އިންނެވެ.