Roadha Mihaaru
ސަލްމާގެ ގަޔަށް ހުއްޓުމެއް ނެތި ލޭ އެޅިން: އޭޑީކޭ

ސަލްމާގެ ގަޔަށް ހުއްޓުމެއް ނެތި ލޭ އެޅިން، ދޭންޖެހޭ ފަރުވާތައް ދިނިން: އޭޑީކޭ

19 އެޕްރީލް 2021

ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު މަރުވި ސަލްމާ ނަސީރުގެ ގަޔަށް ހުއްޓުމެއް ނެތި ލޭ އެޅި ކަމަށާއި އޭނާ މަރުވީ ދޭންޖެހޭ ފަރުވާތައް ދެމުންދަނިކޮށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު މަރުވި ސަލްމާ ނަސީރުގެ ގަޔަށް ހުއްޓުމެއް ނެތި ލޭ އެޅި ކަމަށާއި އޭނާ މަރުވީ ދޭންޖެހޭ ފަރުވާތައް ދެމުންދަނިކޮށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމް ފޮނުވި ސިޓީގެ ޖަވާބުގައި ހެލްތު މިނިސްޓްރީން ބުނީ ސަލްމާގެ ގަޔަށް އަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި ހޮސްޕިޓަލުގައި ލޭ ހުރެ ވެސް ވިހޭތާ އެއް ގަޑިއިރު ވީ އިރު ވެސް ލޭ އަޅާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އޭޑީކޭއިން ނެރުނު ބަޔާނުގައި ބުނީ ސަލްމާ އެ ހޮސްޕިޓަލަށް ދިޔައީ އާއްމު ހާލަތުގައި ވިހެއުމަށް ދާ އެހެން މީހުންނެކޭ އެއްގޮތަކަށް ކަމަށާއި ވިހެއުމުގެ ކަންކަން ގޮސްފައިވަނީ ވެސް އެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާއްމުކޮށް ލޭ އަންނަ ވަރަށް ވުރެ ގިނައިން ލޭ އަންނަކަން ފާހަގަވުމުން ވަގުތުން ސިއްހީ ފަރުވާތައް ފަށާފައިވާ ކަމަށް ބުންޏެވެ.

"މިގޮތުން ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލޮޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ އެވެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭ ގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ވާނީ ފަށައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

"ނަމަވެސް ޕޭޝަންޓުގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަން ވެސް ފަށައިފަ އެވެ. އަދި ލޭ އެޅުން މެދުކެނޑުމެއް ނެތި ވާނީ ކުރިއަށްގެންގޮސްފަ އެވެ،"

އޭޑީކޭ އިން ބުނީ އެގޮތަށް ފަރުވާ ދީގެން ވެސް ލޭގެ ޕްރެޝާ ނުހިފެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔަ ކަމަށެވެ. ސީޕީއާރު ދިނަސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ނުވި ކަމަށް ބުނެ އެވެ.

އެކަމަކު ހެލްތު މިނިސްޓްރީން ބުނީ މާބަނޑު މީހާގެ ގަޔަށް ލޭ އެޅުމަށް ދެ މީހެއްގެ ކްރޮސްމެޗު ހަދާފައި ވިޔަސް ލޭ ދޭ ޑޮނަރުން ގެންނަން ބުނީ މާ ފަހުން ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމްގައި ސަލްމާ އަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ބުނެފައިވެ އެވެ. ލޭ އަޅަން މީހަކު ގެންދަން ބުނީ ވެސް ލޭ މަނާ ނުވެގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިހެއުމުގައި މަރުވާ މީހުންގެ އަދަދު ވަނީ ޒަމާނީ ބޭސްވެރިކަމާއެކު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ބަޔާނުގައި އޭޑީކޭ އިން ބުނީ މެޑިކަލް ބޮޑެތި ކޮމްޕްލިކޭޝަންތަކުގައި އެދެވިގެންވާ ފަރުވާ ދެވުނަސް ބައެއް ހާލަތްތަކުގައި ކާމިޔާބު ނުވާ ކަމަށެވެ.