Roadha Mihaaru
އެއް އަހަރަށް ހިލޭ ވިސާ: ބޮޑެތި ފާޑުކިޔުން!

އެއް އަހަރަށް ހިލޭ ވިސާ: އިންޑަސްޓްރީގެ ހިތްހަމަނުޖެހުން ބޮޑު

20 އެޕްރީލް 2021

"އެއް އަހަރު ދުވަސް ވަންދެން ރާއްޖޭގައި ހިލޭ ވިސާގައި މީހުންނަށް ތިބެވެން ޖެހެނީ ކީއްވެ؟" ޓޫރިސްޓް ވިސާ އެއް އަހަރަށް ދޭން ސަރުކާރުން ވިސްނާތީ، އެކަމާ ހިތްހަމަނުޖެހިފައި ހުރި މީހަކު ބުންޏެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"އެއް އަހަރު ދުވަސް ވަންދެން ރާއްޖޭގައި ހިލޭ ވިސާގައި މީހުންނަށް ތިބެވެން ޖެހެނީ ކީއްވެ؟" ޓޫރިސްޓް ވިސާ އެއް އަހަރަށް ދޭން ސަރުކާރުން ވިސްނާތީ، އެކަމާ ހިތްހަމަނުޖެހިފައި ހުރި މީހަކު ބުންޏެވެ.

"ޓޫރިސްޓް ވިސާގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްގެން ޓޫރިޒަމަށް ލިބޭނެ ކުރިއެރުމެއް ނެތް."

ޓޫރިސްޓުންނަށް ރާއްޖެ އައިސް ޓޫރިސްޓް ވިސާގައި އެއް އަހަރު ތިބެވޭނެ ގޮތެއް ހަދަން އުޅޭ ކަމަށް ބުނެ "މިހާރު"ގައި އިއްޔެ ޝާއިއު ކުރި އާޓިކަލް އާ އެކު ސޯޝަލް މީޑިއާގައި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމައެކަނި ހިމެނެނީ އާންމުން އެކަންޏެއް ނޫނެވެ. މި އިންޑަސްޓްރީގައި އުޅުއްވާ ބައެއް ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ޓޫރިސްޓް ވިސާ އެއް އަހަރަށް ދިގު ދަންމާލުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ. މިހާރު ވެސް ބިދޭސީން ގަވައިދާ ހިލާފަށް އުޅުމުގެ މައްސަލަ ބޮޑު ވެފައިވާ އިރު ޓޫރިސްޓް ވިސާ މިހާ ބޮޑަށް ދިގު ދަންމާލައިގެން މިކަން އިތުރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް އިތުރަށް ނުކުޅަދާނަވާނެ ކަހަލަ ކަންތައްތަކެއް ދިމާވެދާނެ. ޓޫރިސްޓް ވިސާ ތިން މަހަށް އިތުރުކުރުން އޯކޭ. އެކަމަ އެއް އަހަރަށް ދިގު ކުރުމަކީ އެހާ ރިއަލިސްޓިކް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓް ވިސާއާ ގުޅިގެން ކޮށްފައިވާ ޓްވީޓެއް

މިކަމާ ގުޅޭ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ކޯ ފައުންޑަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ވިސާގެ މުއްދަތު އިތުރު ކުރުމުގައި 90 ދުވަހަށް ވުރެ އިތުރުވުން އެހާ ރަނގަޅު ނޫން ކަމަށެވެ. އޭނާ ވެސް ފާހަގަކުރެއްވި ސަބަބަކީ ގަވައިދާ ހިލާފަށް ބިދޭސީންނަށް ފުރުސަތުތަކެއް ފަހިވުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ފަރާތަކުން ބުނީ ޓޫރިސްޓް ވިސާ އެއް އަހަރަށް އިތުރުކޮށްފި ނަމަ ބޭރު މީހުންނަށް ޓޫރިސްޓު ވިސާގައި އައިސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ލިބިދާނެ ކަމަށެވެ.

މިހާރު އިންނަ އުސޫލުން އާންމުކޮށް ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް އޮން އެރައިވަލް ވިސާ ލިބެނީ 30 ދުވަހަށެވެ. ނަމަވެސް ރަޝިއާ އާއި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް މީހުންނަށް އޮންއެރައިވަލް ވިސާގެ ގޮތުގައި 90 ދުވަސް ލިބޭނެ އެވެ. ސްރީ ލަންކާ މީހުންނަށް ވެސް އޮން އެރައިވަލް ވިސާގެ ގޮތުގައި 30 ދުވަސް ލިބުނަސް މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި 60 ދުވަސް އިތުރުކުރުމުގެ ފުރުސަތު ލިބެ އެވެ.

އެކަމަކު މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ، ކޮވިޑްގެ މި ހާލަތުގައި ލޯންގް ސްޓޭ ވިސާއެއް ދިނުމަކުން މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ގައުމަކަށް މިގޮތަށް ވިސާ ދިނުން އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރުން އެންމެ ރަނގަޅީ އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތައް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"90 ދުވަހަށް ވިސާ ދިނުން ރަނގަޅު. އެކަމަކު އެއް އަހަރު ދުވަހަށް ފީއަކާ ނުލާ ރާއްޖޭގައި ހުންނަން ފުރުސަތު ދިނުން އެންމެ ރަނގަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް އަހަރު ދުވަހަށް ޗުއްޓީ އަށް މީހުން ވަރަށް ނާންނާނެ ކަމަށެވެ. އަދި މިފަދަ ބަދަލެއް ގެނެސްގެން ޓޫރިޒަމަށް މާބޮޑު އިތުރު ފައިދާއެއް އަންނާނެ ކަމަށް ވެސް އޭނާ ގަބޫލު ނުކުރައްވަ އެވެ. ސުއޫދު ވިދާޅުވީ، މިފަދަ ބަދަލެއް ގެންނަ އިރު ޓޫރިޒަމް ދާއިރާގެ އެކި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުން ވަރަށް މުހިއްމު ކަމަށެވެ.

މިކަމުގައި އަދި މިހާތަނަށް ޓޫރިޒަމް މިނިސްޓްރީން ދާއިރާގެ އެކި ފަރާތްތަކުގެ ހިޔާލު ހޯދާފައެއްނުވެ އެވެ. އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަދި މިކަން ކުރުމުގެ މަސައްކަތްތައް ފެށީ އެވެ. ޓޫރިޒަމް މިނިސްޓްރީން ޓޫރިސްޓް ވިސާގެ މުއްދަތަށް ބަދަލުތައް ގެންނާނީ އިމިގްރޭޝަން މެދުވެރިކޮށެވެ.