Roadha Mihaaru
ނިޒާމު ބަދަލުކުރުން: ބޮޑު ނިންމުމަކަށް ދާން ތައްޔާރު؟

ވެރިކަމުގެ ނިޒާމު ބަދަލުކުރުން: ބޮޑު ނިންމުމަކަށް ދާން ތައްޔާރުތަ؟

21 އެޕްރީލް 2021

އަނެއްކާވެސް ނިޒާމުގެ ބަހުސެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ގެއްލުމާއި ފައިދާ ހުރި ދެ ނިޒާމެވެ. ރިޔާސީ ނިޒާމުގައި ސަރުކާރާއި މަޖިިލީހަކީ ވަކި ދެ ބާރެއްގެ ގޮތުގައި އޮތުމުން ބައެއް ފަހަރު މަޖިލީހުގެ ތެރެއިން ސަރުކާރަށް ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް ހުރަސް އެޅެ އެވެ. ބަރުލަމާނީގައި ދެ ބާރު އެކުވެފައި އޮތުމުން ސަރުކާރު ހިންގުން ހަލުވިވެ، އަވަސް ކުރިއެރުންތަކެއް ހޯދެ އެވެ. ރިޔާސީ ނިޒާމުގައި ދައުރު ހަމަވުމުގެ ކުރިން ސަރުކާރު ބަދަލު ކުރުމަކީ އުނދަގޫ ކަމަށް ވިޔަސް، ބަރުލަމާނީގައި ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. މިހެން ކިތަންމެ، ފައިދާއަކާއި ގެެއްލުމެއް ދެ ނިޒާމުގެ ތެރެއިން ދެއްކިދާނެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަނެއްކާވެސް ނިޒާމުގެ ބަހުސެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ގެއްލުމާއި ފައިދާ ހުރި ދެ ނިޒާމެވެ. ރިޔާސީ ނިޒާމުގައި ސަރުކާރާއި މަޖިިލީހަކީ ވަކި ދެ ބާރެއްގެ ގޮތުގައި އޮތުމުން ބައެއް ފަހަރު މަޖިލީހުގެ ތެރެއިން ސަރުކާރަށް ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް ހުރަސް އެޅެ އެވެ. ބަރުލަމާނީގައި ދެ ބާރު އެކުވެފައި އޮތުމުން ސަރުކާރު ހިންގުން ހަލުވިވެ، އަވަސް ކުރިއެރުންތަކެއް ހޯދެ އެވެ. ރިޔާސީ ނިޒާމުގައި ދައުރު ހަމަވުމުގެ ކުރިން ސަރުކާރު ބަދަލު ކުރުމަކީ އުނދަގޫ ކަމަށް ވިޔަސް، ބަރުލަމާނީގައި ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. މިހެން ކިތަންމެ، ފައިދާއަކާއި ގެެއްލުމެއް ދެ ނިޒާމުގެ ތެރެއިން ދެއްކިދާނެ އެވެ.

ނިޒާމު ބަދަލުކޮށް، ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވިކަން މީޑިއާތަކަށް ތިލަވުމާ އެކު، ޒަމާންވީ ނިޒާމުގެ ބަސް މި އޮތީ ފެށިފަ އެވެ. އެއް ބަޔަކު ބަރުލަމާނީއަށް ތާއީދު ކުރާއިރު، އަނެއް ބައި ބޭފުޅުން ދެކޮޅު އެވެ. ވަކި ކޮޅެއް ނަގަން ބޭނުންފުޅު ނުވާ ބޭފުޅުން ވިދާޅުވަނީ އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ. ފެންނަ ނުފެންނަ ވޯޓެއްގެ ބަހުސް މި އޮތީ ފެށިފަ އެވެ. މިއީ ވަރަށް ގިނަ ގޮތްގޮތުން ވިސްނަންޖެހޭ ބަހުސެވެ.

ރައްޔިތުންގެ ބަހެއް ނެތި ނިޒާމު ބަދަލު ކުރެވިދާނެ؟

އެންމެ ގަދައަށް ދެކެވެނީ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ވާހަކަ އެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާ ބުނާގޮތުން ރައީސް އިންތިޚާބުކުރާ ގޮތާއި ރައީސްގެ ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރަށް ބަދަލެއް ގެންނަން ފާސްކުރާ ބިލެއް ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެވެ. އެކަމަކު ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގައި ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަކަށް ގާނޫނުއަސާސީ އަކު ނޯވެ އެވެ.

ސަރުކާރު ކޯލިޝަންގެ ލީޑަރުންނާއި ރައީސް --- ފޮޓޯ/މިހާރު

ސަރުކާރު ކޯލިޝަންގެ ލީޑަރުންނާއި ރައީސް --- ފޮޓޯ/މިހާރު

އެހެންކަމުން ރައްޔިތުންގެ ބަހެއް ނެތަސް، ވެރިކަން ހިންގާ ނިޒާމަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް އެބައޮތެވެ. މިކަން އެހާ އުނދަގޫ ކަމަކަށް ވެގެން މި އުޅެނީ ރައީސް އިންތިޚާބު ކުރާ ގޮތް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ބަހެއް ހޯދަން ޖެހޭތީ އެވެ. ބަރުލަމާނީ ނިޒާމުގައި ރައީސަކީ މަޖިލީހުން އިންތިޚާބު ކުރާ މަގާމެކެވެ. ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްޓަކައި ރައީސް އިންތިޚާބު ކުރާ ގޮތް ބަދަލު ކުރަން ޖެހެ އެވެ.

އެހެން ނަމަވެސް ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމު އެކުލެވޭ ސެމީ ޕާލިމެންޓްރީ ނިޒާމަކަށް ބަދަލު ކުރާ ނަމަ، ރައްޔިތުންގެ ވޯޓަކަށް ދާކަށް ނުޖެހޭނެ އެވެ. އެއީ ސްރީލަންކާގައި އެ އޮތް ފަދަ ނިޒާމެކެވެ. ރައްޔިތުންގެ ވޯޓަކުން ރައީސް ހޮވާނީ އެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބޮޑުވަޒީރު ކަމަށް ބޭފުޅަކު އަދި ވަޒީރުން އައްޔަން ކުރާނީ ރައީސެވެ. މި ގޮތަށް ނިޒާމު ބަދަލު ކުރާ ނަމަ، ގާނޫނުއަސާސީ އޮތްގޮތުން ރައްޔިތުންގެ ބަހެއް ނެތި މަޖިލީހަށް އެކަނި ވެސް ނިޒާމު ބަދަލު ކުރެވިދާނެ އެވެ. އެކަމަކު ފުރިހަމަ ބަރުލަމާނީއަކަށް ބަދަލު ކުރާ ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ލާޒިމްވެ އެވެ.

ރާއްޖޭގައި އޮތީ ހައިބްރިޑް ނިޒާމެއް

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގައި ރިޔާސީ ނިޒާމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތުން އާނ ބަސް ދިނުމުން ގާނޫނުއަސާސީގައި އެގޮތަށް ފަރުމާކުރި އެވެ. އެކަމަކު ގާނޫނުއަސާސީއަށް ބަލާއިރު އެގޮތަށް ބުނެވޭކަށް ނެތެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ބަރުލަމާނީ ނިޒާމާ މަސްހުނި ކަންތައްތަކެއް އެބަހުއްޓެވެ. ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވެސް މިކަން ފާހަގަ ކޮށްފައިވެ އެވެ.

"ދައުލަތުގެ ބާރުތައް ވަކި ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާ މަސްހުނި ވެފައިވާ ހައިބްރިޑް ނިޒާމެއްގެ މައްޗަށް.." ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި 2010 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވެ އެވެ.

މީގެ މިސާލަކަށް ދާއިރު، ރިޔާސީ ނިޒާމުގެ އެއް ސިފައަކީ ސަރުކާރު ހިންގުމުގައި ތިބޭ ވަޒީރުންނަކީ ސީދާ ރައީސް އައްޔަން ކުރައްވައި، އަދި ރައީސްގެ ބެއްލެވުމުގެ ދަށުގައި ތިބޭ ބަޔަކަށް ވުމެވެ. ވަޒީރުން ވަކި ކުރުމުގެ ބާރު އޮތަސް، ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި މަޖިލީހަށް ލިބެނީ މަސައްކަތުގެ ދާއިރާގައި އެކަށީގެންނުވާ އަމަލެއް ކުރުމުންނެވެ. އަދި އެކަމެއް ކުރިކަން މަޖިލީހުން ހިންގާ ތަހުގީގަކުން ސާބިތުވުމުންނެވެ. އެ ހާލަތުގައި އެއަށް ކިޔާ އުޅެނީ އިމްޕީޗްމަންޓެވެ. އެންމެ ބޮޑު ރިޔާސީ ނިޒާމު އޮންނަ އެމެރިކާގައި އޮންނަނީ އެގޮތަށެވެ.

އެކަމަކު ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ވަޒީރަކު މަގާމުން ދުރުކުރަން ކޮންމެހެން އިމްޕީޗްމަންޓް މަރުހަލާއެއް ބޭނުމެއް ނުވެ އެވެ. އޭގެ ބަދަލުގައި ނަގަނީ އިތުބާރު ނެތްކަމުގެ ވޯޓެކެވެ. އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރުމުން އެ ވަޒީރަކު މަގާމުން ވަކިވީ އެވެ. ރައީސްގެ ބެލުމުގެ ދަށުގައި ތިއްބަވާ ވަޒީރުންނަށް އިތުބާރެއް ނެތްކަމަށް މަޖިލީހުން އަމިއްލައަށް ނިންމައި، މަގާމުން ދުރުކޮޮށް، އެއްލާލުމުގެ ކުރިން ރައީސް ކުރެން "ހޭވެސް އަހާނުލަ" އެވެ. ރައީސް ކިތަންމެ އިތުބާރު ކުރައްވާ ވަޒީރަކު މިގޮތަށް މަގާމުން ދުރު ކުރިޔަސް، ރައީސަށް އެކަން ހުއްޓުވަން ކުރެވޭނެ ކަމެއް ގާނޫނީ ގޮތަކުން ނޯވެ އެވެ. މިފަދަ އެތައް ކަންތައްތަކެއް ގާނޫނުއަސާސީގައި ފެންނަން އެބަހުއްޓެވެ.

ދައުރުގެ މެދު ތެރެއިން ބަރުލަމާނީ ސަރުކާރަކަށް ޖާގަ ދެވޭނެ؟

މިހާރު އޮތް މަޖިލީހަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކަށް ވާތީ ބަރުލަމާނީ ނިޒާމެއް އަތުވެއްޖެ ނަމަ އިތުރު އެއްވެސް ޕާޓީއެއްގެ ތާއީދެއް ނެތި، އަމިއްލައަށް ސަރުކާރެއް ގާއިމް ކުރުމުގެ ގާބިލްކަން އެމްޑީޕީއަށް އެބައޮތެވެ. އެހެންވެ، މިހާރު މަޖިލިސް އެކުލެވިފައި އޮތްގޮތަށް އޮވެ، ބަރުލަމާނީ ނިޒާމެއް އައުމަކީ އެމްޑީޕީއަށް ލިބޭނެ އެންމެ ބޮޑު ފައިދާ އެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ގެނަޔަސް، ސަރުކާރު ހިންގުމުގެ ފުރުސަތު 19 ވަނަ މަޖިލީހަށް ދެވިދާނެތޯ އެއީ ބޮޑު ސުވާލެކެވެ.

ސަބަބަކީ މިހާރު އޮތް މަޖިލީހަށް ރައްޔިތުން މެމްބަރުން ހޮވީ ސަރުކާރު ހިންގައި ނުވަތަ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި ޤާނޫނުުތައް ހަދައި، ސަރުކާރާއި މުއައްސަސާތަކަށް ފާރަވެރިވާށެވެ. އެހެންވުމުން ދައުރުގެ މެދު ތެރެއިން ކުއްލި ގޮތަކަށް މަޖިލީހަކީ ސަރުކާރު ކަމަށް ބަދަލުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރަކަށް ބަދަލުވެ އަދި ހޮވާލެވޭ ބައެއް މެމްބަރުންނަކީ ވަޒީރުން ކަމުގައި ހަމަޖެހިއްޖެ ނަމަ، އިތުރު ހަމަނުޖެހުންތަކެއް އަދި ޚިޔާލު ތަފާތުވުންތަކަކަށް ދާނެ އެވެ.

އަނެއްކޮޅުން މަޖިލީހުގެ ދައުރުގެ މެދު ތެރެއިން މަޖިލީހުގެ ތެރެއިން ސަރުކާރެއް އުފަންވެއްޖެ ނަމަ، މަޖިލީހުގެ ދައުރު ގުނާ ގޮތާ މެދު ވެސް އިތުރު މައްސަލަތަކެއް ނިކުންނާނެ އެވެ. އެ ކަންކަމަށް އޮތް ހައްލަކީ ބަރުލަމާނީ ނިޒާމެއް ގެނަޔަސް، އިންތިގާލީ މަރުހަލާއެއްގެ ތެރެއިން މަޖިލިސް އުވާލުމަށް ފަހު އާ މަޖިލީހެއް އިންތިޚާބުކޮށް، އެ މަޖިލިސް ތެރެއިން ސަރުކާރެއް އުފެދުމެވެ.

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ވެސް ފައިދާ އާއި ގެއްލުންތައް ހުރި ދެ ނިޒާމެވެ. އެކަމަކު ނިޒާމު ބަދަލު ކުރަން ފެނޭތޯ ކުރިއަށް ދިއުމުގެ ކުރިން ވިސްނަންޖެހޭ ކަންކަން ވަރަށް ގިނަ އެވެ. ނިޒާމު ބަދަލު ކުރިޔަސް އަދި ނުކުރިޔަސް، ދެ ނިޒާމުގެ މަސްހުނި ސިފަތައް ގާނޫނުއަސާސީން އިސްލާހު ކުރަން ޖެހެ އެވެ. އަދިި ނިޒާމު ބަދަލުކޮށްފި ނަމަ، އިންތިގާލީ މަރުހަލާގެ ތެރެއިން އާ މަޖިލީހެއް ހޮވަން ވެސް ޖެހެ އެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ގާނޫނު ހަދަން އިންތިޚާބުކުރި މަޖިލީހަކަށް ދައުރު މެދު ތެރެއިން ނިޒާމު ބަދަލުކޮށް، ސަރުކާރު ހިންގުމުގެ ފުރުސަތު ދެވިގެން ނުވާނެ އެވެ.