Roadha Mihaaru
މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް: ޝަމާލް

ސިފައިންގެ ވާޖިބު އަދާކުރުމުގައި މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް: ޝަމާލް

21 އެޕްރީލް 2021

ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު، އަދާކުރުމުގައި މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށް ޗީޕް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު، އަދާކުރުމުގައި މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށް ޗީޕް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޝަމާލް ވިދާޅުވީ، މިދިޔަ އަހަރު ސިފައިން ވަނީ އަގު ހުރި ގިނަ މަސައްކަތްތަކެއް ކޮށްދީފައި ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތުގައި އެއްވެސް ވަރުބަލި ކަމެއް ނެތި ސިފައިން ނުކުމެ ކުރި މަސައްކަތް ޝަމާލް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމާއި ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުންގެ އިތުރުން، އަލިފާނުގެ ހާދިސާތަކުން މީހުންނާއި މުދާ ސަލާމަތް ކުރުމަށް ވެސް މިދިޔަ އަހަރު މަސައްކަތް ކުރި ކަމަށެވެ.

ޝަމާލް ވިދާޅުވިގޮތުގައި، ކޮވިޑް ތެރޭގައި ސިފައިން މަސައްކަތް ކުރި ނަމަވެސް، އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ވެސް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ބޭރު ގައުމުތަކާ ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސް، ސިފައިން ތަމްރީނު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ، ގައުމީ ދިފާއީ ބާރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ހޯދަން ޖެހޭ ވަސީލަތް ހޯދަން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އެވެ.

އޭނާ ވިދާޅުވީ މިއަދު ތައާރަފު ކޮށްފައިވާ އަސްކަރީ އަދުލުގެ ނިޒާމަކީ ސިފައިންނަށް ރަނގަޅު ފައިދާތަކެއް، ވަކިން ހާއްސަކޮށް، އަހުލާގު ދެމެހެއްޓުމަށް ބޭނުންތެރި އެއްޗެއް ކަމަށެވެ.

އެމްއެންޑީއެފްގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ވަނީ ކަޅުތުއްކަލާކޮށީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވެވަޑައިގަންވަ އެވެ.

ސިފައިންގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ އޭޕްރީލް 21، 1892 ގަ އެވެ.