Roadha Mihaaru

ލަތީފާ ދިރިހުރި ކަމުގެ ހެކި ދައްކަން އދ. އިން އެދިއްޖެ

ޖެނީވާ (އެޕްރީލް 21) - ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސަސް ލަތީފާ އަލް މަޚްތޫމް ދިރިހުރި ކަމުގެ ހެކި ދެއްކުމަށް އދ. އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އަނެއްކާވެސް އެދިއްޖެ އެވެ.

ލަތީފާ ދިރިހުރި ކަމުގެހެކި ދައްކަން އދ.އިން އެދިއްޖެ
ހަސަން އާމިރު
ހަސަން އާމިރު

21 އެޕްރީލް 2021

ޖެނީވާ (އެޕްރީލް 21) - ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސަސް ލަތީފާ އަލް މަޚްތޫމް ދިރިހުރި ކަމުގެ ހެކި ދެއްކުމަށް އދ. އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އަނެއްކާވެސް އެދިއްޖެ އެވެ.

ޕްރިންސަސް ލަތީފާ ތުހުމަތުކުރައްވާ ގޮތުގައި އޭނާގެ ބައްޕަ ވަނީ ދުބާއީގައި އޭނާ ރަހީނުކޮށްފަ އެވެ. އެ ގޮތަށް ރަހީނުކޮށްފައި ބަހައްޓާފައި ވަނީ ދުބާއީން 2018 ވަނަ އަހަރު ފިލަން އުޅުނު ފަހުން ކަމަށް ވެސް ލަތީފާ ވިދާޅުވެފައިވެ އެވެ.

މީދެ ދެ މަހެއްހާ ދުވަސް ކުރިން، ވަރަށް ސިއްރުން ފޯނުން ވީޑިއޯއެއް ނެގުމަށް ފަހު ބީބީސީއާ ލަތީފާ ވަނީ އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ޕްރިންސަސް ލަތީފާ އެ ވީޑިއޯގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ފުރާނައާ މެދު މިހާރު ވަނީ ބިރުހީވެފަ އެވެ. އަދި އޭނާގެ ބަހައްޓާފައިވާ ވިލާ ވަނީ ޖަލަކަށް ބަދަލުވެފައި ކަމަށް ވިދާޅުވެ އެވެ.

ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ވީހާ ވެސް އަވަހަކަށް ލަތީފާ ބަންދުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

ދުބާއީގެ ޝާހީ އާއިލާ އިން ކުރިން ބުނެފައި ވަނީ ލަތީފާ ހުރީ ރައްކާތެރިކަމާ އެކު ހެޔޮ ހާލުގައި ކަމަށެވެ. ޝާހީ އާއިލާ އިން އެ ގޮތަށް ބުނެފައި ވަނީ ލަތީފާ ދިރިހުންނެވިކަން ސާބިތުކޮށްދޭން އދ. އިން ކުރިން ގޮވާލުމާ ގުޅިގެންނެވެ.

ރަހުމަތްތެރިންތަކެއްގެ އެހީއާ އެކު ޕްރިންސަސް ލަތީފާ ވަނީ ފެބްރުއަރީ 2018 ގައި ދުބާއީން ފިލަން މަސައްކަތް ކުރައްވައިފަ އެވެ.

"އަޅުގަނޑަށް ދަތުރު ކުރުމުގެ ހުއްދައެއް، ދުބާއީން ބޭރަށް ދިއުމުގެ ހުއްދައެއް ނޯވޭ،" އެފަހަރު ފިއްލެވުމުގެ ކުރިން ޕްރިންސަސް ލަތީފާ އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވެ އެވެ.

ފިއްލަވައިގެން ވަޑައިގެން އިންޑިއާ ކަނޑުގައި ބޯޓެއްގައި ހުންނަވަނިކޮށް ކޮމާންޑޯ އިން ގޮސް ޕްރިންސަސް ލަތީފާ ވަނީ ހައްޔަރުކޮށްގެން ދުބާއީ އަށް ގެންގޮސްފަ އެވެ. އޭގެ ފަހުން އެކަމަނާ ހުންނަވަނީ ދުބާއީގަ އެވެ.

ޕްރިންސަސް ލަތީފާގެ ބައްޕާފުޅު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަކީ ދުނިޔޭގައި އެންމެ މުއްސަނދި އެއް ލީޑަރެވެ. ދުބާއީގެ ވެރިޔާގެ އިތުރުން ޝެއިޚް ރާޝިދަކީ ޔޫއޭއީގެ ނައިބް ރައީސް ވެސް މެ އެވެ.