Roadha Mihaaru
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

22 އެޕްރީލް 2021

އުމުރުން އެންމެ ތިން އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އުމުރުން އެންމެ ތިން އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލަ ބަލަން ފެށީ އެ ކުއްޖާ އަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަށް އެ ކަން ހުށަހެޅުމާ ގުޅިގެން ކަމަށެވެ.

"މި މައްސަލައަކީ ސީރިއަސް މައްސަލައަކަށް ވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމުގައި ދަންނަވަމެވެ. މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނިގޮތުގައި، އެ ކުއްޖާ އަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް މިހާރު ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. ކުއްޖާ އަށް ނަފުސާނީ ގޮތުން އަސަރު ކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދައްކައި، ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލައާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހެދުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.

"...ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއާ ގުޅިގެން މިދަނީ ކުރަމުންނެވެ،" ފުލުހުން ބަޔާނުގައި ބުންޏެވެ.

ފުލުހުން ވަނީ، ކުޑަކުދިންނާ މެދު ހިންގާ އެކި ކަހަލަ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރާތީ، އެ ކަހަލަ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަން ލަސްނުކޮށް އެންގުމަށް އެދިފަ އެވެ. އެކަމާ ގުޅޭ ޑިޕާޓްމަންޓަށް ހިލޭ ގުޅޭނެ ނަމްބަރަކީ 3000600 އެވެ.