ގދ. ރަތަފަންދު އާއި ނަޑެއްލާއާ ދެމެދު އޮންނަ ތޮށިމަތިން ރޭ ދަންވަރުގެ ވަގުތެއްގައި ހިނގާފައި ދިޔަ ދެ ޒުވާނުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
16 ނޮވެމްބަރ 2016
ގދ. ރަތަފަންދު އާއި ނަޑެއްލާއާ ދެމެދު އޮންނަ ތޮށިމަތިން ރޭ ދަންވަރުގެ ވަގުތެއްގައި ހިނގާފައި ދިޔަ ދެ ޒުވާނުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ކަމަށް ވަނީ އެ ރަށު މުހައްމަދު ރަޝީދު، 32، އާއި ސޮލާހު ރަޝީދު، 28، ރޭ ރަތަފަންދުއަށް ގޮސް، ދަންވަރު ގަޑީގައި އެނބުރި ނަޑެއްލާއަށް އައި މަގުމަތީގަ އެވެ. މަރުވީ މުހައްމަދު ރަޝީދެވެ.
ފައިސަލް ވިދާޅުވީ އެ ދެ ރަށުގެ ދުރުމިނުގައި ތިން މޭލު ހުންނައިރު ދިޔަވަރު ހިކިފައި އޮންނަ ގަޑީގައި ތޮށިމަތިން ހިނގާފައި ދެވޭނެ ކަމަށެވެ. އެކަމަކު ރަޝީދާއި ސޮލާހު ނަޑެއްލާއަށް އައީ ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި ކަމަށާއި ރަޝީދު މަރުވި ކަމަށް ސޮލާހު ބުނަނީ އެ ދެ ރަށް ދެމެދުގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ މާފުއްޓާ ހަމަވިތަނުން، ގެނބިގެން ކަމަށެވެ.
ބޮޑު ދިޔައިގައި ތޮށިމަތިން ހިނގާފައި ދެވުނު ނަމަވެސް، ފަޅު ރަށްތަކާ ހަމައިން އިސްކޮޅު ނުކާވަރަށް ފުންވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ސޮލާހާ ހަވާލާދީ ކައުންސިލަރު ވިދާޅުވީ ރަޝީދު ގެނބުމުން އޭނާ ކައިރީގައި އޮތް މާފުއްޓާއަށް އަރުވާފައި ސޮލާހު އައީ އެ ހަބަރު ދިނުމަށް ނަޑެއްލާ އަށެވެ. އަދި އޭރު ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިނީ ރަޝީދުގެ ކޮއްކޮއެއް ކަމަށާއި އެ ދެމީހުން ވަގުތުން ޑިންގީއެއްގައި ގޮސް ރަޝީދު ނަގައިގެން ނަޑެއްލާއަށް ގެނައީ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝީދު ރޭ ތިނެއް ޖަހާކަންހާއިރު ނަޑެއްލާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
"އަޅުގަނޑުމެންނަކަށް ނޭނގެ ދިޔަވަރު ބޮޑު އިރު ދަންވަރު ގަޑީގައި އެ ދެމީހުން އެނބުރި ރަށަށް އަންނަން އުޅުނީ ކީއްވެގެން ކަމެއް. އެ ހާދިސާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" ފައިސަލް ވިދާޅުވި އެވެ.
މި ހާދިސާ ތަހުގީގު ކުރުމަށް އެ އަތޮޅު ތިނަދޫގެ ޓީމަކާއި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ވަނީ ގޮސްފަ އެވެ.
މަރުވި ރަޝީދުގެ ތިން ދަރިން ތިބެ އެވެ.
ނަޑެއްލާގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރަތަފަންދޫގައި ގޭސް ފުޅި ގޮވައި ފިހުނު މީހާ ނިޔާވެއްޖެ
8 ރަށެއްގައި ވާރޭފެން ރައްކާކުރާ ނިޒާމު ގާއިމުކޮށްފި
ރަތަފަންދޫ މީހެއްގެ މަރުގެ މައްސަލަ ފުލުހުން ބަލަނީ
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ބޮލީވިއާގައި ހިނގި ދެ އެކްސިޑެންޓެއްގައި 70 މަރު
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި