Roadha Mihaaru
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް

ހިޔާ ފްލެޓްގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް!

23 ޖެނުއަރީ 2022

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅި 6،720 ފްލެޓުގައި މީހުން އުޅެން ފެށިތާ ފަސް މަސް ވާން ގާތްވިޔަސް އެ ސަރަހައްދުން މާ ބޮޑު ބަދަލެއް ނުފެނެ އެވެ. އެތަނުގައި އުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުން ފިޔަވައި ބަދަލުނުވާ ކަމަކީ އެ ސަރަހައްދުގެ މީހުންގެ އޮތް ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ. އެކަން ހައްލުނުވެ ދިގުލައިގެންދާ މައްސަލަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅި 6،720 ފްލެޓުގައި މީހުން އުޅެން ފެށިތާ ފަސް މަސް ވާން ގާތްވިޔަސް އެ ސަރަހައްދުން މާ ބޮޑު ބަދަލެއް ނުފެނެ އެވެ. އެތަނުގައި އުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުން ފިޔަވައި ބަދަލުނުވާ ކަމަކީ އެ ސަރަހައްދުގެ މީހުންގެ އޮތް ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ. އެކަން ހައްލުނުވެ ދިގުލައިގެންދާ މައްސަލަ އެވެ.

ގާތްގަނޑަކަށް، މަދުވެގެން 35،000 މީހުންގެ ބޮޑު އާބާދީއެއް ފްލެޓްތަކުގައި އުޅޭނެ ކަމަށް ބެލެވޭއިރު އެތަނުގައި މިހާރު ވެސް 5،000 އަށް ވުރެ ގިނަ މީހުން އެބަ ދިރިއުޅެ އެވެ. ބޮޑު އާބާދީއެއް ޖަމާވާނެ ކަމަށް ލަފާކުރެވޭ ތަނެއްގައި މައްސަލަތައް އޮތީ ފުންޏަކަށެވެ. އެކަމަކު އެ ތަނުގައި އުޅޭ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ މިކަން އޮންނާނެ ގޮތެވެ. އެތަނަށް ބަދަލުވީ އެ ހުރިހާ ކަމެއް އެނގި ތިބެ އެވެ.

"އަލަށް އާބާދުވާ ތަނެއްގައި މައްސަލަތައް ހުންނާނެ. އެކަން އެނގި ތިބެ އަޅުގަނޑުމެންގެ އާއިލާ މިތަަނަށް ބަދަލުވީ. އެބަ އެނގޭ މިތަނަށް އައިއިރު މަގުތައް ނުނިމޭކަން. ކައިރި ހިސާބެއްގައި ފިހާރައެއް ވެސް ނެތްކަން. ބަހުގެ ދަތިކަން އޮތް ކަން. މަގެއް އެއްޗެއް ވެސް މިތަނުގައި ނުނިމޭކަން،" އަނބިމީހާ އާއި ފަސް އަހަރުގެ ދަރިފުޅު އަދި މަންމައާ އެކު ހިޔާގެ 12 ވަނަ ޓަވަރުގައި އުޅޭ މީހަކު، "މިހާރު" އަށް ކިޔައިދިނެވެ.

މި ހުރިހާ މައްސަލަތަކެއް އޮތް ކަމަށް ގަބޫލުކުރިޔަސް އޭނާގެ ވެސް އޮތް ކަންބޮޑުވުމަކީ އެ ސަރަހައްދުގައި މަސައްކަތް ކުރިއަށްދާލެއް މާ ބޮޑަށް ވެސް ލަސްވުމެވެ. ޓަވަރުތަކުގެ ވަށައިގެން އޮތް މަގުތައް ހެދުމުގެ މަސައްކަތް މި ވަގުތު އޮތީ މުޅިންހެން ހުއްޓިފަ އެވެ. ބައެއް މަގުތަކުގެ ފަސްގަނޑު އެއްވަރުކޮށް، ހިލަވެލި އަޅާފައި އޮތަސް އެހެން މަގުތައް ހުރީ ހުރި ގޮތަށެވެ. މަގުތައް އެއްވަރު ނުކުރާތާ އެކި ތަންތަނުގައި ފަސް ފުންޏެވެ. އެގޮތަށް އޮންނާތީ ހާމަކަން ބޮޑު އެ ސަރަހައްދުގައި ވައި ބާރުވާ އިރެއްގައި ނަމަ، ވެލި ކުނޑިއާ ހެދި އުޅެން އުނދަގޫވާ ވަރުވާ ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް މިއޮތީ މަގު ހެދުން ހުއްޓިފައި. އެއް ފަހަރު ބުނާނެ ނޮވެމްބަރުގައި ނިންމާނަމޭ. ދެން ނުނިމުނީމަ މިހާރު މިއޮތީ އޮތް ގޮތަށް. މިކަހަލަ މަސައްކަތްތައް މާބޮޑަށް ލަސްވާތީ މައްސަލައަކީ،" އޭނާ ބުންޏެވެ.

ހިޔާ އިން ފްލެޓް ލިބުނު ބަޔަކު ހަވީރު ފިންޏަށް ހިނގާލަން ނިކުމެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ އިން ފްލެޓް ލިބުނު ބަޔަކު ހަވީރު ފިންޏަށް ހިނގާލަން ނިކުމެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގައި ވަޒީފާ އަދާކުރަމުން އަންނަ އެ މީހާގެ ކޮންމެ ދުވަހެއްގެ އާދައަކީ ވެސް ރެޑްވޭވް މޯލްއާ ހިސާބަށް ދިއުމަށް ފަހު، ގެއަށް ބޭނުންވާ ސާމާނު ހުރިތޯ ގެއަށް ގުޅައި އެހުމެވެ.

"ކޮންމެ ދުވަހަކު މަސައްކަތް ނިންމައިފަ އަންނަމުން އަހަނީ ކޯޗެއްތޯ ބޭނުންވަނީ. އެ އެއްޗެހި ހިފައިގެން އަންނާތީ އަޅުގަނޑަށް ދައްޗެއް ނުވޭ މިތާކު އުޅޭކަށް. މިގޮތަށް އުޅެން ޖެހުނަސް މާލެއަށް ވުރެ ހިތްފަސޭހަ،" އާއިލާއާ އެކު ހަވީރު ފިންޏަށް އޭނާ ދިރިއުޅޭ ޓަވަރު ކައިރިއަށް ނިކުމެ ހުރެ، އޭނާ ބުންޏެވެ.

މިހާރު ވެސް ހަމަ އެއް ޝަކުވާތަކެއް

މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކެއް ހިޔާގެ އެކި ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރީ ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދާށެވެ. އެކަމަކު އެ މީހުންނަށް އެ ހިތްހަމަ ޖެހުން ލިބެން އޮތީ މައްސަލަތަކަށް ހައްލު ލިބިގެންނެވެ.

ހިޔާގެ ނޫ ފްލެޓްތައް ކައިރީގައި މޭޒު ބަހައްޓައިގެން ހަވީރު ވަގުތު ހެދިކާ ވިއްކުމުގެ ވިޔަފާރި ކުރާ އަންހެނަކު ބުނީ، އެންމެ ބޮޑު ދައްޗަކަށް ވަނީ އެތަނުގައި އެންމެ ފިހާރައެއް ހުންނާތީ ކަމަށެވެ. އެތަނުގައި ތަކެތީގެ އަގު ވެސް އިންތިހާ އަށް ބޮޑެވެ. އެހެންވެ، އެތަނަށް ވިޔަފާރިކުރަން ނުދާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ވިޔަފާރިކުރަނީ ފޭސް އެކަކަށް ގޮސްގެން. މިތަނުގައި [ހިޔާ ޓަވަރު] ގައި ހުންނަ ފިހާރައިން 120 ލިބޭ ކިރު ޕެކެޓެއް ލިބޭނީ 250 އެއްހާ ރުފިޔާ އަށް. މާ ބޮޑަށް އަގު ބޮޑީ،" އޭނާ ބުންޏެވެ.

ދެވަނަ ކަންބޮޑުވުމަކީ ބަހުގެ ހިދުމަތް އޮތް ގޮތެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެން އެތަނަށް ބަހުގެ ހިދުމަތް ދެމުން އައި ނަމަވެސް ހިދުމަތަށް ބަދަލު ނާންނަ ކަމުގެ ޝަކުވާ އެވެ. އޭނާ ބުނީ، ބަހުގެ ހިދުމަތް އެންމެ ދަތިވަނީ ސްކޫލަށް ކުދިން ގެންދާ ވަގުތު ކަމަށެވެ. ޕީކް ގަޑިތަކުގައި 15 މިނެޓުން 15 މިނެޓުން ބަހުގެ ހިދުމަތް ދިނަސް، ފޭސް ދެއަކުން ނައްޓާލުމަށް ފަހު، ފޭސް އެކެއްގައި ބަސް މަޑުކުރުމަށް ފަހު އެތައް އިރެއްވާތީ ކަންބޮޑުވެ އެވެ. އެ މީހުން ބޭނުންވަނީ ފޭސް ދެއަކުން ނައްޓާލާ ގޮތަށް ސީދާ މާލެއަށް ދެވޭނެ ގޮތެއް ހަމަޖެހުމެވެ.

ފޭސް ދެއަކަށް ބަސް އަންނާނެ އިރެއްގެ އިންތިޒާރުގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފޭސް ދެއަކަށް ބަސް އަންނާނެ އިރެއްގެ އިންތިޒާރުގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ފޭސް އެކަކަށް ހުއްޓާފައި 15 ވަރަކަށް މިނެޓް އެބަ ޖެހޭ އެތަނުގައި މަޑުކުރަން،" އޭނާ ބުންޏެވެ.

ކޮންމެ ދުވަހަކު އެންމެ އަވަހަށް އޮންނަ 5:45 ގެ ބަހަށް އަރައިގެން ވެސް މާލޭގައި ދަރިފުޅު ކިޔަވާ ސްކޫލާ ހިސާބަށް ދެވެނީ ކިރިޔާ ކިރިޔާ ކަމަށް އޭނާ ބުންޏެވެ.

"އަދި ހަމަ ވަރަށް އުނދަގޫ މިތާނގައި ހުރިހާ ކަމެއް ވެސް. ވަކި އެހެން ރަނގަޅޭ ބުނާނެ އެއް ކަމެއް ވެސް ނެތް. ޓިއުޝަން ކްލާސްތައް ވެސް މިކޮޅަށް ބަދަލުވި ފަހުން ކުދިން ނުގެންދަން. މިތަނުގައި ޓިއުޝަން ކްލާހެއް ނުލިބިގެން."

މާލޭގެ ދަފްތަރު ކެޓަގަރީން ފިރިމީހާ އަށް ފްލެޓް ލިބުނު ދުވަސްވީ އަންހެނަކު އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުނީ، ކުޑަކުދިންނާ އެކު ފްލެޓްގައި އުޅެމުން އަންނައިރު ރޭގަނޑު ވަގުތު ވެސް ފްލެޓްގެ މަސައްކަތްތައް ކުރާތީ ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.

"އަޅުގަނޑުމެން ޕޮލިހުންނަށް ވެސް އެ މައްސަލަ ޖައްސައިފިން ވަރަށް ގިނައިން. އެ މީހުން ބުނަނީ 24 ގަޑިއިރު މަސައްކަތް ކުރެވޭތީއޭ އެހެން އެ މަސައްކަތްކުރަނީ. އަޅުގަނޑުމެން ބުނިން ރޭގަނޑު ކުޑަކުދިން ނިދާފައި ތިބޭ ގަޑިތަކުގައި ތަންތަނުގައި ތަޅާ ތޮރުފީމަ ސިއްސައިގެން ގޮސް ހޭލެވި ރޮނީއޭ،" އޭނާ ބުންޏެވެ.

ހިޔާ ފްލެޓެއްގެ ބެލްކަނީގައި އަންހެނަކު މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ފްލެޓެއްގެ ބެލްކަނީގައި އަންހެނަކު މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަނެއް ކަންބޮޑުވުމަކީ އިރުއިރުކޮޅާ ފްލެޓުން ފެނާއި ކަރަންޓު ކެނޑޭ މައްސަލައެވެ.

"މިހާރު ރޭގަނޑު ފެން ކެނޑޭތާ ފަސް ރޭ ވެއްޖެ. ރޭގަނޑު ފާހާނައަށް ވަންނައިރު ނުހުންނާނެ. ދެން ގޮސް ބޭރަށް ނިކުމެ ބަލާއިރު ހުންނާނީ ފެން ބަންދުކޮށްފައި. ކަރަންޓުވެސް ދޭތެއަކުން ކެނޑޭ،" ހިޔާގެ 15 ވަނަ ޓަވަރުގެ 23 ވަނަ ފްލޯގައި އުޅެމުން އަންނަ އެމީހާ ބުންޏެވެ.

ބައެއް ޓަވަރުތަކުގައި ލިފްޓްގެ މައްސަލަ އެހާ ބޮޑު ނޫނަސް އަނެއް ބަޔަކަށް މިއީ ވެސް ބޮޑު ތަކުލީފެކެވެ. ބައެއް ވަގުތުތަކުގައި މަސައްކަތްކުރާ ސާމާނު އަރުވަން ވަރަށް ގިނައިރު ލިފްޓް ހުއްޓުވައިގެން ތިބޭތީ ލިފްޓު ލިބުމުގެ ދަތިކަމެވެ. ނޫނީ ލިފްޓް ހުއްޓި އޭގައި ތާށިވާ މައްސަލަ އެވެ. މި މައްސަލަ ހައްލުކުރުމުށް ކޮންޓްރެކްޓަރުގެ ފަރާތުން ވަނީ އެހެން ކުންފުންޏަކާ މިދިޔަ އަހަރުގެ ފަހުކޮޅު ހަވާލުކޮށްފަ އެވެ.

މުޅި ސަރަހައްދު ގޮނޑުކޮށްލަނީ އުޅޭ މީހުން!

ހުކުރު ދުވަހުގެ ހަވީރު މި ފްލެޓްތައް ކައިރިއަށް ދިޔައިރު އެތަން މިތަނުގައި އޮތީ ކުންޏެވެ. ޕާކިން ޒޯންތަކާއި މަގުތަކާއި ޓަވަރުތަކުގެ ކަންކަން މަތީގައި ވެސް ކުނި ފުންޏެވެ. އެތަނުގައި އުޅޭ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެމީހުން ބުނަނީ އެތަން ހަޑިކުރަނީ ފްލެޓްގައި އުޅޭ މީހުން ކަމަށެވެ.

"ދިވެއްސަކަށް ވިޔަސް ބުނެވޭނީ ދިވެހިންނަކީ ވަރަށް ގޮތްކުޑަ ބައެކޭ. އެކަން މިތަނަށް ބަލާލީމަ އެބަ ފެނޭ. މަތީ ފްލޯތަކުން ވެސް ކުނި ކޮތަޅުތައް އުކަނީއޭ ބޭރަށް،" މީހަކު ބުންޏެވެ.

ހިޔާ ސަރަހައްދުގައި ހުރި ކުނިތަކެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ސަރަހައްދުގައި ހުރި ކުނިތަކެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިހާރު ވެމްކޯ އިން ކުރި ނަގަނީ ފްލެޓްތަކުގެ ވަކި ސަރަަހައްދެއްގައި ހުންނަ ޑަސްބިންތަކަށް ކުނި ކޮތަޅު ގެންގޮސް ލުމުންނެވެ. އެކަމަކު އެކަން ކުރަން ބޮޑު ކަމަކަށްވާތީ މީހުން އަޅާ ކުނިތަކުން އެތަން އޮންނަނީ ހަޑިވެފަ އެވެ. ބައެއް ފަހަރު މިގޮތަށް އުކާފާއި ހުންނަ ކުނިތަކުގައި އަލިފާން ރޯވެ ބިރުވެރިކަން ވެސް އޮވެ އެވެ.

ހިޔާ ފްލެޓްތަކުގެ އާބާދީ ބޮޑުވަނީ އެވެ. ބައެއް މީހުން ބުނާ ގޮތުން ސަރުކާރުން ވެސް ހީކުރި ގޮތާ ހިލާފަށް، އާބާދީ ބޮޑުވަމުން އަންނަނީ ވެސް ވަރަށް ހަލުއިކޮށެވެ. އެއާ އެކު، ކުދިކުދި މައްސަލަތައް ވެސް ބޮޑުވެ، މައްސަލަތައް ހުރީ ފުނިޖެހިފަ އެވެ. އުންމީދުކުރި ދިރިއުޅުން އެ އުންމީދާ ހަމައަށް ގެންގޮސްދެވެން އޮތީ، އެންމެން ވެސް ގަބޫލުކުރާ ގޮތުގައި އެޗްޑީސީ އަށެވެ. ފްލެޓްގައި ދިރިއުޅޭ އެންމެން ވެސް ތިބީ އެ އިންތިޒާރުގަ އެވެ.