Roadha Mihaaru
ޑީއެޗް11 ގައި ފަސް މީހަކު އައިސީޔޫގައި

ޑީއެޗް11ގެ އައިސީޔޫގައި ފަސް މީހަކު ފަރުވާ ހޯދަނީ

26 އެޕްރީލް 2021

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ކޮވިޑް-19 އަށް ފަސް މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ކޮވިޑް-19 އަށް ފަސް މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ބުނި ގޮތުގައި ޑީއެޗް11 ގައި ހުންނަނީ އެންމެ ނުވަ އެނދެވެ. އެތަނުގައި މި ވަގުތު ފަސް މީހަކު އެޑްމިޓްކޮށްފައި އޮތުމުން، ބާކީ ހުރީ އެންމެ ހަތަރު އެނދު ކަމަށް އެޗްއީއޯސީން ބުނެ އެވެ.

މި އޭޕްރީލް މަހުގެ މެދު ތެރޭގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އައި މީހުންގެ އަދަދުތައް ވަނީ 50 އަށް ދަށްކުރެވިފަ އެވެ. އެކަމަކު މީގެ ދެ ދުވަހެއް ކުރިން އެ އަދަދުތައް 100 އިން މައްޗަށް ވަނީ އަރައިފަ އެވެ.

މިހާރު ކޮވިޑް ޖެހިފައިވާ 3485 މީހަކު ތިބިއިރު އޭގެ ތެރެއިން 123 މީހަކަށް ފަަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އޭރު ޑޮކްޓަރުން ބުނަމުންދިޔައީ އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުތައް ދަށް ކުރެވެން ފެށީ، ވެކްސިން ޖެހުމުގެ ސަބަބުން ބޮޑުވަރުވާ މީހުން މަދުވާނެތީ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 27،874 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. މިވަގުތު ރަށްރަށުގައި ވެސް ވަރަށް ބޮޑަށް ބަލި ފެތުރެމުން އަންނައިރު ދޭތެރެއަކުން މާލޭގެ ކޭސްތައް މަދުވިޔަސް، އަނެއްކާ ވެސް ކޭސްތައް މިވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވި، 253 މީހުންގެ ތެރެއިން މާލެއިން، 147 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.