Roadha Mihaaru
އަފްޣާނިިސްތާނު ޖަލުގައި އައިއެސް މީހުންތެރޭ ދިވެހިން

އަފްޣާނިިސްތާނު ޖަލުގައި ތިބި އައިސިސް މީހުންގެ ތެރޭ ދިވެހިން

28 އެޕްރީލް 2021

އަފްޣާނިސްތާނުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގަމުން ދަނިކޮށް ހައްޔަރުކޮށްފައިވާ އައިސިސްގެ ހަނގުރާމަވެރިންގެ ތެރޭގައި ދިވެހިން ވެސް އެބަތިބި ކަމަށް އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ އަހުމަދު ޒިއާ ސިރާޖް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަފްޣާނިސްތާނުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގަމުން ދަނިކޮށް ހައްޔަރުކޮށްފައިވާ އައިސިސްގެ ހަނގުރާމަވެރިންގެ ތެރޭގައި ދިވެހިން ވެސް އެބަތިބި ކަމަށް އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ އަހުމަދު ޒިއާ ސިރާޖް ވިދާޅުވެއްޖެ އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެކި ގައުމުތަކަށް ނިސްބަތްވާ 408 ޓެރަރިސްޓުން އެ ގައުމުން ހައްޔަރުކޮށްފައި އެބަ ތިއްބެވެ.

އަހުމަދު ޒިއާއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައިވާ ގޮތުން އިންޑިއާ އާއި ޕާކިސްތާނާއި އީރާނާއި ބަންގްލަދޭޝާއި ތުރުކީ މީހުން ވެސް އައިސިސް ހަނގުރާމަވެރިން ތެރޭ ހިމެނެ އެވެ. މި 408 ހަނގުރާމަވެރިންގެ ތެރެއިން 299 މީހުންނަކީ ޕާކިސްތާނު މީހުން ކަމަށާއި ދެ ވަނަ އަށް އެންމެ ގިނައީ އުޒްބެކިސްތާނު މީހުން ކަމަށް ބުނެފައިވެ އެވެ. އެއީ 37 އެވެ. އަދި ތަޖިކިސްތާނުގެ 13 މީހަކާއި ކިރިގިސްތާނުގެ 12 މީހަކު ތިބި އިރު ދެން ހިމެނޭ ގައުމުތަކުން ތިބީ ކޮންމެ ގައުމަކުން ވެސް 10 އަށް ވުރެ މަދުން ކަމަށް ޖާސޫސީ އިދާރާގެ ވެރިޔާ ވިދާޅުވެފައިވެ އެވެ. އެހެންވެ ދިވެހިންގެ އަދަދު އުޅޭނީ 10 އިން ދަށުގަ އެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން 20 އަހަރަށް ފަހު އެ ގައުމުން ބޭލުމުގެ މަސައްކަތް ކުރިއަށް ދާއިރު، ތާލިބާނުންނާއި އަފްޣާނިސްތާނުގެ އަސްކަރީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. އެމެރިކާ ސިފައިން އަންނަ މަހު އެ ގައުމުން ބާލަން އެމެރިކާއިން ކުރިން ނިންމާފައި އޮތަސް، އެމެރިކާ އިން ފަހުން އެ ނިންމުން ތަންފީޒު ކުރުން އަންނަ ސެޕްޓެމްބަރާ ހަމައަށް ފަސްކޮށްފަ އެވެ.

ރާއްޖެއިން ބޭރުގައި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން އުޅުނު ބައެއް ދިވެހިން މީގެކުރިން ވެސް އެކި ގައުމުތަކުން ހައްޔަރުކުރި އެވެ. އެފަދަ މީހުން ރާއްޖެ ގެނެސް، އެ މީހުންނަށް ދައުވާ ކުރިޔަސް އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށެއް ސާބިތެއް ނުވެ އެވެ. ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރުމަކީ ވެސް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ބޮޑެތި އަދަބު ލިބޭ ކުށެކެވެ.