Roadha Mihaaru
ކެބިނެޓަށް ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް ދެއްވައިފި

ކެބިނެޓަށް ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

29 އެޕްރީލް 2021

ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކަށް ހެދުމަށް ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކަށް ހެދުމަށް ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެކަން، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ލީޑަރުންނަށް ވަނީ ސިޓީއަކުން އަންގައިފަ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާ ވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކަށް ހެދުމަށް ކަމަށެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވިއިރު، މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް މާލެ ސިޓީން ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ މާލެއިން ނާކާމިޔާބުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރެގެން ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ މެދު ވިސްނާލަަންޖެހޭ ކަމަށެވެ. އެ ކަންކަން ބަލައި ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މި ސަރުކާރަށް ތިން އަހަރުވެގެން ދާއިރު ތިން ވަޒީރަކު އަމިއްލައަށް އިސްތިއުފާ ދެއްވާފައި ވެ އެވެ. އެއީ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ޝީދާތާ ޝަރީފާއި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްއާރުއެމްގެ އާމިނަތު އާތިފާ އާއި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖޭޕީގެ އަބްދުﷲ އަމީނެވެ.

އޭގެ އިތުރުން ޖިންސީ ގޯނާގެ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ޖޭޕީގެ އަލީ ވަހީދު ވަކިކުރެއްވިއިރު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝން މިނިސްޓަރުގެ މަގާމުން މަލީހު ޖަމާލު ވެސް ވަނީ މިދިޔަ މާޗު 1 ވަނަ ދުވަހު ވަކިކޮށްފަ އެވެ. އޭރުން ފެށިގެން އެ މިނިސްޓްރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެންފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.