Roadha Mihaaru
ޖޭޕީ ކުރިއަށް ދާނީ ރައީސްގެ ލަފާގެ މަތިން: ރިޔާޒް

ޖޭޕީން ވާދަކުރާ ދާއިރާތައް ކަނޑައަޅާނީ ރައީސާ މަޝްވަރާ ކުރުމަށް ފަހު: ރިޔާޒް

02 ޑިސެމްބަރ 2018

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް އެހެން ވިދާޅުވި އިރު، މަޖިލިހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ. އެއީ، ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އަދާލަތު ޕާޓީއާ އެކު އެމްޑީޕީން ވެފައިވާ އެއްބަސްވުމާ ޚިލާފު ނިންމުމެއް ކަމަށް އެހެން ޕާޓީތަކުން ނުސީދާކޮށް ބުނަމުން އައި ނަމަވެސް ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެ ފަދަ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރަމުން އައި އިރު، މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެ ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

ނަމަވެސް، ޖޭޕީގެ ޕީޖީ ލީޑަރު ރިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކޯލިޝަންގެ ޕާޓީތަކުން ވާދަކުރުމާ ގުޅޭ އެއްބަސްވުމެއް އެބައޮތް ކަމަށެވެ. އަދި ޖޭޕީން އެ އެއްބަސްވުމަށް ފުރިހަމަ އަށް އިހުތިރާމް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ހުރިހާ ޕާޓީތަކުން އެއް އެއްބަސްވުމުގައި ސޮއިކުރުމުގެ ބަދަލުގައި ސޮއިކޮށްފައި ވަނީ ޕާޓީތަކުން ވަކިވަކި ލިޔުމެއްގަ އެވެ. އެކަމަކު ކޮންމެ ލިޔުމެއްގައި ވެސް ވަނީ އެއް ވާހަކަތަކެކެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރަައީސް ނަޝީދާއި އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރަައީސް ނަޝީދާއި އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން ނެތިން އެމްޑީޕީގެ ގައުމީ މަޖިލިހުން ނިންމާ ނިންމުމަކަށް ކޮމެންޓް ކުރާކަށް. އެކަމަކު، ކޯލިޝަންގެ ޕާޓީތަކާ އެކު އަޅުގަނޑުމެން އެއްބަސްވި ގޮތަށް އަމަލު ކުރާނެ،" އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް އެމްޑީޕީން ފާސްކުރުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ވާދަކުރާނެ ގޮނޑިތައް ކަނޑައަޅާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު. އަޅުގަނޑުމެން މިތިބީ ރައީސާ އެކު. އެ މަނިކުފާނުގެ ލަފާގެ މަތިން އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ކުރިއަށް ދާނީ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން،" ކިނބިދޫ ދާއިރާގެ ގޮނޑި ފުރުއްވާ ރިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ރޭގެ ނިންމުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މީޑިއާގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމަށް ރައީސަށް ރޭ ވަޑައިނުގެންނެވުނީ އެމަނިކުފާނުގެ ތާވަލްގައި މުހިންމު އެހެން ކަންތައްތަކެއް ވެސް ހުރުމުން ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވި އެވެ.

މީޑިއާ އަށް އިއްޔެ ލީކުވި ލިޔުމުގައި އެމްޑީޕީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރެއްވުމުގެ ކުރިން، ސިޔާސީ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީޚީ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރެއްވުމުގެ ކުރިން، ސިޔާސީ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީޚީ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޑީޕީން ސޮއިކޮށްފައިވާ ލިޔުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެއްބަސްވުމުގައި ވެ އެވެ.

އެ އަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.

އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތަކުން ބުނާ ގޮތުގައި އެ ޕާޓީތަކުން އެއްބަސްވެފައި ވާނީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ އިތުރުން، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް އިންތިޚާބަށް، ކަނޑައެޅި މިންވަރަށް ހިއްސާ ބަހައިގެން ކުރިއަށް ދިއުމަށެވެ. އެކަމަކު އެއިން އެއްވެސް ލިޔުމެއްގައި، ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ސޮއެއް ނުކުރެ އެވެ.