Roadha Mihaaru
އިންތިހާބު ފަސްކުރަނީ ސަރުކާރު/ އީސީ ގުޅިގެން:އިދިކޮޅު

ކައުންސިލް އިންތިޚާބު ފަސްކުރަނީ ސަރުކާރާއި އީސީ ގުޅިގެން: އިދިކޮޅު

17 ޑިސެމްބަރ 2020

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ސަރުކާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގުޅިގެން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ސަރުކާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގުޅިގެން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރީ ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ. އެހެންވެ، އަންނަ އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް އީސީ އިން މީގެ ކުރިން ބުނެފައި ވެ އެވެ.

ނަމަވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރާއި އީސީ ގުޅިގެން މަސައްކަތްކުރަނީ މާޗު މަހު ވެސް އިންތިޚާބު ނުބޭއްވޭނެ ގޮތަށް ކަންތައްތައް ކުރަން ކަމަށެވެ.

"ސަރުކާރާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން މަސައްކަތް ކުރަނީ ލޯކަލް ކައުންސިލް އިންތިހާބު މާޗު 2021 ގައި ނުބާއްވައި، އިންތިހާބު ފަސްކުރަން. އެ އީ ސަރުކާރު ބޮޑުތަނުން ފެއިލް ވެފައިވާތީ،" އީސީ ޓެގް ކުރައްވަމުން އާދަމް ޝަރީފް ޓްވީޓް ކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވިދާޅުވީ މާޗު މަހު އިންތިހާބު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެކަށީގެންވާ ބަޖެޓެއް ނެތް ވާހަކަ އާއި މިހާރު ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީމް ބުނެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައިވާ ހިނދަކު އިންތިހާބެއް ނުބޭއްވޭނެ [ކަމަށް އީސީ އިން ބުނި]. މިއަދު ދާދި ދެންމެއަކު އަޅުގަނޑުމެންނަށް ނޫހަކުން ފެނުނު ގޮތުގައި ޖެނުއަރީ މަހުގެ ތެރޭގައި ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަކަމަށް އެޗްޕީއޭ އަކުން ވިދާޅެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެންނަށް އަދި ހަމަ ނޭނގޭ އިންތިހާބު ބޭއްވޭނެ ކަމެއް،" ހީނާ ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމުގައި އެއްވެސް އިންސާފެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކިއެކި ކަންކަމުގައި މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސް އޮފިޝަލުން އަންނަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ. ނަމަވެސް ކެމްޕެއިން ކުރަން ރަށްރަށަށް ދަތުރުކުރަން އިދިކޮޅުން ހުއްދަ އަށް އެދުމުން ހުއްދަ ނުދޭ ކަމަށާއި އެކަމާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

ހީނާ ވިދާޅުވިގޮތުގައި، ފުވައްމުލަކުގައި މިރޭ ބާއްވަން އޮތް ޖަލްސާއަކަށް ކޯލިޝަނުގެ އިސްވެރިން ބައިވެރިވުމަށްޓަކައި ހުއްދަ ހޯދަން އެދުނެވެ. އެކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަ ނުދޭ ކަމަށާއި އެހެންވެ އެ ޖަލްސާގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހެނީ ފުވައްމުލަކާއި އިދިކޮޅު ކޯލިޝަނުގެ މައި އޮފީސް ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި ތަކުރާރުކޮށް އަޅުގަނޑުމެން އެޗްޕީއޭ އާއި ސަރުކާރުގެ އެހެން އިދާރާތަކަށް ލިޔުމުން ފޮނުވައިގެން، ބައްދަލުކޮށްގެން ވެސް ތަފާތު އެކި ގޮތްގޮތުން ހުއްދަ ހޯދަން މަސައްކަތް ކުރުމުން ވެސް، އަޅުގަނޑުމެންނަށް މާލެ އިން ބޭރަށް ދިއުމުގެ ހުއްދައެއް މިހާތަނަށް ދީފައި ނުވާތީ މިއީ އިންސާފުތޯ އަޅުގަނޑުމެން ހަމަ ސުވާލުކޮށްލަން ބޭނުންވޭ،" ހީނާ ވިދާޅުވި އެވެ.

އިންތިހާބު ކުރުމުގެ ކުރިން ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބިއްޖެ ނަމަ މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

"ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބާއްވައިފި ނަމަ ޕީޕީއެމް/ޕީއެންސީން މި މައްސަލަ ކޯޓަށް ހުށަހަޅާނަން،" ހީނާ ވިދާޅުވި އެވެ.