Roadha Mihaaru
މުޒާހަރާ ރޫޅާލި ގޮތް ތަހުގީގުކުރަން ސީޕީ އަމުރުކޮށްފި

މުޒާހަރާ ރޫޅާލި ގޮތް ތަހުގީގު ކުރަން ސީޕީ އަމުރުކޮށްފި

02 މެއި 2021

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރިވެރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަމުރުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރިވެރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަމުރުކުރައްވައިފި އެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ޒުވާނުންތަކެއް އިސްވެ "ރައިޒް އަޕް އެމްވީ" މޫވަމަންޓްގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ފެށީ ރަސްފަނުން ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި ވަރަށް އަނިޔާވެރި ގޮތަކަށް އެ ހަރަކާތް ރޫޅާލައިފަ އެވެ.

ސޯޝަލް މީޑިއާގައި ރޭ އާންމުވި ވީޑިއޯއެއްގައި ފުލުހުން މުޒާހަރާގެ ބައެއް ބައިވެރިންގެ މޫނަށް ޕެޕާސްޕްރޭ ޖަހައި، އަނިޔާވެރިކަމާ އެކު މީހުން ދުރުކުރާ ތަން ފެނެ އެވެ. އަދި އަންހެނަކު ހައްޔަރުކުރާއިރު ވެސް އޭނާގެ މޫނަށާއި ކައިރީގައި ތިބި މީހުންގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖެހި މަންޒަރު ފެނެ އެވެ.

ސީޕީ ހަމިދު ވިދާޅުވީ އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި މުޒާރަހާ ކޮންޓުރޯލްކުރުމަށްޓަކަ ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތް ފުލުހުންގެ ރަސްމީ މިންގަނޑުތަކުން ބަލައި، މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

މުޒާހަރާގެ އެއް ބައިވެރިއަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި އޭނާ އަށް ފަރުވާ ވެސް ދީފައިވެ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ބައެއް ބައިވެރިން ގެންގޮސްފައިވެ އެވެ.

ރޭގެ މުޒާހަރާ ރޫޅާލައިފައި ވަނީ، ގަދަ ބާރުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށް މުޒާހަރާގެ ބައިވެރިން ދެކެ އެވެ. އެ މުޒާހަރާގެ ފޮޓޯތައް އާންމުވުމާ އެކު، އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ފުލުހުންނަށް އަމާޒުވި އެވެ.