Roadha Mihaaru
ލޮކްޑައުނަކަށް ދާން ޖެހިއްޖެ ނަމަ ދާނެ: މަބްރޫކް

ލޮކްޑައުނަކަށް ދާން ޖެހިއްޖެ ނަމަ ދާނެ: މަބްރޫކް

04 މެއި 2021

ކޮވިޑާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި ލޮކްޑައުނަކަށް ދާންޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި ލޮކްޑައުނަކަށް ދާންޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ އަލަށް އަޅަން ނިންމި ފިޔަވަޅުތަކަށް އެއްވެސް ވަރަކަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަބާވުދެއްވަމުންނެވެ.

"ފިޔަވަޅުތައް އެޅުމަށް ގެންގުޅޭ މެކޭނިޒަމަށް އެއްވެސް ބަދަލެއް ނާދޭ. އަދި އެކަމުގައި ގެންގުޅޭ ވިސްނުމަކަށް ވެސް ބަދަލެއް ނާދޭ. ހަމަ ކުރިން ވެސް މަސައްކަތް ކުރަމުން އައި ގޮތަށް ކުރިއަށް ދަނީ،" މަބްރޫކް ވިދާޅުވި އެވެ.

މާދަމާ ވެސް އިތުރު ފިޔަވަޅެއް އަޅަންޖެހިދާނެ ކަމަށާއި ފިޔަވަޅުތައް އަޅަނީ އޭރެއްގެ ހާލަތަށް ބަލައި، އެ ވަގުތަކަށް އެންމެ އެކަށޭނެ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ހުއްޓުވުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވި އެވެ.

"(އެންމެފަހުން ބޭއްވި) ރައީސް އޮފީހުގެ ޕްރެސްގައި އަޅުގަނޑު ބުނިން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ވިޔަސް، ރާއްޖެއަށް ގައުމަކުން މީހުން އައުން ހުއްޓުވަން ވިޔަސް، ލޮކްޑައުންއަކަށް ދިއުން ވިޔަސް، އެ ހުރިހާ އޮޕްޝަނެއް އިޒް އޮން ދަ ޓޭބަލްއޭ،" މަބްރޫކް ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭއިން 585 މީހަކު ކޮވިޑަށް ޕޮޒިޓީވްވެފައިވެ އެވެ. އަދި މިއީ ރާއްޖޭގައި މި ބަލި ފެތުރެން ފެށި ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓީވްވި ދުވަސް ވެސް މެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ. އޭގެ ކުރިން އޮތީ ކެފޭ/ރެސްޓޯރަންޓުތަކުން ވަކި ވަގުތަކު ހިދުމަތްދޭ ގޮތަށް އަދި ދަންވަރު ކާފިއު ހިންގައި ވަކި ވަގުތެއްގައި ވެހިކަލް ދުއްވުން ވެސް މަނާކޮށްފަ އެވެ.

ބަލިވާ މީހުންގެ އަދަދުތައް އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ އަލުން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައި އެކަން ރޭ އިއުލާންކޮށްފަ އެވެ.