Roadha Mihaaru
ބޯޑުން ނިންމީ ޓްރަމްޕްގެ އެފްބީ އިޔާދަކޮށް ނުދޭން

އޯވަސައިޓް ބޯޑުން ނިންމީ ޓްރަމްޕްގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް އިޔާދަކޮށް ނުދޭން

07 މެއި 2021

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމް އެކައުންޓް އިޔާދަކޮށް ނުދޭން އެ މައްސަލަ ބެލި ފޭސްބުކްގެ އޯވަސައިޓް ބޯޑުން ބުދަ ދުވަހު ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމް އެކައުންޓް އިޔާދަކޮށް ނުދޭން އެ މައްސަލަ ބެލި ފޭސްބުކްގެ އޯވަސައިޓް ބޯޑުން ބުދަ ދުވަހު ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ ޓްރަމްޕްގެ ޕޯސްޓްތަކާ ގުޅިގެން ލިބުނު 9،000 އަށް ވުރެ ގިނަ ޝަކުވާތައް ރިވިއުކުރުމަށް ފަހު އެވެ. ޓްރަމްޕްގެ އެފްބީ އާއި އިންސްޓައެކައުންޓް ޖެނުއަރީ މަހުގެ 7 ގައި ބްލޮކްކުރީ، އެ މަހުގެ 6 ވަނަ ދުވަހު އޭނާ ހިތްވަރު ދެއްވައިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓޮލް ހިލްގައި ހަމަނުޖެހުން ހިންގުވައި، އެކަމަށް ތަކުރާރުކޮށް ހިތްވަރު ދެއްވުމުގެ އިތުރަށް ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ސައްހަ ނޫން ދޮގު މައުލޫމާތުތައް ހިއްސާކުރައްވަމުން ގެންދެވުމާ ގުޅިގެންނެވެ.

ޓްރަމްޕްގެ އެކައުންޓްތައް ބްލޮކްކުރި މައްސަލާގައި އެކައުންޓްތައް އަލުން އިޔާދަކޮށް ދިނުމާ ގުޅޭ މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓްގައި އޯވަސައިޓް ބޯޑުން ބުނީ އެކައުންޓްތައް ބްލޮކޮށްފައި އޮތް އޮތުން ދަމަހައްޓަން ނިންމީ ފަސް މެމްބަރުން ހިމެނޭ ބޯޑުގެ އަޣުލަބިއްޔަތުން ކަމަށެވެ. އެ މައްސަލާގައި ގޮތެއް ނިންމައިދޭން ފޭސްބުކުން އޯވަސައިޓް ބޯޑަށް ހުށަހެޅީ ޖެނުއަރީ މަހުގެ 21 ގަ އެވެ.

އެތަނުން ނެރުނު ރިޕޯޓްގައި ވަނީ އެފްބީގެ އާއި އިންސްޓަގެ އުސޫލުތަކާ ޓްރަމްޕް ހިލާފުވަޑައިގަތްކަން ފާހަގަކޮށްފަ އެވެ.

އެގޮތުން ކެޕިޓޮލް ހިލްގައި ހަމަނުޖެހުން ހިންގި މީހުންނަކީ ގައުމީ ބަތަލުންގެ ގޮތުގައި ސިފަކުރެއްވުމާއި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހަކީ އެމެރިކާގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ނަސްރުގެ ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.

އޯވަސައިޓް ބޯޑު ނިންމި ނިންމެވުމުގައި ވަނީ ޓްރަމްޕްގެ އެކައުންޓްތައް މުއްދަތެއް ނެތް ގޮތަށް ބްލޮކްކުރުމުގެ ކުރިން، ފިޔަވަޅު އެޅުމުގައި އެހެން ގޮތްގޮތަށް އަމަލުކުރެވި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ މެދު ސުވާލު ނުއުފެދޭ ގޮތަށް އަމަލުކުރެވެން އޮތްކަން ވެސް ފާހަގަކޮށްގަ އެވެ. އެގޮތުން އެކައުންޓްތައް އެކީއެކަށް ބްލޮކްކުރުމުގެ ބަދަލުގައި މިންގަނޑުން ބޭރުވެފައިވާ ކޮންޓެންޓްތައް ނެގުމުގެ ފުރުސަތު ފޭސްބުކަށް އޮތްކަން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އެ ފިޔަވަޅަށް ރިއާޔަތްކޮށް އޯވަސައިޓް ބޯޑުން ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ފޭސްބުކްގެ އުސޫލުތައް އަލުން މުރާޖައާކުރަން ވެސް ލަފާ ދީފަ އެވެ. އެއާ އެކު ޓްރަމްޕްގެ މައްސަލާގައި ނިންމި ނިންމުން އަލުން ދިރާސާކޮށް، އޭނާގެ އެކައުންޓްތަކަށް އެޅިދާނެ އިތުރު ފިޔަވަޅުތަކަކާ މެދު ގޮތެއް ނިންމަން ވެސް ފޭސްބުކަށް ލަފާ ދީފައިވެ އެވެ.

ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ޖެނުއަރީ މަހު ޓްވިޓާ އާއި ޔޫޓިއުބްގެ އިތުރުން ސްނެޕްޗެޓުން ވެސް ޓްރަމްޕް ބޭރުކޮށްފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް ވަނީ އަމިއްލަ "ސޯޝަލް މީޑިއާ ޕްލެޓްފޯމެއް" ގެ ގޮތުގައި ވެބްސައިޓެއް ލޯންޗްކުރައްވައިފަ އެވެ.