Roadha Mihaaru
ޑރ. ހުސެއިން ފިޝަރީޒަށް، ޝައުނާ އެންވަޔަރްމަންޓަށް

ޑރ. ހުސެއިން ފިޝަރީޒަށް، ޝައުނާ އެންވަޔަރްމަންޓް މިނިސްޓަރު ކަމަށް

05 މެއި 2021

ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އަދި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެންވަޔަރްމަންޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އަދި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެންވަޔަރްމަންޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވައިފަ އެވެ.

ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ރައީސް މިއަދު ވަނީ ޓެކްނޮލޮޖީ މިނިސްޓްރީ ވެސް އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވައިފަ އެވެ. އެހެންވެ، ޝައުނާގެ ވަޒީރުކަމުގެ ދަށަށް ގެނައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މިހާރުގެ ނަމަނީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ވަޒީރަކަށް މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އެ މަގާމަށް ގެންނެވި މުހައްމަދު މަލީހް ޖަމާލެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން އެ މިނިސްޓްރީގެ ވަޒީރުކަމުގައި މިހާތަނަށް ބޭފުޅަކު ނެތެވެ. ވަގުތީ ގޮތުން އެ ތަން ހިންގެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހިދުމަތްތައް ރަނގަޅުކޮށް ވައުދުތައް ފުއްދުމަށް ސަރުކާރުގެ އިސްމަގާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަށްފަހު އެ މިނިސްޓްރީން ކުރަމުންދިޔަ މަސައްކަތްތައް އެންވަޔަރްމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުން ހިމެނެ އެވެ.

މި ސަރުކާރު އުފެދުމާއެކު ފިޝަރީޒް މިނިސްޓަރުކަމުގައި މިހާތަނަށް ހުންނެވީ އެމްއާރުއެމް ސްލޮޓުގައި ހުންނެވި ޒަހާ ވަހީދެވެ. އެ މަގާމުން އޭނާ ވަކިކުރެއްވުމަށްފަހު ބަދަލުކުރެއްވީ ރައީސް އޮފީހަށެވެ. ނަމަވެސް އެ އޮފީހަށް ނުކުތްކަމެއް ނުވަތަ ނުނިކުންނަ ކަމެއް އަދި ޔަގީނެއް ނޫނެވެ.

ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން މާލެއިން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބުމުން ސަރުކާރުގެ ކަންކަން ބަލައި ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވަނިކޮށެވެ.