Roadha Mihaaru
އިންތިޚާބަށް ފަހު ކޮންމެ ހަފުތާއަކު ކޮވިޑް ދެ ގުނަވޭ

އިންތިޚާބުގެ ފަހުން ކޮންމެ ހަފުތާއަކު ކޮވިޑް ދެ ގުނަ އިތުރުވޭ

06 މެއި 2021

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއް އަހަރު ފަސްވެގެން ދިޔަ ފަހުން މިދިޔަ މަހުގެ 10 ގައި ބާއްވަން ނިންމީ ސިޔާސީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ހެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުއްލިއަކަށް ދިން ލުއިތަކާ އެކުގަ އެވެ. ސިޔާސީ ގޮތުން ނުފޫޒު ހުރި ހުރިހާ ދިމާލަކުންހެން ބާރުއަޅަމުން ދިޔައީ އިންތިޚާބު ބޭއްވުމަށެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވެސް މިކަމުގައި ހަމަހަމަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއް އަހަރު ފަސްވެގެން ދިޔަ ފަހުން މިދިޔަ މަހުގެ 10 ގައި ބާއްވަން ނިންމީ ސިޔާސީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ހެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުއްލިއަކަށް ދިން ލުއިތަކާ އެކުގަ އެވެ. ސިޔާސީ ގޮތުން ނުފޫޒު ހުރި ހުރިހާ ދިމާލަކުންހެން ބާރުއަޅަމުން ދިޔައީ އިންތިޚާބު ބޭއްވުމަށެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވެސް މިކަމުގައި ހަމަހަމަ އެވެ.

އިންތިޚާބު ނުބޭއްވި ލަސްވުމުން ގައުމަށް ލިބޭ ގެއްލުން ބޮޑުވެގެން އެއްކޮޅުން ވާހަކަ ދެއްކި އިރު އިންތިޚާބަށް ފުރުސަތު ނުލިބޭ ގޮތަށް އެޗްޕީއޭ އިން އުސޫލުތައް ހަދަނީ އެތަން ސިޔާސީވެފައި އޮތުމުން ކަމަށް ދިޔައީ ބުނަމުންނެވެ. ސިޔާސީ ދެ ފިކުރާއި އިލެކްޝަންސް ކޮމިޝަނުގެ ވެސް ޕްރެޝަރާ ހެދި އެޗްޕީއޭ އިން ބޮޑެތި ލުއިތަކެއް ދީ އިންޔިޚާބަށް ފުރުސަތު ދިނެވެ. ދެން ފެނުނީ މިދިޔަ މަހުގެ 10 ގައި އެތައް ހާސް ބަޔަކު ނުކުމެ ތޮއްޖެހިގެން ވޯޓު ލާން ނުކުމެ ތިއްބަ އެވެ.

ރަށްރަށަށް ކޮވިޑް ފެތުރިދާނެތީ، ރަށްރަށަށް މީހުން ދިއުމަށް އަޅާފައި ހުރި ފިޔަވަޅުތައް ވެސް އިންތިޚާބަށް ސަސްޕެންޑުވި އެވެ. ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮވިޑް ކޭސްތަކުގެ ކޮންޓެންޓުން ވެސް އެކަހެރިކަން ދޫކޮށްލައި ވޯޓު ލާން ނުކުންނަން ފުރުސަތު ދިނީ އެވެ. މި ހުރިހާ ލުޔެއް ހޯދުމަށް އެޗްޕީއޭ އަށް އައި ފިއްތުމަކީ އެންމެ މީހަކަށް ވޯޓު ލާން ފުރުސަތު ގެއްލުނަސް އިންތިޚާބު ސައްހަ ނުވުމެވެ.

މި ރިޕޯޓް ބިނާކޮށްފައިވާނީ އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ، ދުވަހު ތަފާސްހިސާބުން ފެންނަ ނަންބަރުތަކަށެވެ.

އިންތިޚާބުގެ ނަތީޖާ ފެނުނީ ވަރަށް އަވަހަށް

އޭޕްރީލް މަސް ފެށުނު އިރު ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 8.28 ޕަސެންޓުގައި ނަމަވެސް އިންތިޚާބު ބޭއްވި އޭޕްރީލް 10 އާ ހަމަޔަށް ދިޔައިރު އެ ރޭޓު ހުރީ 4.31 ޕަސެންޓުގަ އެވެ. އެ 10 ދުވަހުގެ އެވްރެޖް ރޭޓަކީ 4.38 އެވެ. އެއީ އެ މުއްދަތުގައި ކޮވިޑަށް ޓެސްޓްކުރި 31،475 ސާމްޕަލުން 1،357 ސާމްޕަލް ޕޮޒިޓިވް ވެގެންނެވެ. މިއީ އިންތިޚާބުގެ ކުރިން އޭޕްރީލް 1 ގައި ދިން ލުއިތަކާ އެކުގަ އެވެ.

ކޮވިޑް ޖައްސާ ކޮރޯނާވައިރަހަށް ހުށަހެޅުމުން ހަށިގަނޑުން އެކަން އެނގެން ހަފުތާއެއްހާ ދުވަސް އާންމު ގޮތެއްގައި ހޭދަވާތީ، ބަލި ފެތުރިގެންދާ ގޮތް ވަޒަންކޮށްލެވެނީ ކޮންމެ ހަފުތާއަކުން ވަކިވަކިން ނަންބަރުތައް ބަލައިގެންނެވެ. މިހެން ބެލުމުން، އިންތިޚާބުގެ ހަފުތާއެއް ފަހުން އޮތީ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ދެ ގުނަ މަތިވެފަ އެވެ.

އިންތިޚާބަށް އެއް ހަފުތާ ފަހުން ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް 6.54 ޕަސެންޓަށް އެރި އެވެ. އެކަމަކު އެ ހަފުތާ އަކީ އޭގެ ކުރީ ހަފުތާއަށް ވުރެ މަދުން ޓެސްޓްކުރި ހަފުތާއެކެވެ. އެހެންވެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ކުރީ ހަފުތާއަށް ވުރެ ގިނައީ އެންމެ 25 އެވެ. އެއީ 21،116 ޓެސްޓުކޮށްގެން 1،382 ކޭހެވެ. ދެން ފެންނަ އަނެއް ކަމަކީ އިންތިޚާބު ބޭއްވި ހަފުތާގައި ކޮންމެ ދުވަހެއްގެ ކޭސްތަކުގެ އަދަދު 100 އިން ދަށުގައި ހުރުމަށް ފަހު ޖެހިގެން އައި ހަފުތާގައި 100 އިން މަތިން ގުނެން ފެށުމެވެ. އެ ހަފުތާގައި އެންމެ ގިނައިން ފެނުނު ދުވަހު ވެސް އެރީ 95 އަށެވެ. އެކަމަކު އިންތިޚާބަށް ހަފުތާއެއްވުމާ އެކު ޖެހިގެން އައި ދުވަހު 124 އަށް އެރި އެވެ.

އިންތިޚާބުގެ ތިން ދުވަސް ފަހުން ރޯދަ މަސް ފެށި މީހުންގެ ހަލަބޮލިކަން އިތުރުވިއެއް ކަމަކު ކޮވިޑުން ފެނުނު މައިގަނޑު ބަދަލާ އިންތިޚާބާ ގުޅޭ ކަމުގެ ހެއްކަކީ މި ހިސާބުން މީގެ ކުރިން ކޮވިޑު ނުފެންނަ އެތައް ރަށަކުން ކުއްލިއަކަށް އެތައް ބައިވަރު ބަޔަކު ބަލިވެ ބަލި ފެތުރިގެންފައިވުމެވެ.

އަނެއްކާވެސް ދެ ގުނަވެ، ކޮންޓްރޯލުން ނެއްޓުނީ

އިންތިޚާބަށް ފަހު ތިން ވަނަ ހަފުތާގައި އަނެއްކާވެސް ނަންބަރުތައް ދެ ގުނަ އިތުރުވި އެވެ. އެއީ އޭޕްރީލް 17 އިން 23 އަށް ޕޮޒިޓިވިޓީ ރޭޓް އެވްރެޖް 6.54 ގައި ހުރުމަށް ފަހު 10.45 އަށް އެރުމެވެ.

އިންތިޚާބަށް ފަހު ތިން ވަނަ ހަފުތާ ކަމަށްވާ އޭޕްރީލް 24-30 އަށް 23،274 ޓެސްޓްކުރި އިރު 2،432 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިހާ ހިސާބަށް އައި އިރު ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު 100، 200 އަށް ގޮސް އަދި އެންމެ ފަހުން 500 އާ ގާތަށް ދިޔަ އެވެ.

އޭގެ ފަހުން އިއްޔެއާ ހަމަޔަށް ހިނގި ފަސް ދުވަހުގެ ޕޮޒިޓިވް ރޭޓް ވެސް ގާތްގަނޑަކަށް ދެ ގުނަ ވެއްޖެ އެވެ. މިހާރު ކޮންމެ ދުވަހަކު ކޭސްތަކުގެ އަދަދު ރެކޯޑް މިންވަރަކަށް އުފުލެމުން ދާތީ މި ހިނގާ ހަފުތާގައި ވެސް ޕޮޒިޓިވް ރޭޓް ދެ ގުނަ އަށް ވުރެ މަތިވުން އެކަށީގެންވެ އެވެ. އެއީ މިހާރު ވެސް އެ ރޭޓް 13.43 ޕަސެންޓަށް އަރާފައި ހުރުމުންނެވެ. މިއީ މިދިޔަ ފަސް ދުވަހު 20،971 ޓެސްޓުކޮށްގެން 2،830 މީހުން ޕޮޒިޓިވް ވެގެންނެވެ.

އޭޕްރީލްގެ ލުޔަށް ފަހު ނަންބަރުން

އޭޕްރީލް މަސް ފެށުނު ފަހުން އިއްޔެގެ ނިޔަލަށް 115،232 ޓެސްޓުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރެއިން 8،586 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މި އަދަދުތަކާ އެކު ރާއްޖޭން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 32,665 އަށް އަރައިފި އެވެ. މި މީހުންގެ ތެރެއިން 25,473 މީހަކު ރަނގަޅުވެފައި ވާއިރު 74 މީހަކު މަރުވެއްޖެ އެވެ. އެކްޓިވް ކޭސްތަކާއި ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ހުރީ ރާއްޖޭން ކޮވިޑް ފެނުނު ފަހުން ދުވަހަކު، ހަމަ އެންމެ ދުވަހަކު، ވެސް ނުދާހާ މަތީގަ އެވެ. އިއްޔެ ވެސް އަލަށް 700 އަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 7،000 ފަހަނަޅައި ހިނގައްޖެ އެވެ. ބަލިޖެހޭ މީހުން މަދުވާ ކަމުގެ އެއްވެސް އަލާމާތެއް ނެތެވެ. ހޮސްޕިޓަލްތައް ފުރި، ބަލީގައި ބޮޑުވަރުވާ މީހުން ވެސް ގިނަވެ ކުރީގެ ބިރުވެރިކަމަށް ވުރެ ވެސް ބޮޑު ބިރުވެރިކަމަކަށް ވެއްޓުނީ އެވެ.