Roadha Mihaaru
ނަޝީދުގެ ހާލަތުގެ ތަފުސީލް ލިބެންދެން ޖަލްސާ ކުރިއަށް

ނަޝީދުގެ ހާލަތާ ބެހޭ ތަފުސީލް ލިބެންދެން މަޖިލިހުގެ ކުއްލި ޖަލްސާ ކުރިއަށް ގެންދަނީ

07 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއާ ގުޅިގެން މަޖިލީހުން މިރޭ ފެށި ކުއްލި ޖަލްސާ، އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފުސީލުތައް ލިބެންދެން ކުރިއަށް ގެންދަން ނިންމައި، އެ ޖަލްސާ ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއާ ގުޅިގެން މަޖިލީހުން މިރޭ ފެށި ކުއްލި ޖަލްސާ، އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފުސީލުތައް ލިބެންދެން ކުރިއަށް ގެންދަން ނިންމައި، އެ ޖަލްސާ ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ނަޝީދަށް ދިން ހަމަލާ އޭނާގެ އަމިއްލަ ނަމުގަ އާއި މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަަމަށެވެ. އެއީ ފިނޑި ޓެރަރިސްޓު ހަމަލާއެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

"މި ފިނޑި ޓެރަރިސްޓް ހަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރަން،" އީވާ ވިދާޅުވި އެވެ.

ރޭގެ ކުއްލި ޖަލްސާ ކުރިއަށް ގެންދިޔަ ނަމަވެސް ޖަލްސާގައި އަދި ބަހުސް ކުރަން ހަމަޖެހިފައި ނުވާ ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑުއްވައިލެއްވުމުގެ ކުރިން އީވާ ވިދާޅުވީ، ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ މަލްޓި ސްޕެޝަލިޓީ ޓީމަކުން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ޑޮކްޓަރުންގެ ޓީމުން މައުލޫމާތު ހިއްސާ ކުރައްވާ މިންވަރަކުން މެމްބަރުންނަށް އެ މައުލޫމާތު ދެއްވަމުން ގެންދަވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާ ސިފައިންނާއި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަަމަށާއި އެ މައުލޫމާތު ވެސް މެމްބަރުންނާ ހިއްސާކުރަމުން ގެންދަވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ރޭގެ ކުއްލި ޖަލްސާއަށް މަޖިލީހުގެ 67 މެމްބަރަކު ވަޑައިގަތެވެ. އެހެން މެމްބަރުން ތިއްބެވީ ސަލާމުގަ އާއި ކަރަންޓީނުގަ އެވެ.

ނަޝީދަށް އަމާޒުކޮށް އެ މަނިކުފާނުގެ ގެކޮޅުގެ ކައިރީގައި ހަމަލާއެއް ދިނީ ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގެންނެވި ވަގުތުގަ އެވެ. އެހަމަލާގައި ނަޝީދުގެ ބޮޑީގާޑަކަށާއި އެ ވަގުތު އެސަރަހައްދުގައި ހުރި ބިދޭސީއަކަށް ވެސް އަނިޔާވި އެވެ.