Roadha Mihaaru
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!

ނަޝީދަށް ދިން ހަމަލައަށް ދެ އަހަރު: އިންސާފު ނުލިބުނީ "ރައީސް ބޭނުންފުޅުވާ ގޮތް" ވީމާ

06 މެއި 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލަ އަށް މިއަދު ދެ އަހަރު ފުރުނުއިރު، އިންސާފު ނުލިބި ލަސްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތް ބޭނުންފުޅުވާތީ ކަމަށް ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލަ އަށް މިއަދު ދެ އަހަރު ފުރުނުއިރު، އިންސާފު ނުލިބި ލަސްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތް ބޭނުންފުޅުވާތީ ކަމަށް ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލަ އަށް ދެ އަހަރު ފުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ބަހުގެ ހަމަލަ އަމާޒު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

"އެ ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ނުހޯދި، ރައީސް ނަޝީދަށް އިންސާފު ލިބުނަ ނުދީ ހިފަހައްޓާލައިގެން ތިބީ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފު،" އީވާ ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުން އަދިވެސް ގެންދަނީ ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް، ފޮރުވަން މަސައްކަތް ކުރަމުން ކަމަށެވެ

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައީސް މުހައްމަދު ނަޝީދަކަށް އިންސާފެއް ހޯއްދަވައެއް ނުދެއްވޭނެ،" ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވަމުން ހަސަން ވިދާޅުވި އެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކުގައި ނަޝީދުގެ ފަޅީގައި ހުންނެވި ހުސައިން އަމްރު ވިދާޅުވީ، ނަޝީދަށް އިންސާފު ހޯދައި ނުދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެ މަނިކުފާނަށް ލިބިފައިވާ ބައެއް އަނިޔާތައް ފެންނަ ފޮޓޯއެއް.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެ މަނިކުފާނަށް ލިބިފައިވާ ބައެއް އަނިޔާތައް ފެންނަ ފޮޓޯއެއް.

"6 މޭ 2021 ގަ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައުލޫމާތު އޭގެ ކުރިން ސަރުކާރަށް އެނގި ތިބެ އަޅާނުލާ އަދި ހަމަލާ އަށް 2 އަހަރު ވީއިރު އެ ހަމަލާ ރޭވި މީހުން ނުހޯދި ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް،" އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.

ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

މިހާތަނަށް އެ މައްސަލާގައި ހުކުމެއް އައިސްފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްޗށް އައިސްފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އެހެން މީސްމީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާއިރު، މިދިޔަ އޭޕްރީލް 19 ގައި ބޭއްވި ޝަރީއަތުގައި، އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ، އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް ފަހު ދެ ފަރާތާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އެ ތާވަލް އޮތް ގޮތުން އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ވެސް ވަރަށް ފަހުން ވިދާޅުވެފައި ވަނީ ޓެރަރިސްޓް ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައި ނުގަނެވޭ ކަމަށެވެ.

"މި މައްސަލައިގެ ޝަރީއަތް ލަސްވާން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނެތް," ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހުސައިން ރަޝީދާ މި އަހަރުގެ މާޗު މަހު ބައްދަލު ކުރެއްވުމަށް ފަހު އައްބާސް ވިދާޅުވި އެވެ.