Roadha Mihaaru
ނަޝީދަށް ހަމަލަދީފާނެ ކަމުގެ މައުލޫމާތެއް ނެތް: ސީޕީ

ނަޝީދަށް ހަމަލައެއް ދީފާނެ ކަމުގެ އިންޓެލް މައުލޫމާތެއް ނެތް: ސީޕީ ހަމީދު

07 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ރޭ ޓެރަރިސްޓް ހަަމަލާ ދިނުމުގެ ކުރިން، ރާއްޖޭގައި އެފަދަ ހަމަލާއެއް ދޭން އުޅޭ ކަަމުގެ ނުވަތަ ދީފާނެ ކަމުގެ ޖާސޫސީ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ރޭ ޓެރަރިސްޓް ހަަމަލާ ދިނުމުގެ ކުރިން، ރާއްޖޭގައި އެފަދަ ހަމަލާއެއް ދޭން އުޅޭ ކަަމުގެ ނުވަތަ ދީފާނެ ކަމުގެ ޖާސޫސީ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ކައިރިން އެ މަނިކުފާނަށް ރޭ 8:30 ހާއިރު ދިން ޓެރަރިސްޓް ހަމަލައަށް ފަހު، އެ ޖަރީމާއާ ގުޅިގެން ފުލުހުން ފުރަތަމަ ފަހަރަށް މިއަދު މެންދުރު ބޭއްވި މީޑިއާ ބްރީފިންގައި، ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ސީޕީ ހަމީދު ވިދާޅުވީ، އެ ހަމަލާއާ ގުޅޭ އިންޓެލިޖެންސް އެެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނެތް ކަަމަށެވެ. އެފަދަ އިތުރު ހަމަލާއެއް ރާއްޖޭގައި އަދިވެސް ދީފާނެ ކަމުގެ ބިރު އެބައޮތްތޯ "މިހާރު" ން ސުވާލު ކުރުމުން ހަމީދު ވިދާޅުވީ މުޖުތަމައުގައި ހުރި އެފަދަ ނުރައްކާތަކާ ކުރިމަތިލައި، އެ ކަންތައްތައް ހުއްޓުވަން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

"ގޮންޖެހުންތައް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި ގޮންޖެހުންތަކާ މުޅި ވަށައިގެން ހުރި ކަންތައްތަކަށް އެޑްރެސް ކުރުމަށްޓަކައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލާނަން،" ސީޕީ ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން މިއަދު ބޭއްވި މީޑިއާ ބްފިންގައި ސީޕީ ހަމީދު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދަށް ދިން ހަމަލައާ ގުޅިގެން މިއަދު ބޭއްވި މީޑިއާ ބްފިންގައި ސީޕީ ހަމީދު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހަމީދު ވިދާޅުވީ، ނަޝީދަށް އަމާޒުކުރި ހަމަލާ ފަދަ އެހެން ހަމަލާތައް ވެސް ދިނުމުގެ ގާބިލުކަން ހުރި މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި އޭގެ ތެރޭން ބައެއް މީހުން ޖަލުތަކުގައި ތިބި ނަމަވެސް އަނެއްބައި މީހުން ތިބީ މިނިވަންކޮށް ކަމަށެވެ. އެފަދަ ގިނަ ބަޔަކު މިނިވަންކަމުގައި ތިބީ ކުށް ސާބިތު ނުވެގެން ނުވަތަ ހެކި ނެތިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުގެ ތެރޭގައި، މިފަދަ ނުރައްކާތެެރި ކަންތައްތައް ކުރެވޭނެ ކަހަލަ ގާބިލު ފަރާތްތައް ތިބިކަން. އެެއީ އަޅުގަނޑުމެން މިއަދު ދެބަސްވާ ކަމެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރަމުން އަންނަނީ ޓެރަރިޒަމްގެ އަމަލެއް ގޮތުގަ އެވެ. އެކަން ކުރި ގޮތާއި ބޭނުން ކޮށްފައިވާ ތަކެއްޗަށް ބަލާއިރު ޓެރަރިޒަމްގެ ގާނޫނަށް ފެތޭ ކަމަށް ސީޕީ ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ ދީފައި ވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ގޮވާ އެއްޗެއް ހަރުކޮށްގެނެވެ. ނަޝީދު ކާރުކޮޅަށް އަރުއްވަން ވަޑައިގެންނެވި ވަގުތަށް އޭތި ގޮއްވާލުމުން، އެ މަނިކުފާނުގެ އިތުރުން ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ހަމީދު ވިދާޅުވީ އެ ސައިކަލާ ބެހޭ މައުލޫމާތު ވެސް މިހާރު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.