Roadha Mihaaru
ހަމަލާގެ ތަހުގީގު ގެންދަނީ އިންތިޒާމުވެގެން: ސީޕީ

ހަމަލާގެ ތަހުގީގު ގެންދަނީ އިންތިޒާމުވެގެން، ތަހުގީގަށް ހުރަސްއެޅޭ ކަންކަން ނުކުރަން ސީޕީ އެދިވަޑައިގެންފި

23 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމު ވެގެން ކަމަށާއި އެފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމު ވެގެން ކަމަށާއި އެފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު އެދިވަޑައިގެންފި އެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު، ފުލުހުން ގެންދަނީ އިންތިޒާމްވެ ބޭރުގެ މާހިރުންގެ ފަންނީ ލަފައާ އެއްގޮތަށް ކަމަށެވެ. އެހެންވެ، އެ ކަހަލަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅޭނެ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ އެދިވަޑައިގަތެވެ.

"މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން. މި ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް ވަރަށް ގިނަ މައުލޫމާތު ވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާ ނަމަ ފުލުހުންނާ ސީދާ ހިއްސާ ކޮށްދެއްވުމަށް އިލްތިމާސް ކުރަން،" އޭނާގެ ޓްވީޓުގައި ވެ އެވެ.

ތަހުގީގަށް ހުރަސްއެޅޭ ކަންކަން ނުކުރަން ސީޕީ އެދިވަޑައިގެންނެވިއިރު އެމްޑީޕީގެ ސަޕޯޓަރުން ވަނީ ނަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފަ އެވެ. އެ ކެމްޕެއިންގައި، ހަމަލާ ދިނުމަށް ފަންޑުކުރި މީހުންނާއި އެ ކަމުގެ އަޑީގައި ތިބި މީހުން ހޯދައިދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އީއައިޑީ ގޮއްވާލައި ދިން ހަމަލާގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު، އިތުރު ފަރުވާ އަށް މި މަހުގެ 13 ވަނަ ދުވަހު އެ މަނިކުފާނު ވަނީ ޖަރުމަނަށް ގެންގޮސްފަ އެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އެ އެންމެންގެ ބަންދަށް ވެސް 15 ދުވަސް ޖަހައި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ. އެ ކަމުގައި އޮސްޓްރޭލިއާ ފުލުހުންގެ އެހީތެރިކަން ވެސް ރާއްޖެއަށް ލިބެ އެވެ.