ޗައިނާ އިން އެޕްރީލް މަހުގެ ތެރޭގައި ލޯންޗްކުރި ރޮކެޓެއްގެ ބައިތަކެއް އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ ސަރަހައްދަކަށް ވެއްޓުމާ ގުޅިގެން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އެކަމަށް ފާޑު ކިޔައިފި އެވެ.
10 މެއި 2021
ޗައިނާ އިން އެޕްރީލް މަހުގެ ތެރޭގައި ލޯންޗްކުރި ރޮކެޓެއްގެ ބައިތަކެއް އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ ސަރަހައްދަކަށް ވެއްޓުމާ ގުޅިގެން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އެކަމަށް ފާޑު ކިޔައިފި އެވެ.
މިދިޔަ މަހުގެ 29 ގައި ޗައިނާގެ ހައިނާން އައިލެންޑުން އުދުއްސައިލި ބަރުދަނުގައި 18 ވަރަކަށް ޓަން ހުރި ލޯންގް މާޗް-5ބީ ވެހިކަލްގެ ބައެއް ރާއްޖޭގެ ސަރައްހަދަކަށް ވެއްޓުނުކަން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން އާދިއްތަ ދުވަހު ކަށަވަރުކޮށް ދީފައިވެ އެވެ. އެއީ ހެނދުނު 7:24 ހާ އިރު އެވެ. އެކަމަކު އެ ވެއްޓުނު ސީދާ ތަނެއް އަދި ސާފެއް ނުވެ އެވެ.
ރާއްޖޭގެ ކޯސްޓްގާޑުން ބުނެފައިވާ ގޮތުގައި މިހާތަނަށް ރޮކެޓްގެ ބައެއް ފެނިފައި ނުވި ނަމަވެސް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސިފައިން އަންނަނީ މެދުރާއްޖެތެރޭގެ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. އެ ސަރަހައްދު ބަލަނީ ރޮކެޓްގެ ބައިތައް ވެއްޓުނީ އެ ސަރަހައްދަށް ކަމަށް ބެލެވޭތީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެ ހާދިސާ އަށް ފާޑުވިދާޅުވެ ނާސާގެ އެޑްމިނިސްޓްރޭޓަރު އަދި ކުރީގެ އެސްޓްރޮނޯޓް ބިލް ނެލްސަން ވިދާޅުވީ ޗައިނާގެ ރޮކެޓްގެ ބައިތަކެއް ވެއްޓުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އަދި އެފަދަ އެއްޗެއްގެ ބައިތައް ވެއްޓޭ އިރު އޭގެ ސަބަބުން މީހުން ދިރިއުޅޭ ތަނަކަށް އެ ވެއްޓި ލިބިދާނެ ގެއްލުމަކާ ދޭތެރޭ ޗައިނާ އިން މާ ބޮޑު ފަރުވާލެއް ނުބަހައްޓާކަން އެ ގައުމުގެ ސްޕޭސް މިޝަންތަކުން ހާމަވާ ކަމަށް ވިދާޅުވި އެވެ.
"ކިހިނެއް އެނގޭނީ އެ އެއްޗެއް ކަނޑަށް ވެއްޓުމުގެ ގެރެންޓީ އޮންނާނެ ކަމާއި އޭގެ ސަބަބުން ބަޔަކަށް ގެއްލުމެއް ނުވާނެ. ޗައިނާގެ ރޮކެޓިން ބައިތަކެއް ވެއްޓުމަކީ އެ ގައުމު މިފަދަ ކަންކަމުގައި ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެއް،" ބިލް ވިދާޅުވި އެވެ. "ސާފުވާ ކަމަކީ މިފަދަ މިޝަންތަކުގައި ގެންގުޅެން ޖެހޭ ސޭފްޓީ ސްޓޭންޑާޑް ދެމެހެއްޓުމާއި ޓްރާންސްޕޭރެންސީގައި ޗައިނާ ފެއިލްވެފައިވާކަން."
އޭނާ ވިދާޅުވި ގޮތުގައި ޖައްވީ މިޝަންތައް ކުރިއަށް ގެންދާ ގައުމުތަކުން މީސްމީހުންގެ ފުރާނަ އާއި މުދަލަށް ލިބިދާނެ ގެއްލުންތަކާ ވިސްނައި، އެފަދަ ހާދިސާތަކެއް ކުރިމަތި ނުވާނެ ގޮތަކަށް މިޝަންތަކުގެ މަސައްކަތްތައް ރާވަން ޖެހެ އެވެ.
"މިފަދަ ކަންކަން ކުރަން ވާނީ ވަރަށް ޒިންމާދުރަކާ އެކު." ބިލް ވިދާޅުވި އެވެ.
މިދިޔަ އަހަރު މެއި މަހު ޗައިނާ އިން ލޯންޗްކުރި ފުރަތަމަ ލޯންގް މާޗް-5ބީ ރޮކެޓްގެ ބައިތަކެއް ވެސް ދުނިޔެ އަށް ވެއްޓުނެވެ. އެ ފަހަރުގެ ބައިތައް އެފްރިކާގެ އައިވަރީ ކޯސްޓަށް ވެއްޓި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ޗައިނާގެ މި ރޮކެޓް މިޝަނަކީ އެ ގައުމުގެ ސްޕޭސް ސްޓޭޝަނެއް ބިނާކުރަން ކުރާ މަސައްކަތުގެ ބައެކެވެ. އެގޮތުން އަންނަ އަހަރަށް ޓާގެޓްކޮށްފައިވާ ސްޓޭޝަންގެ މަސައްކަތްތަކަށް ހާއްސަކޮށްގެން 10 މިޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ނާސާ އިން ހަނދަށް ފޮނުވާ ރޮކެޓް ދައްކާލައިފި
ރަޝިއާގެ ޖައްވީ ސްޓޭޝަނެއް ހަދާތީ ނާސާ ކަންބޮޑުވޭ
ރާއްޖޭ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ރޮކެޓް ވެއްޓިއްޖެ
ނާސާ އާއި ސްޕޭސް ފޯސް ގުޅުން ބަދަހިކުރަނީ
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި
ނާސާގެ ރޮކެޓެއް އޮސްޓްރޭލިއާގައި ލޯންޗުކޮށްފި
އެމެރިކާ-ޗައިނާގެ ޖައްވީ ކޯޅުން އިތުރަށް ހޫނުވަނީ
ނާސާގެ އެސްޓްރޮނޯޓުންގެ ބެޗަށް 10 މީހުން
ޖައްވުގައި މިރުސް ހެއްދި އެސްޓްރޮނޯޓުން ނެޕީގައި