Roadha Mihaaru
އެމެރިކާ-ޗައިނާގެ ޖައްވީ ކޯޅުން އިތުރަށް ހޫނުވަނީ

ސްޕޭސްއެކްސްގެ ސެޓެލައިޓުން ޗައިނާގެ ޖައްވީ ސްޓޭޝަނަށް ނުރައްކާ

29 ޑިސެމްބަރ 2021

އެމެރިކާގެ ސްޕޭސް އެކްސް ޕްރޮގްރާމްގައި ހިމެނޭ ދެ ސެޓެލައިޓެއް، ޗައިނާގެ ޖައްވީ ސްޓޭޝަންއާ ވަރަށް ކައިރިން ދަތުރުކުރުމާ ގުޅިގެން، ޗައިނާ އާއި އެމެރިކާގެ ޖައްވީ ވާދަވެރިކަމުގައި އިތުރު ނުތަވަނަސްކަމެއް އުފެދެން ފަށައިފި އެވެ.

އެމެރިކާގެ ސްޕޭސް އެކްސް ޕްރޮގްރާމްގައި ހިމެނޭ ދެ ސެޓެލައިޓެއް، ޗައިނާގެ ޖައްވީ ސްޓޭޝަންއާ ވަރަށް ކައިރިން ދަތުރުކުރުމާ ގުޅިގެން، ޗައިނާ އާއި އެމެރިކާގެ ޖައްވީ ވާދަވެރިކަމުގައި އިތުރު ނުތަވަނަސްކަމެއް އުފެދެން ފަށައިފި އެވެ.

މިއަހަރުގެ ތެރޭގައި ކުރިމަތިވި ދެ ހާލަތުގައި ވެސް ޗައިނާގެ ޖައްވީ ސްޓޭޝަންގެ ފަޅުވެރިން ވަނީ، ޖައްވީ ސްޓޭޝަން، އެމެރިކާގެ ސެޓެލައިޓާ މުޑިއެރިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅައިފަ އެވެ. މިއަހަރުގެ ކުރީކޮޅު، އެމެރިކާގެ ސްޕޭސް އެކްސް ޕްރޮގްރާމްގެ ސެޓެލައިޓެއް، ޗައިނާގެ ޖައްވީ ސްޓޭޝަނާ ހަތަރު ކިލޯމީޓަރު (2.5 މޭލު) ކައިރިން ދަތުރުކުރި އެވެ.

އޭގެ އިތުރުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި، ޗައިނާގެ ޖައްވީ ސްޓޭޝަނާ 1000 މީޓަރަށް ވުރެ ވެސް ކައިރިން، އެލަން މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ސެޓެލައިޓެއް ދަތުރުކުރި އެވެ. މި ދެ ހާދިސާގައި ވެސް، ޗައިނާގެ ޖައްވީ ސްޓޭޝަންގެ ފަޅުވެރިން ވަނީ، ސެޓެލައިޓާ މުޑިނާރާނެކަން ކަށަވަރުކުރުމުގެ ގޮތުން، ޖައްވީ ސްޓޭޝަން އޭގެ އަސްލު އޯބިޓަށް ވުރެ ތިރިއަށް ޖައްސައިފަ އެވެ.

މި ދެ ހާދިސާއާ ގުޅިގެން، ޗައިނާ އިން ވަނީ އެމެރިކާގެ ސްޕޭސްއެކްސް ޕްރޮގްރާމްގެ ސެޓެލައިޓްތަކުގެ ހަރަކާތްތަކުން، ޗައިނާގެ ޖައްވީ ސްޓޭޝަނަށް ނުރައްކާ ކުރިމަތިވާ ކަމަށް ބުނެ، އދ.ގައި އޮންނަ ޖައްވީ ހަރަކާތްތައް ބަލަހައްޓާ ކޮމިޓީއަށް މެމޯއެއް ހުށަހަޅައިފަ އެވެ. ޗައިނާގެ މި ޝަކުވާއާ ގުޅިގެން، ޖައްވުގެ ތިރީ އޯބިޓް ފުނިޖެހުން ކުޑަކުރުމާ ގުޅޭ ގޮތުން، ބައިނަލްއަގުވަމީ ފެންވަރުގައި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެ އެވެ.

މިހާރު ވެސް ވިޔަފާރި އުސޫލުން ބޭނުންކުރާ 4800 އަށް ވުރެ ގިނަ ސެޓެލައިޓް، މިބިމުގެ ވަށައިގެން ޖައްވުގެ ތެރޭގައި ބުރުޖަހަމުންދެ އެވެ. އެއީ މީގެ ފަސް އަހަރުގެ ކުރިއާ އަޅައި ބަލާއިރު ފަސް ގުނަ އިތުރު އަދަދެކެވެ. އޭގެ އިތުރުން، ބާވެ ހަލާކުވެފައިވާ ރޮކެޓްތަކުގެ ބައިތަކާއި ސެޓެލައިޓްތަކުގެ ބައިތަކާއެކު، ރާޑަރުތަކަށް ދެނެގަނެވޭ ބޮޑުމިނުގެ 19000 އަށް ވުރެ ގިނަ ޖައްވީ ކުނިގަނޑު މި ބިމުގެ ވަށައިގެން ބުރުޖަހަމުންދެ އެވެ.

ޖައްވުގެ ތެރޭގައި އެކި ގައުމުތަކުން ހިންގާ އަޖުމަބެލުމުގެ ހަރަކާތްތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ވެސް މީގެ ކުރިން ނުރައްކާތައް ކުރިމަތިވެފައިވެ އެވެ. އެ ގޮތުން ޗައިނާ އިން ސެޓެލައިޓާ ދެކޮޅަށް ބޭނުންކުރުމަށް އެފެއްދި ހަތިޔާރެއް 2007 ވަނަ އަހަރުގެ ތެރޭގައި، ޖައްވުގައި އަޖުމަބެލުމުގެ ސަބަބުން، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ނުރައްކާތަކެއް ކުރިމަތިވި ކަމަށް، އެމެރިކާ އިން ބުނެ އެވެ.

އޭގެ އިތުރުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރަޝިޔާއިން ޖައްވުގެ ތެރޭގައި މިސައިލެއް ގޮއްވައިލުމުގެ ސަބަބުން، ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔަ ޖައްވީ ކުނިތަކުގެ ސަބަބުން ވެސް، ޖައްވީ ސްޓޭޝަނަށް ނުރައްކާތަކެއް ކުރިމަތިވި ކަމަށް އެމެރިކާ އިން ބުންޏެވެ.